Advertisement

ރާއްޖޭގެ ބެޑްމިންޓަން އަމްޕަޔަރު ޝިހާމް އޮލިމްޕިކްސް އަށް

15 ޖޫން 2021 - 17:58 0


ރާއްޖޭގެ ބެޑްމިންޓަން އަމްޕަޔަރު ޝިހާމް އޮލިމްޕިކްސް އަށް

15 ޖޫން 2021 - 17:58 0

އަންނަ މަހު ޖަޕާނުގެ ޓޯކިޔޯގައި ފަށާ އޮލިމްޕިކްސްގެ ބެޑްމިންޓަން އިވެންޓުގައި އިންސާފުކުރުމުގެ ފުރުސަތު ރާއްޖޭގެ ކުޅަދާނަ ބެޑްމިންޓަން އަމްޕަޔަރު އަހުމަދު ޝިހާމް (ޕުޗު) އަށް ލިބިއްޖެ އެވެ.

މި ފުރުސަތާ އެކު ޕުޗު ވެފައިވަނީ ދުނިޔޭގެ ފެންވަރުގެ ބޮޑު ދެ މުބާރާތެއްގައި ރާއްޖޭ ތަމްސީލްކުރާނެ ފުރަތަމަ ބެޑްމިންޓަން އަމްޕަޔަރަށެވެ. އޭނާ ވަނީ 2017 ވަނަ އަހަރު ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕެއްގައި އިންސާފުކުރި ފުރަތަަމަ އަމްޕަޔަރުގެ ޝަރަފް ހޯދައިފަ އެވެ.

އޮލިމްޕިކްސްގެ ބެޑްމިންޓަން އިވެންޓުގައި ރާއްޖެ އިން އޮފިޝަލްކަން ކުރާނެ ރާއްޖޭގެ ދެ ވަަނަ އަމްޕަޔަރަކީ ޕުޗު އެވެ. މީގެ ކުރިން 2016 ވަނަ އަހަރު ބްރެޒިލްގެ ރިޔޯގައި ބޭއްވި އޮލިމްޕިކްސްގައި ރާއްޖޭގެ އަމްޕަޔަރު އަހުމަދު އަބްދުލް ކަރީމް (ޒޯލާ) ވަނީ އިންސާފުކޮށްފަ އެވެ.

ރާއްޖޭގައި ބާއްވާ އިންޓަނޭޝަނަލް މުބާރާތްތަކުގެ އިތުރުން ޕުޗު ވަނީ މީގެ ކުރިން ފާހަގަކޮށްލެވޭ ބައިނަލްއަގުވާމީ ފެންވަރު ރަަނގަޅު ގިނަ މުބާރާތްތަކެއްގައި އިންސާފުކޮށްފަ އެވެ. އެ ގޮތުން 2017 ވަނަ އަހަރު ސްކޮޓްލޭންޑްގެ ގްލާސްގޯގައި ކުރިއަށްދިޔަ ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕްގައި އޮފިޝަލްކަން ކުރި އެވެ. އަދި ވިއެޓްނާމްގައި އޮތް ހެނޯއީ އިންޓަނޭޝަނަލް ޗެލެންޖުގައި ވެސް އޮފިޝަލްކަން ކުރި އެވެ.

ސަރަހައްދީ މުބާރާތްތަކުގެ އިތުރުން ޕުޗު ވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ވެސް އިންސާފުކޮށްފަ އެވެ.

ރާއްޖޭގެ ރެފްރީންނާއި އޮފިޝަލުން ވަނީ ބައިނަަލްއަގުވާމީ ބޮޑެތި މުބާރާތްތަކުގައި ރެފްރީކަން ކޮށްފަ އެވެ. އެ ގޮތުން 2002 ވަނަ އަަހަރުގެ ފީފާ ވޯލްޑް ކަޕްގައި ރެފްރީ މުހައްމަދު ސައީދު ވަނީ ލައިންސަަމަނެއްގެ ޒިންމާ އުފުލައިފަ އެވެ. ރާއްޖޭގެ ބީޗްވޮލީބޯޅަ ރެފްރީ އަދި މި ވަގުތު ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަނަކަށް ހުންނެވި ހުސެއިން މުހައްމަދު (ވޮލީ ހުސެން) ވަނީ ދުނިޔޭގެ ފެންވަރުގެ ބީޗް ވޮލީ ސީރީސްއެއް ކަމަށްވާ އެފްއައިވީބީގެ ވޯލްޑް ޓުއާގައި އިންސާފުކޮށްފަ އެވެ. އަދި އޭޝިއަން ގޭމްސް އިން ވެސް ފުރުސަތު ހޯދި އެވެ.

ނެޓްބޯޅަ އަށް ބަލާއިރު، އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗެއްގެ އޮފިޝަލްކަން ރާއްޖޭގެ ރެފްރީ ރިލްވާން އާދަމް ވެސް ވަނީ ކޮށްފަ އެވެ.

އަންނަ މަހުގެ އޮލިމްޕިކްސްގައި ވާދަކުރުމުގެ ފުރުސަތު މިހާތަނަށް ލިބުނީ ރާއްޖޭގެ ތިން އެތުލީޓުންނަށެވެ. އެއީ ބެޑްމިންޓަނުން ފާތިމަތު ނަބާހާ އާއި ސްވިމިން އިން އައިޝަތު ޝައުސަން އާއި އަލީ އިމްއާން އަށެވެ. އެތުލެޓިކްސް އިން ވާދަކުރާ އެތުލީޓު ހޮވާނީ ޓައިމް ޓަރަޔަލްސްތައް ބޭއްވުމަށް ފަހު އެވެ.

އޮލިމްޕިކްސް ތާވަލުކޮށްފައިވަނީ އަންނަ މަހުގެ 23 އިން އޮގަސްޓް އަށް ވަަނަ ދުވަހަށެވެ.