Advertisement

"އެންމެން ވެސް ބޭނުންވަނީ ކަންޓޭ"

15 ޖޫން 2021 - 16:18 0


"އެންމެން ވެސް ބޭނުންވަނީ ކަންޓޭ"

15 ޖޫން 2021 - 16:18 0

"ކޮންމެ މީހެއް ވެސް ބޭނުންވަނީ ކަންޓޭ. ކަންޓޭ ބޭނުން ނުވާނެ ޓީމެއް ނުހުންނާނެ،"

މިއީ 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ފްރާންސް ހޯދި މެޗަށް ފަހު ބޭއްވި އުފާފާޅުކުރުމުގެ ތެރެއިން ހުނަރުވެރި މިޑްފީލްޑަރު އެންގޯލޯ ކަންޓޭއާ ބެހޭގޮތުން ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނި ވާހަކަ އެކެވެ.

މިއީ ހަމައެކަނި ޑެޝޯމްޕްސް ދެއްކި ވާހަކައެއް ނޫނެވެ. މި ވާހަކަ ދެއްކި ކޯޗުންގެ ލިސްޓެއް ހަދާނަމަ ވަރަށް ދިގުވާނެ އެވެ. މަޝްހޫރު ނަންތަކަށް އެކަނި ބަލާނަމަ ޑެޝޯމްޕްސްގެ އިތުރުން ދެން ހިމަނަން ޖެހޭ ކޯޗުންނަކީ ލެސްޓާ ސިޓީގެ ކުރީގެ ކޯޗު ކްލައުޑިއޯ ރަނިއޭރީ، ޗެލްސީގެ ކޯޗުންގެ ގޮތުގައި ކާންޓޭ އަށް އިރުޝާދުދިން އެންޓޯނިއޯ ކޮންޓޭ، މައުރީޒިއޯ ސާރީ، ފްރޭންކް ލަމްޕާޑް އަދި ތޯމަސް ޓުޗެލް ހިމެނެ އެވެ.

ރަޝިއާ ވޯލްޑް ކަޕްގެ ތެރެއިން ކަންޓޭ (ކ) އާއި ފްރާންސްގެ ރައީސް މެކްރަން.


މި ލިސްޓަށް ކޯޗެއްގެ ހައިސިއްޔަތުން ނޫން ގޮތަށް އަރަން ޖެހޭ ފަރާތްތަކެއް ވެސް އެބަހުއްޓެވެ. އޭގެ ތެރޭގައި ފްރާންސްގެ ރައީސް އެމަނުއަލް މެކްރަން ވެސް ހިމެނިވަޑައިގަންނަވަ އެވެ. ދާދި ފަހުން މެކްރަން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ކަންޓޭގެ ދައުރާ އެކު ފްރާންސް އިން މި ފަހަރުގެ ޔޫރޯގެ ޗެމްޕިއަންކަން ހޯދައިފިނަމަ ކަންޓޭ އަަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ފްރާންސް ފުޓްބޯލް އިން ދޭ "ބެލޮންޑިއޯ އެވޯޑް" ލިބެން ޖެހޭނެ ކަމަށެވެ.

"ކީއްވެ ނުލިބެންވީ. ކަންޓޭ އަކީ އެންމެން ވެސް ގަޔާވާނެ ކުޅުންތެރިއެއް،" މެކްރަން ވިދާޅުވި އެވެ.

މިދިޔަ ޖެނުއަރީ މަހު ޗެލްސީއާ ހަވާލުވި ކޯޗު ޓުޗެލް، އެ ޓީމު ގޮވައިގެން ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދިއިރު، ސެމީ ފައިނަލުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު ދެ މެޗާއި ފައިނަލުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ކަންޓޭ އެވެ.

"އެންމެން ކަންޓޭ ދެކެ ލޯބިވޭ. މިހާރު އަހަރެންގެ އާއިލާ އިން ވެސް އެންމެ ލޯބިވާ މީހުންގެ ތެރޭގައި ކަންޓޭ ހިމެނޭ،" ޗެމްޕިއަންސް ލީގުގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ޓުޗެލް ބުންޏެވެ.

