Advertisement

ހިޔާލު ތަފާތު؛ ސަރުކާރުން ދެއްކީ އިންޑަސްޓްރިއަލް ވިލެޖަށް އޮތް އެހެން ޕްލޭނެއް

15 ޖޫން 2021 - 23:35 0

ނާޒިމް ހަސަން

ނާޒިމް ހަސަން

އިންޑަސްޓްރިއަލް ވިލެޖު ތަރައްގީ ކުރުމަށް ސަރުކާރުން ގެންގުޅޭ ގޮތުގެ ޕްލޭނުގެ ކުރެހުމެއް --


ހިޔާލު ތަފާތު؛ ސަރުކާރުން ދެއްކީ އިންޑަސްޓްރިއަލް ވިލެޖަށް އޮތް އެހެން ޕްލޭނެއް

15 ޖޫން 2021 - 23:35 0

ކުރީ ސަރުކާރުން ހިއްކައިގެން ހަދާފައިވާ އިންޑަސްޓްރިއަލް ވިލެޗް ތަރައްގީ ކުރާނެ ގޮތާމެދު ސިޓީ ކައުންސިލާއި ސަރުކާރާ ދެމެދު ހިޔާލު ތަފާތުވެއްޖެ އެވެ.

ކުރީގެ ހައުސިން މިނިސްޓަރު އަދި މިހާރު މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ބެއްލެވުމުގެ ދަށުން ހިއްކި އިންޑަސްޓްރިއަލް ވިލެޖަކީ، މާލޭގެ އެތެރޭގައި ހުރި ގުދަންތަކާއި ގަރާޖު ފަދަ ތަންތަން ބަދަލު ކުރުމަށް ހިއްކި ބިމެކެވެ.

އެ މަސައްކަތް ކުރީ ސަރުކާރުން ފެށި ނަމަވެސް، ސަރުކާރު ބަދަލުވުމުން އެކަން ހުއްޓުނެވެ. މިހާރުގެ ހައުސިން އަދި ޕްލޭން މިނިސްޓަރު މުހައްމަދު އަސްލަމް އެ ތަން ސިފަ ކުރައްވާފައިވަނީ "ޖަންކު ޔާޑެއް"ގެ ގޮތުގަ އެވެ.

އެ ތަނުގައި ގުދަންތަކާއި ގަރާޖުތައް ހިންގޭނެ ކަމަކަށް ސަރުކާރުން ގަބޫލެއް ނުކުރެ އެވެ.

މާލޭގައި ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ބޮޑު ހާދިސާއަށްފަހު ސަރުކާރުން ވަނީ ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރަން ނިންމާފަ އެވެ. އަދި، އެހެން ސިނާއީ މަސައްކަތްތައް ހުޅުމާލެއަށް ނޫނީ ބްރިޖު އަޅައި ނިމުމުން ތިލަފުއްޓަށް ބަދަލު ކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅެ އެވެ.

މިރޭ ޕްލޭނިން މިނިސްޓްރީން ވަނީ އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދަށް މި ސަރުކާރުން ގެންގުޅޭ ޕްލޭން ހާމަކޮށްފަ އެވެ. އެ ޕްލޭން ހާމަކުރީ ސިޓީ ކައުންސިލުން މިރޭ މާލޭގެ ރައްޔިތުންނާއެކު ބޭއްވި ހިޔާލު ހޯދުމުގެ ބައްދަލުވުމުގަ އެވެ.

މާލެ ތަރައްގީ ކުރުމަށް ސަރުކާރުން ގެންގުޅޭ ޕްލޭން


އެ ބައްދަލުވުމުގައި ޕްލޭނިން މިނިސްޓްރީން ދެއްކި ޕްރެޒެންޓޭޝަނުގައި ބުނި ގޮތުގައި، އެ ސަރަހައްދުގައި ސެންޓްރަލް ބަސް ޓާމިނަލް ގާއިމް ކުރާނެ އެވެ. އަދި، ޕާކިން ޒޯނަކާއި ގަަސް ހައްދައި، އާންމުންނަށް ހިތްހަމަޖައްސާލަން ގޮސް އުޅެވޭ ފެހި ބިންތައް ކަނޑައަޅާނެ އެވެ. އޭގެއިތުރަށް ބީޗު ކުޅިވަރު ކުޅެވޭނެ ތަންތަން ވެސް ކަނޑައަޅާނެ އެވެ.

