12 ޖޫން 2021 - 23:14 0
12 ޖޫން 2021 - 23:14 0
ކޮޕެންހާގެން (ޖޫން 12) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ފިންލެންޑާއި ޑެންމާކް ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ފަހު ވަގުތުގައި ހޭނެތިގެން ދަނޑު މައްޗަށް ވެއްޓުނު ޑެންމާކުގެ ކްރިސްޓިއަން އެރިކްސަންގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށާއި މެޗު ހުއްޓާލި ހިސާބުން ފަށަން ނިންމާފައިވާ ކަމަށް ޔުއެފާ އިން ބުނެފި އެވެ.
ޑެންމާކުގެ ކޮޕެންހާގެންގައި ކުޅުނު މިރޭގެ މެޗު 0-0 އިން އެއްވަރުވެފައިވަނިކޮށް އެރިކްސަން ދަނޑުގެ އަރިމަތިން ވެއްޓުނީ އެއްލުން އެއްލި ބޯޅައަކަށް ދުވަމުން ދަނިކޮށެވެ.
އެރިކްސަން ވެއްޓުނުތާ އިރުކޮޅެއްގެ ތެރޭގައި ދަނޑު މައްޗަށް މެޑިކަލް ޓީމާއި ސްޓެޗަރު އެރުވި އެވެ. އޭނާ އަށް ފަރުވާ ދިން ވަގުތު ޓީވީ އަށް މަންޒަރުތައް ނުދެއްކުމުގެ ގޮތުން ޑެންމާކުގެ ކުޅުންތެރިން ވަށާލައިގެން ތިބި އެވެ. އެރިކްސަން އަށް ފަރުވާދެމުންދިޔައިރު، ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ ކިބައިން ފެންނަމުންދިޔައީ މާޔޫސްކަމެވެ. ގިނަ ކުޅުންތެރިން ތިބީ ރޮވިފަ އެވެ.
ޔުއެފާ އިން މުޅި ހާލަތް އެއްކޮށް ދިރާސާކުރުމަށް ފަހު ނިންމީ މެޗު އަލުން ކުރިއަށް ގެންދިއުމަށެވެ. އެ ގޮތުން މެޗު އަލުން ފެށުމަށް ފަހު ފުރަތަމަ ހާފުގެ ބާކީ ވަގުތު ކުޅޭނެ އެވެ. ފުރަތަމަ ހާފު ނިމުމުން ދެ ވަނަ ހާފް ފެށުމާ ދެމެދު ލިބޭނީ ފަސް މިނިޓެވެ.
ޔުއެފާގެ ރައީސް އަލެކްސަންޑަ ކެފެރިން ވިދާޅުވީ އެރިކްސަން އަށް އަވަސް ޝިފާ އަކަށް އެދޭ ކަމަށާއި ފުޓްބޯޅައިގެ އެންމެ އުނދަގޫ ވަގުތުގައި ވެސް ކުރިއަށް ދެވެނީ މި ކުޅިވަރުން ފެންނަ އެއްބައިވަންތަ ކަމުން ކަމަށެވެ.
"އަހަރެން އެހިން ދެ ޓީމުގެ ސަޕޯޓަރުން އެރިކްސަންގެ ނަން ގޮވަމުން ދިޔަ އަޑު. ފުޓްބޯޅަ އަކީ ވަރަށް ފުރިހަމަ ކުޅިވަރެއް. އެރިކްސަން އަކީ މި ކުޅިވަރު ފުރިހަމަކޮށް ކުޅޭ ކުޅުންތެރިއެއް. އަހަރެން އެދެނީ އެރިކްސަން އަށް އަވަސް ޝިފާ އަކަށް،" ކެފެރިން ވިދާޅުވި އެވެ.
އުމުރުން 29 އަހަރުގެ އެރިކްސަން ފަރުވާ ދެމުންދިޔައިރު ދެ ޓީމުގެ ސަޕޯޓަރުންގެ ފަރާތުން އޭނާ އަށް ސަޕޯޓްކުރަމުންދިޔަ އެވެ. އަދި އެރިކްސަން ދަނޑުން ބޭލި ވަގުތުގައި އޭނާ ރަނގަޅަށް ނިވައި ކުރަން ފިންލެންޑްގެ ސަޕޯޓަރުން ވަނީ އެ ގައުމުގެ ދިދައެއް އެއްލައިފަ އެވެ.
ޑެންމާކުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެރިކްސަން އަށް ސިއްހީ ފަރުވާ ދިނުމާ ހަަމައަށް އޭނާ ނޭވާ ލުމަށް އެހީތެރިވެދިނީ ޑެންމާކުގެ ކެޕްޓަން ސިމޯން ކިއޭ އެވެ. އަދި ކިއޭ ވަނީ ފަހުން އެރިކްސަންގެ އަންހެނުންނަށް ވެސް އެހީތެރިވެދީފަ އެވެ.
އެރިކްސަން އަށް މި ދިމާވި ސިއްހީ އިމަޖެންސީ ކަންތައްތަކުގެ ތެރޭގައި އޭނާ އަށް ފަރުވާދީފައިވަނީ ވަރަށް ފުރިހަމަކޮށް ކަމަށް ޑެންމާކް ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ބުނެފަ އެވެ. އަދި އެކަމަށްޓަކައި ޑެންމާކް ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ މެޑިކަލް ޓީމަށް ޝުކުރު އަދާކޮށްފަ އެވެ.
Comment