ކަންޓޭ ދެކެ މީހުން ގަޔާވާ ސަބަބުތަކާއި ތަފާތު ވާހަކަތައް

ފްރާންސްގެ ޕެރިހަށް ހިޖުރަކުރި ރެފިއުޖީންގެ ތެރެއިން މާލީގެ މުސްލިމް އާއިލާ އަކަށް އުފަން ކަންޓޭ އެންމެ ޒުވާން އުމުރުން ފެށިގެން ވެސް މަސައްކަތް ކުރަން ޝައުގުވެރިވެ އެވެ. އެ ގޮތުން ކަންޓޭ ވަނީ ޒުވާން އުމުރުގައި ބައްޕައާ އެކު މަސައްކަތަށް ނުކުމެފަ އެވެ. އެއީ ކަންޓޭގެ އާއިލާ މެމްބަރުން އޭނާ އަށް އެހާ ބޮޑު ލޯތްބެއް ޖެހުނު ސަބަބެވެ.

އިސްކޮޅުން ކުރުވުމުގެ ސަބަބުން ފްރާންސްގެ އެންމެ ބޮޑު ފުޓްބޯޅަ އެކެޑަމީ ކްލެއާފޮންޓެއިން އިން ކަންޓޭ އަށް ޖާގަ ނުލިބުނެވެ. އެކަމަކު ކާމިޔާބު ފުޓްބޯޅަ ކުޅުންތެރިއަކަށް ވުމުގެ އުއްމީދު ދޫކޮށްނުލައި ކަންޓޭ އެންމެ ފުރަތަމަ ކުޅުނީ އޭނާ ދިރިއުޅޭ ސަރަހައްދުގެ ޓީމަށް އުމުރުން އަށް އަހަރުގަ އެވެ. އެ ޓީމުގެ ނަމަކީ ޖޭއެސް ސުރެސްނެސް އެވެ. އެ ޓީމުގައި ކަންޓޭގެ ކުޅުން ފެނިގެން 2010 ވަނަ އަހަރު ބޮލޯން ރިޒާވް ޓީމުން ލިބުނު ފުރުސަތުގެ ބޭނުންހިފި އެވެ. އެ ޓީމުގައި ކެނޑިނޭޅި ކުރަމުން އައި މަސައްކަތަށް ފަހު ކަންޓޭ އަށް ޓީމަށް ރަނގަޅަށް މެޗުތަަކުގައި ކުޅެލުމުގެ ފުރުސަތު ލިބުނީ 2011 ވަނަ އަހަރު ކަންޓޭގެ އުމުރުން 19 އަހަރުގަ އެވެ.

"ކަމެއް ދަސްކުރަން. ދޭ އިރުޝާދެއް އަޑުއަހަން ކަންޓޭ ދުވަހަކު ވެސް ނޫނެކޭ ނުބުނާނެ. މާ ގިނަ ވާހަކައެއް ނުދެއްކިޔަސް ކުރަން ޖެހޭ ކަމެއް ބަރާބަރަށް ކުރާނެ،" ކަންޓޭއާ ބެހޭގޮތުން އޭނާ އަށް އެންމެ ފުރަަތަމަ ކޯޗުކޮށްދިން ޕިއޭ ވީލް ބުންޏެވެ.

ބޮލޯންގައި ދެ އަހަރު ދެއްކި ކުޅުމުން 2013 ވަނަ އަހަރު ކަންޓޭގެ ސޮއި ހޯދީ ކާއެން އިންނެވެ. އެ ޓީމުގައި ވެސް ރަނގަޅު ކުޅުމެއް ދައްކަމުން ދަނިކޮށް ކަންޓޭ ގެންދަން ޝައުގުވެރިވީ އިނގިރޭސި ޕްރިމިއާ ލީގުގެ ލެސްޓާ ސިޓީންނެވެ. ލެސްޓާ އިން ވަނީ 2015 ވަނަ އަހަރު 10 މިލިއަން ޑޮލަރު ދިނުމަށް ފަހު ކަންޓޭގެ ގެންގޮސްފަ އެވެ.