ސަރުކާރުގެ މި ޕްލޭން ހާމަކޮށްފައިމިވަނީ، ސިޓީ ކައުންސިލްގެ އެކްޝަން ޕްލޭނުގައި އިންޑަސްޓްރިއަލް ވިލެޖަށް ގުދަންތަކާއި ގަރާޖުތައް ބަދަލު ކުރަން ނިންމާފައިވަނިކޮށެވެ. އަދި އެކަން ފެށުމަށް ސިޓީ ކައުންސިލުން ސާވޭއެއް ވެސް ފަށާފައިވަނިކޮށެވެ.

މިރޭގެ ބައްދަލުވުމުގައި މޭޔަރު މުއިއްޒު ވިދާޅުވި ގޮތުގައި، ސިޓީ ކައުންސިލުން އެގޮތަށް ނިންމާފައި އޮތް ނަމަވެސް، ކުރިއަށް ދާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ. އެ ސަރަހައްދު، ސަރުކާރާއި ސިޓީ ކައުންސިލްގެ ވިސްނުން އެއްކޮށް، މުޅި ޕްލޭނަށް ބަދަލު ގެނެސްގެން ވެސް ކުރިއަށް ގެންދެވިދާނެ ކަމަށެވެ.

"ރައްޔިތުން އެންމެ ބޭނުންވާ ގޮތަކަށް އެ ތަން ތަރައްގީ ވެގެން ދާނީ،" މުއިއްޒު ވިދާޅުވި އެވެ.

ބައްދަލުވުމުގައި ހިޔާލު ދިނުމަށް ހުޅުވާލި ފުރުސަތުގައި ހަސަން ޒަރީރު ކިޔާ މީހަކު ވަނީ އެ ސަރަހައްދު އެންމެ ރަނގަޅު ވާނީ ސިނާއީ މަސައްކަތްތަކަށް ދޫކޮށްލުން ކަމަށް ބުނެފަ އެވެ. އޭނާ ބުނި ގޮތުގައި މާލޭގެ ތެރެއިން ގަރާޖުފަދަ ތަންތަން ބޭރުވާން ޖެހޭ ކަމަށާއި އެކަމަށް އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށެވެ.

ތިން ސަތޭކައެއްހާ މީހުން ބައިވެރިވި ބައްދަލުވުމުގައި 100 އަށްވުރެ ގިނަ މީހުން ހިޔާލު ފާޅު ކުރުމަށް އެދުނު ނަމަވެސް، ފުރުސަތު ދެވުނީ އެންމެ ހަ މީހުންނަށެވެ. އެހެން ނަމަވެސް، ޒޫމް މެދުވެރިކޮށް ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި މެސެޖުގެ ޒަރިއްޔާއިން ބައެއް މީހުން ހިޔާލު ފާޅުކުރަމުން ދިޔަ އެވެ.

އެގޮތުން، ގިނަ ބައެއްގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެގެން ދިޔައީ ހުރިހާ ބިމެއް ގެދޮރު ދިނުމުގެ ބަދަލުގައި ޕާކް ފަދަ ކަންކަމަށް ބޭނުން ކުރުމެވެ. އެންމެ މުހިންމީ އަދި ބޭނުން ޖެހިފައިވަނީ ގެދޮރަށް ކަމަށާއި އެކަމަށް ވީހާވެސް ގިނަ ބިމެއް ކަނޑައަޅައިދިނުމަށް ގިނަ ބަޔަކު އެދުނެވެ.

އެގޮތުން، ގުޅީފަޅު ވެސް މާލޭ ރައްޔިތުންނަށް ގެދޮރު ދޫކުރުމަށް އެދިފައިވެ އެވެ. މި ސަރުކާރުގެ ވިސްނުން ހުރީ ގުޅީފަޅަށް ނޯތު ހާބަރު ބަދަލުކޮށް، މިހާރު ނޯތު ހާބަރު އޮތް ސަރަހައްދު، މީހުން ހިތްހަމަޖައްސާލަން ދާ ތަނެއްގެ ގޮތުގައި ތަރައްގީ ކުރުމަށެވެ.

ނަމަވެސް، ސިޓީ ކައުންސިލުން ބޭނުން ވަނީ ބަނދަރު ތިލަފުށީގައި އަޅައި، ގުޅީފަޅު ގެދޮރަށް ދޫކޮށްލުމެވެ. އެކަމަށް މޭޔަރު މުއިއްޒު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކިބައިން ވެސް އެދިވަޑައިގެންފަ އެވެ. އެއީ، ކުރީ ސަރުކާރުން ގުޅީފަޅާއި ތިލަފުށި ތަރައްގީ ކުރަން ވިސްނާފައި އޮތް ގޮތެވެ.