Advertisement

ރާއްޖޭގައި ބޮޑަށް ފެތުރިފައިވަނީ އިންޑިއާ ވޭރިއެންޓް

15 ޖޫން 2021 - 16:58 1

ނާޒިމް ހަސަން

ނާޒިމް ހަސަން

މާލޭގައި ބަޔަކު މަޑުކޮށްލައިގެން: ރާއްޖޭގައި ބޮޑަށް ފެތުރިފައިވަނީ އިންޑިއާ ވޭރިއެންޓު


ރާއްޖޭގައި ބޮޑަށް ފެތުރިފައިވަނީ އިންޑިއާ ވޭރިއެންޓް

15 ޖޫން 2021 - 16:58 1

ރާއްޖޭގެ ކޮވިޑްގެ ހާލަތު ގޯސްވުމާއެކު، ހާލަތު ދެނެގަތުމަށްޓަކައި ތަހުލީލު ކުރުމަށް ބޭރަށް ފޮނުވި ސާމްޕަލްތަކުގެ ނަތީޖާއިން ރާއްޖޭގައި އިންޑިއާ ވޭރިއެންޓް ފެތުރިފައިވާކަން ހާމަވެއްޖެ އެވެ.

ބޭރަށް ފޮނުވައިގެން ތަހުލީލުކުރި ސާމްޕަލްތަކުގެ ނަތީޖާ ލިބުނު ގޮތް ހާމަކޮށްފައިވާއިރު، އޭގެ ތެރެއިން 27 ޕަސެންޓް ސާމްޕަލުން ފެނިފައިވަނީ އިންޑިއާގެ ދެވަނަ ރާޅުގައި ހަލުވިކަމާއެކު ފެތުރެމުންދިޔަ ވޭރިއެންޓެވެ.

އެއީ، ރާއްޖޭގައި އެންމެ ބޮޑަށް ފެތުރިފައިވާ ވޭރިއެންޓެވެ.

ދެން އެންމެ ބޮޑަށް ފެތުރުފައިވަނީ އިނގިރޭސިވިލާތުން ފެނުނު ވޭރިއެންޓެވެ. އެ ވޭރިއެންޓް، ތަހުލީލު ކުރަން ފޮނުވި ސާމްޕަލްތަކުގެ 20 ޕަސެންޓުން ވަނީ ފެނިފަ އެވެ.


އިންޑިއާއިން ފެނުނު ވޭރިއެންޓަށް ދީފައިވާ ނަމަކީ ޑެލްޓާ އެވެ. އަދި ޔޫކޭއިން ފެނުނު ވޭރިއެންޓަށް ސައިންސްވެރިން ދީފައިވާ ނަމަކީ އަލްފާ އެވެ.

ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި، ދަތުރުކުރުމާއި ރާއްޖެއަށް ވެސް އެހެން ގައުމުތަކުން މީހުން އަންނާތީ، އެހެން ގައުމުތަކެކޭ ވެސް އެއްގޮތަށް އާ ވޭރިއެންޓްތައް ފެތުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ވެސް ތަހުލީލުތައް ހެދުމަށް ބޭރަށް ސާމްޕަލްތައް ފޮނުވުމުގެ މަސައްކަތްތައް ކުރަމުންދާނެ ކަމަށެވެ.

އިންޑިއާ ވޭރިއެންޓު އެންމެ ފުރަތަމަ ފެނުނީ މިދިޔަ އޮކްޓޯބަރު މަހު އިންޑިއާއިންނެވެ.

އިންޑިއާގެ ބޭރުން އެ ވޭރިއެންޓުގެ ސަބަބުން އެންމެ ގިނަ ކޭސް ރިޕޯޓުކޮށްފައި ވަނީ އިނގިރޭސި ވިލާތުގަ އެވެ. އެ ވޭރިއެންޓަކީ ކަންބޮޑުވާން ޖެހޭ ވޭރިއެންޓެއް ގޮތަށް ޑަބްލިއުއެޗްއޯއިން ވަނީ ކަނޑައަޅާފަ އެވެ.

އިންޑިއާ ވޭރިއެންޓާ އެކު އިނގިރޭސި ވިލާތާއި ބްރެޒިލް އަދި ދެކުނު އެފްރިކާއިން ފެނުނު ވޭރިއެންޓުތައް ވެސް ލިސްޓުކޮށްފައި ވަނީ ކަންބޮޑުވާން ޖެހޭ ވޭރިއެންޓުތަކުގެ ގޮތުގަ އެވެ. މި ވޭރިއެންޓުތަކަކީ އޮރިޖަނަލް ވައިރަހަށް ވުރެ ނުރައްކާތެރި ވައިރަސްތަކެވެ.

އޮރިޖިނަލް ވައިރަހަށް ބަދަލު އައިސްގެން އުފެދިފައިވާ މި ހުރިހާ ވޭރިއެންޓެއް ވެސް މާ ހަލުވިކޮށް ފެތުރި، ބަލިވާ މިންވަރު އިތުރުވެ، ވެކްސިނާއި ބޭހުން ކުރާ އަސަރު ކުޑަ ކުރުވަ އެވެ.

އިންޑިއާއަށް ދިމާވެފައިވާ ކޮވިޑުގެ ދެ ވަނަ ރާޅުގައި ހާލަތު އެހާ ބޮޑަށް ގޯސްވެފައި ވަނީ އެ ވޭރިއެންޓުގެ ސަބަބުން ތޯ ބެލުމުގެ ދިރާސާތައް ދަނީ ކުރަމުންނެވެ.

ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި ވޭރިއެންޓްތަކުން ބަލި ޖެހުން މިހާރު ބޭނުން ކުރަމުންދާ ވެކްސިންތަކުން ކިހާ މިންވަރަކަށް ކުޑަކުރުވާތޯ މިހާރު ވެސް ދިރާސާތައް ކުރަމުންދާ ކަމަށެވެ.