ލެސްޓާ އިން ގިނަ ބަޔަކު ހައިރާންކޮށްލުމަށް ފަހު 2015-2016 ވަނަ އަހަރުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދިއިރު، ޓީމުގެ މެދުތެރޭގައި ކަންޓޭ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެެވެ. އެ ފަހަރު އޭނާ ދެއްކި ކުޅުމުގެ ސަބަބުން ޗެލްސީގެ ކޯޗަކަށް އޭރު ހުރި ކޮންޓޭ އެ ކްލަބްގެ މެނޭޖްމަންޓުގައި އެދުނީ ކަންޓޭ ގަނެދޭށެވެ.

ފްރާންސް ޓީމުގެ ކޭމްޕެއްގެ ތެރެއިން ކަންޓޭ ބައިސްކަލް ދުއްވަނީ


"ޗެލްސީން ހުށަހެޅުން ލިބުމާ އެކު ކަންޓޭ ފުރަތަމަ ވެސް ގުޅީ އަހަންނަށް. ވަރަށް ހިތްހެޔޮ ކަމާ އެކު ބުނެލީ ޗެލްސީން ލިބުނު ފުރުސަތު ދޫކޮށްލަން ބޭނުންނުވާ ކަމަށް. ކޯޗުގެ ކޮންމެ ނިންމުމަކަށް ވެސް އިހުތިރާމް ކުރާނެ ކަމަށް. އެއީ ކްލަބްގައި (ލެސްޓާގައި) ކަންޓޭ އަހަންނާ އެގޮތަށް އެންމެ ދިގުކޮށް ވާހަކަ ދެއްކި ފަހަރު. ކަންޓޭ އެހާ ސީދަލަށް ބުނީމަ އަހަރެން ބޭނުންވީ އޭނާ އެދޭ ގޮތް ހަދައިދޭން،" ލެސްޓާގެ ރަސްމީ ވެބްސައިޓަށް ރަނިއޭރީ 2016 ވަނަ އަހަރު ފަހުކޮޅު ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.

"އަހަރެން އަބަދުވެސް ފުުރިހަމަ އިހުތިރާމެއް ކުރާނެ ކުޅުންތެރިއެއް ކަންޓޭ އަކީ"

ލެސްޓާ އިން ޕްރިމިއާ ލީގު ޗެމްޕިއަން ހޯދި ގޮތުގެ ވާހަަކަ ކިޔައިދޭން ލިޔެފައިވާ ފޮތެއްގައި ގާޑިއަންގެ ނޫސްވެރިޔާ ޑެނިއަލް ޓޭލާ ބުނެފައިވަނީ އެ ސީޒަނުގެ ބައެއް މެޗުތަކަށް ތައްޔާރުވާން ލެސްޓާގެ ޕްރެކްޓިހަށް ބައެއް ފަހަރު ދުވެފައި ކަންޓޭ ގޮސްފައިވާ ކަމަށާއި އޭނާ ބޭނުންކުރަނީ އަބަދުވެސް އެއް މޮޑެލްއެއްގެ އާދައިގެ ކާރެއް ކަމަށެވެ.

"ލެސްޓާ އިން ފަހުގެ ބްރޭންޑެއްގެ ކާރެއް ދޭން ނިންމި ނަމަވެސް ކަންޓޭ އެދުނީ އޭނާ އަބަދު ވެސް ބޭނުންކުރަމުން އައި ކާރުގައި އުޅެން،" ޓޭލާ ބުންޏެވެ.

ޗެލްސީ އަށް ބަދަލުވުމަށް ފަހު ވެސް ކަންޓޭ ބޭނުންކުރީ އެ ކާރެވެ. އަދި 2018 ވަނަ އަހަރު ލީގު ކަޕްގައި އާސެނަލާއި ޗެލްސީ ކުޅުނު މެޗަށް ކަންޓޭ އެ ކާރުގައި ދަނިކޮށް ކުޑަ އެކްސިޑެންޓެއްވި އެވެ. ކަންޓޭ އެ މެޗުގަައި އާސެނަލާ ދެކޮޅަށް 90 މިނިޓް ކުޅުނެވެ. އާސެނަލް މެޗުގެ ކުރިން ކަންޓޭ އެކްސިޑެންޓްވި ކަން އެނގުނީ މެޗު ކުޅުނުތާ ދެ ދުވަސް ފަހުން ޓްރެއިނިން އަށް ދިޔައިރު ކަންޓޭގެ ކާރުގެ ލޯގަނޑު ޓޭޕުން ތަތްކޮށްފައިހުރިއިރު، ފުރޮޅުގެ ވީލް އާރްކް ނެތުމުން ކުޅުންތެރިން ސުވާލު ކުރުމުންނެވެ.

