Advertisement

ސަޕޯޓަރުންކުރާ ހުރިހާ ކަމެއް ރަޝިއާ ކޯޗަށް މުހިއްމެއް ނޫން

16 ޖޫން 2021 - 10:54 0

ރަޝިއާގެ ކޯޗު ސްޓަނިސްލާވް ޗެރްޗެޝޯފް.-- ފޮޓޯ: އޭއެފްޕީ


ސަޕޯޓަރުންކުރާ ހުރިހާ ކަމެއް ރަޝިއާ ކޯޗަށް މުހިއްމެއް ނޫން

16 ޖޫން 2021 - 10:54 0

ޕީޓާސްބާގް، ރަޝިއާ (ޖޫން 16) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރަނގަޅު ކަންތައްތަކެއް ހާސިލްކުރަން ބޭނުންވާ ކަމަށާއި އެ މަސައްކަތުގައި އުޅޭއިރު، ރަޝިއާގެ ސަޕޯޓަރުން ކުރާ ހުރިހާ ކަމެއް މުހިއްމެއް ނޫން ކަމަށް އެ ޓީމުގެ ކޯޗު ސްޓަނިސްލާވް ޗެރްޗެޝޯފް ބުނެފި އެވެ.

މި ފަހަރުގެ ޔޫރޯގައި ރަޝިއާ ކުޅުނު ފުރަތަމަ މެޗުން ބެލްޖިއަމް އަތުން ވަނީ 3-0 އިން ބަލިވެފަ އެވެ. އެ މެޗުގެ ކުރިން ބެލްޖިއަމް ކުޅުންތެރިން ނަސްލީ ތަފާތު ކުރުންތަކާ ދެކޮޅަށް ޝުއޫރުފާޅުކުރުމުގެ ގޮތުން ކަކޫޖައްސައިގެން އިށިންއިރު، ރަޝިއާގެ ބައެއް ސަޕޯޓަރުން ވަނީ އަޑުގަދަ ކޮށްފަ އެވެ. އެކަމާ ގުޅިގެން މިރޭ ރަޝިއާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ކަކޫޖައްސައިގެން އިށީނުމާ މެދު ފިންލެންޑުން އަންނަނީ ވިސްނަމުންނެވެ.

ޗެރްޗެޝޯފް ބުނީ ރަޝިއާ ސަޕޯޓަރުންގެ ކޮންމެ ކަމެއްގެ ވާހަކަ އޭނާ ދެއްކުން ކަަމަކު ނުދާނެ ކަމަށެވެ.

"ބެލްޖިއަމް މެޗުގައި ތިބުނާ އަޑުތަކެއް އަހަންނަށް ނީވޭ. ވެދާނެ އަހަރެން މެޗަށް މާ ބޮޑަށް ސަމާލުކަން ދީގެން ހުރީމަ ކަމަށް. ތި ކަންކަމާ ބެހޭގޮތުން އަހަންނަށް ބުނެވޭނެ ހަމައެކަނި އެއްޗަކީ ކޮންމެ މީހަކަށް އެބައޮތް އެ މީހެއް އަމިއްލަ އަށް އުޅޭނެ ގޮތެއް ނިންމުމުގެ. އަހަރެން މި ވަގުތަށް ވިސްނަނީ ޓީމު މޮޅުކޮށްދޭން. ސަޕޯޓަރުންގެ ހުރިހާ ހަރަކާތަކަށް ނޫން،" ޗެރްޗެޝޯފް ބުންޏެވެ.

ބެލްޖިއަމް އަތުން ރަޝިއާ ބަލިވިއިރު، އެ ޓީމުގެ ފަރާތުން ގިނަ ގޯސްތަކެއް ފެނުނެވެ. ރަޝިއާގެ ސަޕޯޓަރުން ވަނީ އެ ކަމަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. ޗެރްޗެޝޯފް ބުނީ އެ ފާޑުކިޔުންތައް ރަނގަޅު ކަމަށާއި ބެލްޖިއަމް މެޗު ދިޔައީ ރަނގަޅަށް ނޫން ކަމަށެވެ.

"އެ ކަންކަން ރަނގަޅު ކޮށްގެން ފިންލެންޑާ ދެކޮޅަށް ނުކުންނާނީ. ނަތީޖާ ނެރެވޭނެ،" މީގެ ތިން އަހަރު ކުރިން ރަޝިއާގައި ބޭއްވި ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް އެ ޓީމު ގެންގޮސްދިން ޗެރްޗެޝޯފް ބުންޏެވެ.

ރަޝިއާގެ ނަމުގައި ކުޅެން ފެށި ފަހުން އެ ޓީމުން ވަނީ ފިންލެންޑާ ދެކޮޅަށް ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެފަ އެވެ. އެ މެޗުތަކުގައި ފިންލެންޑްގެ ހަމައެކަނި ގޯލު ރަޝިއާ ކޮޅަށް ޖެހިއިރު، އެ ޓީމުގެ ގޯލުގައި ހުރީ މިހާރުގެ ކޯޗު ޗެރްޗެޝޯފް އެވެ. އެއީ 1995 ވަނަ އަހަރު ކުޅުނު ޔޫރޯ ކޮލިފައިން މެޗެއްގަ އެވެ.

