Advertisement

ރަޝިއާއަށް އިންޒާރަކާއެކު ބައިޑެން ގައުމުން ބޭރަށް ފުރަތަމަ ދަތުރު ފައްޓަވައިފި

އެމެރިކާގެ ރައީސް ޖޯ ބައިޑެން އަދި އަނބިކަނބަލުން ޖިލް.-- ފޮޓޯ: ސްކައި ނިއުސް


ރަޝިއާއަށް އިންޒާރަކާއެކު ބައިޑެން ގައުމުން ބޭރަށް ފުރަތަމަ ދަތުރު ފައްޓަވައިފި

"ނުރައްކާތެރި ހަރަކާތްތަކުގައި" ޝާމިލްވާ ނަމަ "ހަރުދަނާ އަދި މާނަހުރި،" ފިޔަވަޅުތައް ރަޝިއާއާ ދެކޮޅަށް އަޅާނެ ކަމުގެ އިންޒާރާއެކު އެމެރިކާގެ ރައީސް ޖޯ ބައިޑެން ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރު ފައްޓަވައިފި އެވެ.

އިނގިރޭސި ވިލާތަށް ވަޑައިގެން ދެއްކެވި ވާހަކައިގައި ބައިޑެން ވިދާޅުވީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގައި އެމެރިކާގެ އެކުވެރިންނާއެކު އޮތް ގުޅުމަށް އަސަރުކޮށްފައި ވާތީ އަލުން ގުޅުން އިއާދަކުރަން އިސްކަންދެއްވާނެ ކަމަށެވެ.

މި ދަތުރުގައި ބައިޑެން އާއި އިނގިރޭސި ބޮޑު ވަޒީރު ބޮރިސް ޖޯންސަން ބައްދަލުކުރައްވައި، ދެ ގައުމުގެ މެދުގައި ކުރިން އެކުލަވާލާފައިވާ "އެޓްލާންޓިކް ޗާޓަރު" އެއްބަސްވުމަށް ޒަމާނީ ބަދަލުތަކެއް ގެނެސް އަލުން ސޮއިކުރައްވާނެ އެވެ.

"އެޓްލާންޓިން ޗާޓަރަކީ" 1941 ގައި އިނގިރޭސި ވިލާތުގެ ވިންސްޓަން ޗާޗިލް އާއި އެމެރިކާގެ ފްރޭންކްލިން ރޫޒްވެލްޓް ސޮއިކުރެއްވި އެއްބަސްވުމެކެވެ. އެ އެއްބަސްވުމަށް ޒަމާނީ ބަދަލުތައް ގެންނައިރު، މޫސުމަށް އަންނަ ބަދަލުތަކާއި ސަލާމަތާ ގުޅޭ ބައިތައް ހިމެނޭނެ އެވެ.

ބައިޑެންގެ އަށް ދުވަހުގެ ދަތުރުގައި ވިންޑްސާ ކާސްލްގައި ރާނީ އެލިޒަބަތުއާ ވެސް ބައްދަލުކުރައްވާނެ އެވެ. އޭގެ އިތުރުން ޖީ7 ގައުމުތަކުގެ ލީޑަރުންގެ ބައްދަލުވުމާއި ނޭޓޯ ސަމިޓުގައި ވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

ދަތުރުގެ އެންމެ ފަހު ކަމެއްގެ ގޮތުގައި އޮތީ ސްވިޓްޒަލޭންޑުގެ ޖެނީވާއަށް ވަޑައިގެން ރަޝިއާގެ ރައީސް ލެޑިމިއަ ޕޫޓިންއާ ބައްދަލުކުރެއްވުމެވެ.

ވައިޓް ހައުސްއިން ބުނީ ޕޫޓިންއާއެކު ގިނަ ކަންކަމާ ބެހޭ މަޝްވަރާތައް ކުރާނެ ކަމަށާއި އޭގެ ތެރޭގައި ހަތިޔާރު ކޮންޓްރޯލް ކުރުމާއި މޫސުމަށް އަންނަ ބަދަލާއި، ޔޫކްރެއިނުގައި ރަޝިއާ ސިފައިންގެ ހަރަކާތްތައް ހިންގުމާއި، ރަޝިއާގެ ސައިބާ ހަމަލާތަކާއި، ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ ޖަލުގައި ހުންނެވި މައްސަލަ ހިމެނެ އެވެ.