ކަންޓޭ އޭނަގެ ކާރުގައި.


"ކަންޓޭ ދޮގެއް ނުހަދާނެ. ކަންޓޭ ބޭނުންވީ (އާސެނަލް) މެޗު ކުޅެން. އެހެންވެ އެކްސިޑެންޓްވި ވާހަކަ (މެޗުގެ ކުރިން) ނުބުނީ. ކަންޓޭ ބޭނުންނަމަ އޮޅުވާލުމުގެ ފުރުސަތު އޮތް. އެކަމަކު އޭނަ އެއީ އެކަން ކުރާނެ މީހެއް ނޫން،" ކަންޓޭގެ ކާރު ހާދިސާއާ ބެހޭގޮތުން ހަޒާޑް ބުނެފައިވެ އެވެ.

ފަހުން ކަންޓޭ ގެންގުޅޭ ކަހަލަ ކާރެއް ހާޒާޑް ވެސް ވަނީ ގަނެފަ އެވެ.

ލަންޑަނުގައި ހުންނަ މިސްކިތަށް ނަމާދަށް ދިއުމަށް ފަހު ދިމާވާ މީހުންނާ އެކު ފޮޓޯ ނެގުމަށް ފަހު ކަންޓޭ އެ މީހުންނާ އެކު ވާހަކަ ވެސް ދައްކަ އެވެ. އެ ގޮތުން 2018 ވަަނަ އަހަރު އާސެނަލްގެ ސަޕޯޓަރެއް މިސްކިތް ކައިރިން ކަންޓޭއާ ބައްދަލުކޮށް ފޮޓޯއެއް ނެގުމަށް ފަހު އެ ހަފްތާގައި އާސެނަލާއި ޗެލްސީ މެޗު އޮތް ވާހަކަ ބުނެފައި ޗެލްސީ ދެކެ ރުޅި އަންނަ ކަމަށް ބުނުމުން ކަންޓޭގެ ހަމައެކަނި ޖަވާބަކީ "ސޮރީ" އެވެ.

ކަންޓޭ ވަނީ މިސްކިތުން ދިމާވާ ބައެއް ރައްޓެހިންގެ ގެޔަށް ގޮސް އެ މީހުންނާ އެކު ފީފާ ގޭމް ކުޅުމުގެ އިތުރުން ވަގުތު ހޭދަކޮށް ދިރިއުޅުމުގެ ވާހަަކަތައް ދައްކައިފަ އެވެ. ގިނަ ފަހަރު އޭނާ އެ ގޮތަށް ކަންތައް ކޮށްފައި ހުރީ ވަކި ކްލަބެއްގެ ސަޕޯޓަރުން ކަމެއް ބެލުމެއް ނެތި އެވެ.

ކަންޓޭ (ކ.3) ރައްޓެހި ބައެއްގެ ދައުވަތަކަށް ގެޔެއްގައި.


އޭގެ އިތުރުން ކަންޓޭ ވަނީ ޗެލްސީީގެ ސަޕޯޓަރެއްގެ ދަރިފުޅުގެ ކައިވެނި ޕާޓީ އަށް ގޮސް އޭނަ އަށް ސަޕްރައިޒެއް ވެސް ދީފަ އެވެ. ހަަމައެކަނި ކައިވެނި ކުރާ މީހުންނާ އެކު ފޮޓޯއެއް ނަގަން އެ ޕާޓީ އަށް ދިޔަ ކަންޓޭ ވަނީ އޭނާއާ އެކު ފޮޓޯ ނަގަން އެދުނު އެންމެންނަށް އެކަން ކޮށްދީފަ އެވެ.

