Advertisement

އުރުދުންގެ އަމީރު ހަމްޒާ ބަގާވާތް ކުރަން ސައުދީ އަރަބިއްޔާގެ އެހީ ހޯދި: ކޯޓު ލިޔުންތައް

އުރުދުންގެ އަމީރު ހަމްޒާ.-- ފޮޓޯ: ގެޓީ އިމޭޖަޒް


އުރުދުންގެ އަމީރު ހަމްޒާ ބަގާވާތް ކުރަން ސައުދީ އަރަބިއްޔާގެ އެހީ ހޯދި: ކޯޓު ލިޔުންތައް

އައްމާން، އުރުދުން (ޖޫން 13) - އުރުދުންގެ ކުރީގެ ވަލީ އަހުދު އަމީރު ހަމްޒާ ބިން ހުސެއިން މަސައްކަތް ކުރެއްވީ ސައުދީ އަރަބިއްޔާގެ އެހީއާއެކު ރަސްގެފާނު އަބްދުﷲ ގެ ރަސްކަން ވައްޓާލަން ކަމަށް އެ މައްސަލައިގެ ތުހުމަތުވާ ދެ މީހެއްގެ ޝަރީއަތަށް ހުށަހެޅި ދައުވާ ޝީޓުގައި ބުނެފި އެވެ.

ތުހުމަތު ކުރެވޭ ދެ މީހުންނަކީ ވެސް އުރުދުން ކައިރީގައިވާ ސައުދީ އަރަބިއްޔާއާ ގާތް ގުޅުމެއް އޮންނަ ދެ މީހުންނެވެ. އެއީ އުރުދުންގެ ޝާހީ ކޯޓުގެ ކުރީގެ ވެރިޔާ އަދި ސައުދީ އަރަބިއްޔާގެ ޕާސްޕޯޓް އޮންނަ ބައްސާމް އަވާދުﷲ އާއި ސައުދީއަށް ކަނޑައަޅާފައިވާ ކުރީގެ ހާއްސަ މަންދޫބު ޝާރިފް ހަސަން ބިން ޒައިދް އެވެ.

އެ ދެ މީހުންގެ ޝަރީއަތް މި މަހުގެ ފަހުކޮޅު ސްޓޭޓް ސެކިއުރިޓީ ކޯޓުގައި ފަށާނެ އެވެ. ކުށް ސާބިތުވެއްޖެ ނަމަ 20 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ގާނޫނީ ވަކީލުން ބުނެ އެވެ.

ނަމަވެސް މި މައްސަލާގައި އެންމެ ބޮޑަށް ތުހުމަތު ކުރެވުނު ހަމްޒާއާ ދެކޮޅަށް ޝަރީއަތެއް ނުހިންގާނެ އެވެ. ކަމާ ބެހޭ ފަރާތްތަކުން ބުނީ ހަމްޒާގެ މައްސަލަ ހައްލުކޮށްފައިވަނީ ޝާހީ އާއިލާގެ ތެރެއިން ކަމަށެވެ.

ގަލްފު ސަރަހައްދުގައި ބާރުގަދަ ސައުދީ އަރަބިއްޔާއިން ވަނީ އުރުދުންގައި ހިންގަން އުޅުނު ބަގާވާތަކާ އެ ގައުމާ ގުޅުމެއް ނެތް ކަމަށް ބުނެފަ އެވެ.

ބަގާވާތުގެ ހަބަރު ފެތުރެން ފެށުމާއެކު ވެސް ސައުދީ އަރަބިއްޔާއިން ބުނެފައިވަނީ އުރުދުންއަށް "ފުރިހަމަ އެއްބާރުލުން" ދޭނެ ކަމަށާއި "ހަމަޖެހުމާއި ސެކިއުރިޓީއަށް ރަސްގެފާނު އަބްދުﷲ ދެ ވަނަ އާއި ވަލީ އަހުދު އަމީރު ހުސެއިން އަޅުއްވާ ފިޔަވަޅުތަކަށް ވެސް އެއްބާރުލުން ދޭނެ" ކަމަށެވެ.

ހަމްޒާއާ ދެކޮޅަށް ޝަރީއަތް ނުހިންގި ނަމަވެސް، ބަގާވާތުގައި އޭނާ އަދާކުރެއްވި ކަމަށް ބެލެވޭ ދައުރުގެ ވާހަކަ ޝަރީއަތުގެ ތެރެއިން ފެންމަތިވާނެ ކަމަށް ބެލެވެ އެވެ.

"ހާޝިމީ ރަސްކަމުގެ އާދަކާދަ އާއި ގާނޫނު އަސާސީއާ ހިލާފަށް، ރަސްކަމުގެ ބާރުތައް ހޯއްދެވުމަށް އަމީރު ހަމްޒާ ހުންނެވީ އަޒުމް ކަނޑައަޅުއްވައިގެން،" ކޯޓަށް ހުށަހެޅި ދައުވާ ޝީޓުގައި ވެ އެވެ.

"އެކަން ކާމިޔާބު ކުރުމަށް މަސައްކަތް ކުރެއްވީ އާއްމުންގެ މެދުގައި ހުރި މައްސަލަތަކާ މެދު ހިތްހަމަނުޖެހުން އިތުރުކޮށް، ކަންބޮޑުވުން ފަތުރައިގެން، މުޖުތަމައުގައި ބައިބައވުން އުފައްދައިގެން."

އުރުދުންގެ މީޑިއާއިން ރިޕޯޓު ކުރާ ގޮތުގައި އަވާދުﷲ އަކީ ސައުދީ ވަލީ އަހުދު އަމީރު މުހައްމަދު ބިން ސަލްމާންގެ ގާތް މީހެކެވެ. ދައުވާ ޝީޓުގައި ވެސް ބުނީ އަވާދުﷲ އަކީ "ސައުދީ ރަސްކަމުގެ އޮފިޝަލުންނާ ގާތް މީހެއް" ކަމަށާއި ބޭރު ގައުމުތަކުގައި ކޮންޓެކްޓުން ގިނަ މީހެއް ކަމަށެވެ.

ބަގާވާތުގެ ތެރެއިން ހަމްޒާ އެންމެ ކަންބޮޑުވީ ވެސް ސައުދީ އަރަބިއްޔާއާ މެދު ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެގޮތުން އޭނާއަށް އުރުދުންގެ ކަމެއް ދިމާވެއްޖެ ނަމަ ސައުދީ އަރަބިއްޔާއިން އެހީވާނެތޯ އަވާދުﷲ އާ ސުވާލުކުރެއްވި ކަމަށް ދައުވާ ޝީޓުގައި ވެ އެވެ.