އިނގިރޭސި ވިލާތަށް ވަޑައިގެން އާރްއޭއެފް މިލްޑެންހޯލް ވައިގެ މަރުކަޒުގައި ތިބި އެމެރިކާގެ ސިފައިންނާ ވާހަކަދައްކަވަމުން ބައިޑެން ވިދާޅުވީ ރަޝިއާއާކު ހަމަނުޖެހުމަކަށް ދާން ބޭނުން ނުވާ ކަމަށާއި އެކަމަކު ސާފު މެސެޖެއް ޕޫޓިންއަށް ރައްދު ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުމެން މި އުޅެނީ ރަޝިއާއާއެކު ހަމަނުޖެހުމަކަށް ދާކަށް ނޫން. އަޅުގަނޑުމެން ބޭނުން ވަނީ ހަމަޖެހޭ އަދި ބަރޯސާވެވޭ ގުޅުމެއް ގާއިމް ކުރަން... އެކަމަކު މީގެ ކުރިން ވެސް ސާފުކޮށް މި މެސެޖު ދިނިން: ރަޝިއާގެ ސަރުކާރުން ނުރައްކާތެރި ކަންކަމުގައި ޝާމިލްވާ ނަމަ އެމެރިކާރިން ރައްދު ދޭނީ ހަރުދަނާ އަދި މާނަހުރި ގޮތަކަށް،" ބައިޑެން ވިދާޅުވި އެވެ.

ގިނަ މައްސަލަތަކެއްގެ ސަބަބުން އެމެރިކާ އާއި ރަޝިއާގެ ގުޅުން އޮތީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. މިދިޔަ އޭޕްރިލް މަހު ހުޅަނގުގެ ގައުމުތަކަށް ޕޫޓިން ތުހުމަތު ކުރެއްވީ ރަޝިއާއާ ޖައްސާލައިގެން އުޅޭ ކަމަށެވެ. އަދި "ރަތް ރޮނގު ހުރަސް ނުކުރަން" އިންޒާރު ދެއްވި އެވެ.

އިނގިރޭސިވިލާތުގައި ބާއްވަން ހަމަޖެހިފައިވާ ޖީ7 ލީޑަރުންގެ ބައްދަލުވުމަށް އެހެން ގައުމުތަކުގެ ވެރިން ވަޑައިގަންނަވާނީ ހުކުރު ދުވަހު އެވެ. ބައްދަލުވުންތައް ކުރިއަށް ދާނީ ހަފްތާ ބަންދުގަ އެވެ.

ޖީ7 އަކީ ދުނިޔޭގެ އެންމެ މުއްސަނދި އަދި ކުރިއަރާފައި އިގްތިސާދުތައް ހިމެނޭ ހިމެނޭ ގްރޫޕެކެވެ. އެއީ ކެނެޑާ، ފްރާންސް، ޖަރުމަނު، އިޓަލީ، ޖަޕާން، އިނގިރޭސި ވިލާތް، އެމެރިކާ އަދި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އެވެ.

މި އަހަރުގެ ޖީ7 ބައްދަލުވުންތަކުގައި މައިގަނޑު މައުޟޫއަކަށް ވާނީ ކޮވިޑުގެ ބަލިމަޑުކަމުގެ އަރަރިގަތުމެވެ. އެގޮތުން ކުރިމަގުގައި ދިމާވެދާނެ ބަލިމަޑުކަމަށް ތައްޔާރުވުމުގެ ގޮތުން ދުނިޔޭގައި ވަރުގަދަ ސިއްހީ ނިޒާމެއް ގާއިމް ކުރުން އެ މައުޟޫއުގެ ތެރޭގައި ހިމެނެ އެވެ.