ފްރާންސް އިން 2018 ވަނަ އަހަރު ފީފާ ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދުމަށް ފަހު ހުރިހާ ކުޅުންތެރިން ތަށްޓާ އެކު ފޮޓޯ ނަަގަމުންދިޔައިރު، ކަންޓޭ ދުރުުގައި ހުއްޓައި ސްޓީވެން އެންޒޮންޒީ ކަންޓޭ އަތަށް ވޯލްޑް ކަޕް ތަށި ދިނުމަށް ފަހު ބުނީ ފޮޓޯއެއް ނަގަން ތަށި ދޭން ބުނަން ކަންޓޭ ހުރީ ލަދުން ކަމަށެވެ.

ފަހުން ނޫސްވެރިއަކު އެ ސުވާލުކުރުމުން ކަންޓޭގެ ޖަވާބުގައި ބުނީ "އެ ތަށި ވަރަށް ބަރު. އެކަމަކު އެ ވަރަށް ވިދާ" މިހެނެވެ.

ޗެލްސީން ކަންޓޭ އަށް 2018 ވަނަ އަހަރު ފަސް އަހަރުގެ ކޮންޓްރެކްޓެއް ދިންއިރު، ވަނީ ބޮޑު މުސާރައެއް ހުށަހަަޅައިފަ އެވެ. އަދި މުސާރައިން ކަންޓޭ ދައްކަން ޖެހޭ ޓެކްސް ޗެލްސީގެ އޮފްޝޯ ކުންފުންޏެއްގެ ތެރެއިން ހަމަޖައްސައިދޭން ހުށަހެޅުމުން ކަންޓޭ އެ ގޮތަށް އެއްބަހެއް ނުވި އެވެ. ބަދަލުގައި ކަންޓޭ ބޭނުންވީ އޭނާ އަމިއްލަ އަށް ޓެކްސްގެ ހުރިހާ ކަމެއް ކުރާށެވެ.

ކަންޓޭގެ އެ ވާހަކައާ ބެހޭގޮތުން ފްރާންސްގެ މިޑްފީލްޑަރު ބްލައިސް މަޓުއިޑީ ބުނީ އެންމެ ފުރަތަމަ އެ ވާހަކަތަކަށް މާ ބޮޑު ސަމާލުކަމެއް ނުދޭ ކަމަށާއި އެކަމަކު ފަހުން ކަންޓޭގެ ކަމެއް ވުމުން އެކަން އޮޅުންފިލުވި ކަމަށެވެ.

"ކަންޓޭ އަކީ ފުރިހަމަ މީހެއް. ކަންޓޭ މަކަރެއް ނުހަދާނެ. ހަމައެކަނި މަކަރު ހަދާނީ ކާޑު (އުނޯ) ކުޅޭއިރު،" މަޓުއިޑީ ބުންޏެވެ.

ފްރާންސްގެ ޓްރެއިނިން ކޭމްޕްތަކާއި ހަފްލާތަކުގައި ގިނަ ކުޅުންތެރިން ސޯޝަލް މީޑިއާ އަށް ފޮޓޯތައް ދޫކޮށްލާއިރު، ކޮންމެ ކުޅުންތެރިއަކު ވެސް އެންމެ ފުރަތަމަ ބޭނުންވަނީ ކަންޓޭއާ އެކު ފޮޓޮއެއް ނަގާށެވެ. އެ ވާހަކަ މީޑިއާ އަށް ހިއްސާކުރީ މިޑްފީލްޑަރު ޕައުލް ޕޮގްބާ އެވެ.

"ކަންޓޭ އަކީ އަހަރެންގެ ބޭބެ. އޭނަ އަކީ އެންމެންގެ ވެސް ފޭވަރިޓް. ކޮންމެ މީހަކު ވެސް އެކުވެރިއަކަށް ކަންޓޭ ބޭނުންވާނެ،" ކަންޓޭއާ ބެހޭގޮތުން ޕޮގްބާ ބުންޏެވެ.