ރަޝިއާ އިން ހިސާބުޖަހާފައި އޮންނާނީ ފިންލެންޑްގެ ތިން ޕޮއިންޓް ލައިގެން: ފިންލެންޑް ކޯޗު

ފިންލެންޑްގެ ކޯޗު މާކޫ ކަނޭރްވާ ވަނީ މީގެ ކުރިން އެ ގައުމުގެ ޖޯޒީގައި ރަޝިއާއާ ދެކޮޅަށް ކުޅެފަ އެވެ. އެއީ 1996 ވަނަ އަހަރުގެ ޔޫރޯ ކޮލިފައިންގައި ފިންލެންޑް އަމިއްލަ ދަނޑުގައި 6-0 އިން ރަޝިއާ އަތުން ބަލިވި މެޗުގަ އެވެ. އެ މެޗުގައި މިހާރު ރަަޝިއާގެ ކޯޗު ޗެރްޗެޝޯފް ވެސް ކުޅުނެވެ.

ފިންލެންޑްގެ ކޯޗު ކަނޭރްވާ.-- ފޮޓޯ: އޭއެފްޕީ


މި ފަހަރުގެ ޔޫރޯ އަކީ ބައިނަލްއަގުވާމީ މުބާރާތެއްގައި ފިންލެންޑް ކުޅޭ ފުރަތަމަ ފަހަރެވެ. އެ ޓީމުން މުބާރާތް ފެށީ ޑެންމާކު އަތުން މޮޅުވެގެންނެެވެ. އެކަމަކު އެ މެޗުގެ އެ ހާއްސަ ކާމިޔާބީގެ ހުރިހާ އުފަލެއް ފިންލެންޑަށް ނުލިބުނެވެ. އެއީ ދަނޑު މައްޗަށް ހޭނެތިގެން ވެއްޓި ޑެންމާކްގެ ކްރިސްޓިއަން އެރިކްސަން އަށް ދިމާވި ހާދިސާއާ ގުޅިގެންނެެވެ. އެރިކްސަންގެ ހާލު ރަނގަޅުވަމުން ދާތީ އެ މެޗު ދެ ގަޑިއިރެއްހާއިރުގެ މެދުކެނޑުމަކަށް ފަހު އަލުން ފެށިއިރު، ފިންލެންޑް މޮޅުވީ 1-0 އިންނެެވެ.

މިރޭ ރަޝިއާ އަތުން މޮޅުވެގެން ފިންލެންޑަށް މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ކަށަވަރުކުރާ ފުރަތަމަ ޓީމުގެ ޝަރަފް ހޯދިދާނެ އެވެ. އެކަމަކު ރަޝިއާ އަތުން ޕޮއިންޓެއް ލިބުނަސް ހިތްހަމަޖެހޭނެ ކަމަށް ކަނޭރްވާ ވަނީ ބުނެފަ އެވެ.

"ވަރަށް އުނދަގޫވާނެ މެޗެއް ފަށައިގެން އެއްވަރުކުރަން ކުޅެން. އެކަމަކު މެޗުގެ އޮއެވަރު ދާގޮތުން އަހަރެމެންނަށް ޕޮއިންޓަކުން ވެސް ހިތްހަމަޖެހޭނެ ހާލަތެއް އައިސްފާނެ،" ކަނޭރްވާ ބުންޏެވެ.

ފިންލެންޑް ގައުމީ ޓީމުތަކުގައި 15 އަހަރަށް ވުރެ ގިނަ ދުވަހު އެކި މަގާމުތަކުގައި ކޯޗިންގެ މަސައްކަތްކުރި ކަނޭރްވާ ބުނީ ޑެންމާކު މެޗަށް ވުރެ ރަނގަޅަށް ރަޝިއާއާ ދެކޮޅަށް ފިންލެންޑުން ކުޅެން ޖެހޭ ކަމަށެވެ. އަދި ފައިދާ ނެގެން އޮތް ގޮތަކަށް މެޗުން މޮޅުވާން މަސައްކަތްކުރަން ކަނޭރްވާ ބޭނުންވެ އެވެ.

"ފުރަތަމަ މެޗުން ބަލިވެފައި އޮތީމަ ރަޝިއާ އަށް މި މެޗުން އަހަރެމެން އަތުން މޮޅުވުން ނޫން ގޮތެއް ނެތް. އެ މީހުން ތިބޭނީ އަހަރެމެން އަތުން ތިން ޕޮއިންޓް ނެގޭނެ ކަމަށް ހިސާބު ޖަހައިގެން. އެ މީހުން ކުރިއަށް ޖެހިގެން ކުޅެން މަޖުބޫރުވާނެ. އެ ކަހަލަ ވަގުތެއްގައި އަހަރެެމެންނަށް ކުރިން ގޯލެއް ޖެހިއްޖެނަމަ ދެން މީގެ ތަފާތު ކަންތައްތަކެއް ކުރެވިދާނެ. ރަޝިއާގެ މެންޓަލް ސްޓްރެންތު ޓެސްޓްކުރެވޭނެ،" ކަނޭރްވާ ބުންޏެވެ.

ފިންލެންޑުން ވަނީ މި ފަހަރުގެ ޔޫރޯ ކޮލިފައިންގައި ހަ މެޗުގައި ބައިކޮޅަށް ގޯލެއް ވަަނަނުދީ ހިފަހައްޓައިފަ އެވެ. އަދި މި ފަހަރުގެ ޔޫރޯގައި ވެސް އެ ޓީމުން ފެށީ ރަނގަޅު ޑިފެންސިވް ކުޅުމަކާ އެކީ އެވެ. ޑެންމާކުގެ ގިނަ އެޓޭކްތަކެއް ހުއްޓުވި އެވެ.

ފިންލެންޑާއި ރަޝިއާ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 18:00 ގަ އެވެ.