Advertisement

ވައިފައިގެ ހިދުމަތާ އެކު ހުޅުމާލެ ގޮނޑުދޮށް ޒަމާނީކޮށްލަނީ

13 ޖޫން 2021 - 13:19 4

އަހުމަދު ސާއިލް އަލީ

އަހުމަދު ސާއިލް އަލީ

ހުޅުމާލޭ ގޮނޑުދޮށުގައި ބަޔަކު މަޑުކޮށްލައިގެން: ވައިފައިގެ ހިދުމަތް ދޭ ގޮތަށް ގޮނޑުދޮށް ތަރައްގީ ކުރަން ވަނީ ނިންމައިފައި-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު


ވައިފައިގެ ހިދުމަތާ އެކު ހުޅުމާލެ ގޮނޑުދޮށް ޒަމާނީކޮށްލަނީ

13 ޖޫން 2021 - 13:19 4

ހުޅުމާލެ ގޮނޑުދޮށަށް ވައިފައިގެ ހިދުމަތް ދީ، ދުވާ ޓްރެކަކާ އެކު ތަރައްގީ ކުރަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ނިންމައިފި އެވެ.

ހުޅުމާލޭ ގޮނޑުދޮށަކީ ދެވަނަ ފިޔަވައްސާއެކު 3.23 ކިލޯ މީޓަރެވެ. އެއީ މާލެ ސަރަހައްދުގައި އޮތް އެންމެ ބޮޑު ގޮނޑުދޮށެވެ. ގޮނޑުދޮށް ތަރައްގީ ކުރުމުގެ ޕްލޭން އެޗްޑީސީން ހެދީ އެ ސަރަހައްދު ބޭނުން ކުރާ މީހުން ހިމަނައިގެން ހެދި ދިރާސާއަކަށް ފަހުގަ އެވެ.

އެޗްޑީސީގެ މާސްޓާ ޕްލޭންގައި ވާގޮތުން އެ ސަރަހައްދު ތަރައްގީ ކުރާއިރު 4.5 ކިލޯ މީޓަރުގެ ދުވާ ޓްރެކެއް ހެދުމަށް ވަނީ ނިންމައިފަ އެވެ. އެޓްރެކް ހަދަނީ މޫދާ އެހާ ދުރުނޫން ހިސާބެއްގަ އެވެ. އެ ޓްރެކް ހަދަނީ ފުރޮޅުލީ ގޮނޑީގައި އުޅޭ މީހުންނާއި ކުޑަކުދިން ގޮވައިގެން ސްޓޯލާ ވެސް ދުއްވޭ ގޮތަށެވެ.

ހުޅުމާލޭ ގޮނޑުދޮށުގައި ހަދާ ދުވާ ޓްރެކް: އެ މަޝްރޫ ވަރަށް އަވަހަށް ފަށަން ވަނީ ނިންމައިފައި--


ވީލްޗެއާގައި މޫދާ ހަމައަށް ދެވޭ ގޮތަށް ރޭމްޕްތަކެއް ވެސް ގޮނޑުދޮށުގެ އެކި ހިސާބުތަކުގައި ހެދުމަށް ޕްލޭންގައި ހިމަނާފައިވެ އެވެ.

"މަގުގެ ޕޭމަންޓުން ފަށައިގެން އަޅުގަނޑުމެން ރޭމްޕް ކުރެވިފައި އިންނާނެ ވަރަށް ފަސޭހައިން ބީޗަށް ދެވޭ ކަހަލަ ގޮތަކަށް،" އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވި އެވެ.

ގޮނޑުދޮށުގެ އެކި ހިސާބުތަކުގައި ފާހާނާތަކާއި ޕިކްނިކް ޓޭބަލްސްތަކާއި ޖޯލިފަތިތަކުގެ އިތުރުން އުނދޯލި ތައްވެސް ބެހެއްޓުމަށް ޕްލޭންގައިވެ އެވެ.

ގޮނޑުދޮށުގައި ބަހައްޓާ ހަޓްތައް--


"އޭގެ މަގުސަދަކީ މަގުގެ އަނެއް ފަރާތުގައި މިހުރި ތަންތަނުން ޓޭކްއަވޭ ނަގައިގެން އާއްމު ރައްޔިތުންނަށް ބީޗް ބޭނުން ކުރެވޭނެ ގޮތް ހަމަޖެއްސުން،" އޮފިޝަލް ވިދާޅުވި އެވެ.

ޕްލޭން ބުނާ ގޮތުން ބީޗްގެ އެކި ހިސާބުތަކުގައި ލައިފްގާޑް ޕޯސްޓްތައް ހުންނާނެ އެވެ. އަދި ހިޔާކޮށްފައި ހުންނަ 12 ޝެލްޓާ ހެދުމަށް ވަނީ ނިންމައިފަ އެވެ. އެ ޝެލްޓާތަކުގައި އެކިއެކި އިވެންޓްތައް ބާއްވަން ފުރުސަތު ދޭން ވަނީ ނިންމައިފަ އެވެ.

މިހާރާ ހިލާފަށް ކުރިއަށް އޮތްތަނުގައި މުޅި ބީޗް ސަރަހައްދު އަލި ކުރަން ވެސް ވަނީ ނިންމައިފަ އެވެ. އަދި ބީޗް ސަރަހައްދަށް ވައިފައީގެ ހިދުމަތް ދިނުމާއެކު ޗާޖް ކުރާނެ ސްޓޭޝަންތަކެއް ހެދުމަށް ވަނީ ނިންމައިފަ އެވެ.

ބީޗް ސަރަހައްދުގައި ހަދަން ޕްލޭން ކޮށްފައި ހުރި ޝެލްޓާތައް--


ގިނަ ވިޔަފާރިތަކަކުން މޫދު ކުޅިވަރުގެ ހިދުމަތް ދިނުމަށް ވަކި ޕޯސްޓްތަކެއް ވެސް ގޮނޑުދޮށުގައި ހެދުމަށް ވަނީ ނިންމައިފަ އެވެ.

މޫދުގައި އަޅާ ރެސްޓޯރެންޓަކަށް 300 ސްކެއާ މީޓަރުގެ ސަރަހައްދެއް ވެސް ޕްލޭންގައި ވަނީ ހިމަނައިފަ އެވެ. އެ ރެސްޓޯރެންޓް އަޅަނީ ފާލަމަކުން ގޮސް އަރާ ގޮތަށެވެ. ރެސްޓޯރެންޓްގެ އިތުރުން ބީޗް މޯލްއެއް ހެދުމަށް 3،018 ސްކްއާ މީޓަރުގެ ސަރަހައްދެއް ގޮނޑުދޮށުން ވަނީ ކަނޑައަޅާފަ އެވެ.

ބީޗް ތަރައްގީ ކުރަން ނިންމާފައިވަނީ ސްޓޭޖްތަކަކަށް ބަހާލައިގެންނެވެ. ވަރަށް އަވަހަށް އަމަލީ މަސައްކަތް ފަށާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

ހުޅުމާލޭ ގޮނޑުދޮށް ކުރިން ކެފޭތަކުން ދިޔައީ ބޭނުން ކުރަމުންނެވެ. ނަމަވެސް މިސަރުކާރު އައި ފަހުން އެޗްޑީސީން ވަނީ ގޮނޑުދޮށުގައި ކެފޭ ހިންގުން މަނާކޮށް އާއްމުންނަށް ބޭނުން ކުރެވޭގޮތަށް ހުޅުވާލައިފަ އެވެ.