ކަންޓޭ މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ތަށި ހިފައިގެން.


ކަންޓޭ ހުރީ ތަފާތު ރޫހެއްގައި: ޑެޝޯމްޕްސް

ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނީ އުމުރުން 30 އަހަރުގެ ކަންޓޭ މި ވަގުތު ހުރީ ތަފާތު ރޫހެއްގައި ކަމަށާއި އޭނާ އަށް މެދުތެރޭގެ ކޮންމެ މަގާމަކަށް ވެސް ތަފާތު މޮޅަށް ކުޅެވުމަކީ ފްރާންސް ޓީމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

"ކަންޓޭ އެންމެނަށް އެހީވާނެ. މެދުތެރޭގައި ކޮންމެ މަގާމެއްގައި ވެސް އޭނާ އަށް ކުޅެވޭނެ ޗެލްސީގައި ވެސް އެކަން ފެންނާނެ. މި ވަގުތު ކަންޓޭ އެ ހުރީ ފޯމުގައި. އޭގެ ބޭނުންހިފަން އަހަރެން ބޭނުން. މުޅި ޓީމު ވެސް ބޭނުންވޭ ކަންޓޭ އެ މޮޅު ކުުޅުން މި ފަހަރުގެ ޔޫރޯގައި ވެސް ދައްކަން،" ޑެޝޯމްޕްސް ބުންޏެވެ.

ކަންޓޭ އަށް ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް ލިބުމުގެ ފުރުސަތު ކުޑަ ކަމަށް ޑެޝޯމްޕްސް އެންމެ ފުރަަތަމަ ބުނީ އާންމު ގޮތެއްގައި އެއީ ގޯލު ޖަހާ އަދި ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދޭ ކުޅުންތެރިއަކަށް ދޭ އެވޯޑެއް ކަމަށްވާތީ އެެވެ. އެކަމަކު ޑެޝޯމްޕްސް ފަހުން ބުނީ ކަންޓޭގެ ކުޅުމަށް ބަލާއިރު، އޭނާ އަށް ބެލޮންޑިއޯ ލިބެން ޖެހޭނެ ކަމަށާއި އެކަން ފްރާންސްގައިި ތިބި މަޝްހޫރު ކުޅުންތެރިން ވެސް ގަބޫލުކުރާ ކަމަށެވެ.

މި ފަހަރު ބެލޮންޑިއޯ ހައްގުވާ ކުޅުންތެރިއަކީ ކަންޓޭ ކަމަށް ދާދި ފަހުން ބުނި ފްރާންސްގެ ދެ ކުޅުންތެރިންނަކީ ޕޮގްބާގެ އިތުރުން ބެންޖަމިން ޕަވާޑް އެވެ. ޕަވާޑް ވަނީ ފްރާންސް ކުޅުންތެރިންގެ އެންމެ މޮޅު ކުޅުން ދައްކަން ކަންޓޭ ޓީމަށްޓަކައި އަދާކުރާ ދައުރު ފާހަގަކޮށްފަ އެވެ.

"ކަންޓޭގެ ކިބައިގައި ހަ މީހުން ބުންވަރު ހުރޭ. ކަންޓޭ އަކީ މުޅި ޓީމުގެ މީހެއް،" ކަންޓޭއާ ބެހޭގޮތުން ޕަވާޑް ބުންޏެވެ.

މި ފަހަރުގެ ޔޫރޯގެ އެއް ފޭވަރިޓުން ކަމަށްވާ ފްރާންސް އިން މުބާރާތް ކާމިޔާބު ކުރާނަމަ ކަންޓޭ އެ ޓީމުގައި މުހިއްމު ރޯލެއް ކުޅޭނެ ކަމަށް ފުޓްބޯޅަައިގެ ގިނަ ބަޔަކު އެއްބަސްވާނެ އެވެ.

ފްރާންސް މި ފަހަރުގެ ޔޫރޯގައި ކުޅޭ ފުރަތަމަ މެޗުގައި މިރޭ ރާއްޖެ ގަޑިން 00:00 ގައި ނުކުންނާނީ ޖަރުމަނާ ދެކޮޅަށެވެ.