ލިޒްބަން (ޖޫން 5) - ބްރޫނޯ ފެނާންޑޭސްގެ ދެ ގޯލާ އެކު ޕޯޗުގަލް އިން 4-2 އިން ފިންލެންޑް އަތުން މޮޅުވެއްޖެ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ޕޯޗުގަލް އިން 17 ވަނަ މިނިޓްގައި ލީޑުނެގީ ރުބެން ޑިއާޒް ޖެހި ގޯލުންނެވެ. މިއީ ވިޓީނިއާ ނެގި ކޯނަރަކުން ޑިއާޒް ބޮލުން ޖެހި ގޯލެކެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕޯޗުގަލް އިން ދެ ވަނަ ގޯލު ޖެހި އެވެ. އެ ގޮތުން، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޕެނަލްޓީ އަކުން މި ލަނޑު ޖެހީ، ޑިއޯގޯ ޖޮޓާ އެވެ. މި ޕެނަލްޓީ ދިނީ، ފިންލެންޑްގެ ޕެނަލްޓީ އޭރިއާތެރެއިން އެ ޓީމުގެ، އަންސީ ސުހޯނެން ޕޯޗުގަލްގެ ފްރަންސިސްކޯ ކޮންސެސާއޯ އަށް ފައުލުކުރުުމުންނެވެ.
ޕޯޗުގަލް އިން ދެ ވަނަ ހާފުގެ ކުޅުން ފެށިތާ 11 މިނިޓް ތެރޭ ތިން ވަނަ ލަނޑު ޖެހި އެވެ. މި ލަނޑު ޖެހީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ފެނާންޑޭސް އެވެ. ބަދަލަކަށް ކުޅެން އެރި ފެނާންޑޭސް މި ލަނޑު ޖެހީ އޭރިއާބޭރުންނެވެ.
ފިންލެންޑްގެ ތަޖުރިބާކާރު ފޯވާޑް، ޓީމޫ ޕޫކީ ވަނީ ހަތަރު މިނިޓް ތެރޭ ދެ ގޯލު ޖަހައި، އެ ޓީމަށް އުންމީދެއް ހޯދައިދީފަ އެވެ. ޕޯޗުގަލް އިން ފަސޭހަކޮށްލުމުގެ ފައިދާނަގައި، ޕޫކީ ވަނީ ރަނގަޅު ދެ ގޯލު ޖަހައިފަ އެވެ.
ޕޯޗުގަލްގެ ޕްރެޝަރު ކަނޑުވާލައިދިން ގޯލު ޖެހީ ފެނާންޑޭސް އެވެ. މިއީ ކޮންސެސާއޯ ދިން ބޯޅައަކުން ފެނާންޑޭސް ޖެހި ގޯލެކެވެ.
ރޭގެ މެޗުގައި، ޕޯޗުގަލްގެ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ ނުކުޅެ އެވެ. ޕޯޗުގަލް އިން ޔޫރޯ އަށް ތައްޔާރުވާން ހޮނިހިރު ދުވަހު ކްރޮއޭޝިއާއާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް ރޮނާލްޑޯ ނުފެންނާނެ އެވެ. ރޮނާލްޑޯ، އެނބުރި އަންނާނީ ޔޫރޯ އަށް ތައްޔާރުވާން ޕޯޗުގަލް އިން ކުޅޭ ފަހު މެޗުގަ އެވެ. އެ މެޗު އޮތީ އަންގާރަ ދުވަހު އަޔަލެންޑާ ދެކޮޅަށެވެ.
ރޮބާޓޯ މާޓިނޭޒްގެ ކޯޗުކަމުގައި ކުޅޭ ޕޯޗުގަލް އިން ޔޫރޯގައި ކުޅޭ ފުރަތަމަ މެޗުގައި މި މަހު 18 ވަނަ ދުވަހު ޗެކް ރިޕަބްލިކާ ބައްދަލުކުރާނެ އެވެ.
ޔޫރޯ އަށް ތައްޔާރުވާން ރޭ އިޓަލީ އާއި ތުރުކީ ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެގެންނެވެ.
Comment