Advertisement

އައްޔަ ވަކިވުމުން އޮލިމްޕިކް ކޮމިޓީ އިންތިހާބުގައި މޫސަ އާއި ޗަމްޕީ!

9 ޖޫން 2021 - 23:06 1

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

އެފްއޭއެމް އެވޯޑްސް ހަފްލާގެ ތެރެއިން އަލީ އުމަރު.-- ފޮޓޯ: އެފްއޭއެމް


އައްޔަ ވަކިވުމުން އޮލިމްޕިކް ކޮމިޓީ އިންތިހާބުގައި މޫސަ އާއި ޗަމްޕީ!

9 ޖޫން 2021 - 23:06 1

މާދަމާ ބާއްވަން ނިންމާފައިވާ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ އިންތިހާބުގެ ރައީސްގެ މަގާމަށް ކުރިމަތިލައްވާފައިވާ އެފްއޭއެމްގެ ސީނިއާ ނައިބު ރައީސް އަދި ކުރީގެ ސްޕޯޓްސް ކޮމިޝަނަރު އަލީ އުމަރު އިންތިހާބުން (އައްޔަ) ނަން ނަންގަވައިފި އެވެ.

އޮލިމްޕިކް ކޮމިޓީ އިންތިހާބުގެ އިލެކްޓޯރަލް ކޮމިޓީން އެސޯސިއޭޝަންތަކަށް މިއަދު ފޮނުވާފައިވާ ނޯޓިސް އެއްގެ ކޮޕީއެއް "އަދަދު" އަށް ވަނީ ލިބިފަ އެވެ. އެ ނޯޓިސްގައިވާ ގޮތުން އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގައި އެފްއޭއެމްގެ ފަރާތުން އޮލިމްޕިކް ކޮމިޓީގެ ރައީސްގެ މަގާމާއި ނައިބު ރައީސްގެ މަގާމަށް ވާދަކުރައްވާ އައްޔަ ވަނީ ނަން ނަންގަވައިފަ އެވެ.

"އެފްއޭއެމް އިން ކެންޑިޑެސީ އަނބުރާ ނެގި ނަމަވެސް ކެނޑިޑޭޓް ނަމްބަރަކަށް ބަދަލެއް ނާންނާނެ،" އިލެކްޓޯރިއަލް ކޮމިޓީން އެސޯސިއޭޝަންތަކަށް ފޮނުވި ނޯޓިސްގައި ލިޔެފައިވެ އެވެ.

އެފްއޭއެމްގެ އޮފިޝަލަކު ވެސް ވަނީ އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގައި އެ އެސޯސިއޭޝަންގެ ކެންްޑިޑެސީ އަނބުރާ ގެންގޮސްފައިވާކަން "އަދަދު" އަށް ކަށަވަރުކޮށްދީފަ އެވެ.

މިދިޔަ ސަރުކާރާއި މި ސަރުކާރުގެ ކުރީކޮޅުގައި ސްޕޯޓްސް ކޮމިޝަނަރު ކަން ކުރެއްވި އައްޔަ އަލުން އެފްއޭއެމްގެ މަގާމަކަށް ދިޔައީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހު އެވެ. އެއީ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ އަކަށެވެ. އިތުރު ދައުރަކަށް އެފްއޭއެމްގެ ރައީސަކަށް މިދިޔަ އަހަރު ބައްސާމް އަދީލް ޖަލީލް އިންތިހާބުވެވަޑައިގަތްއިރު، ސީނިއާ ނައިބު ރައީސަކަށް ހަމަޖައްސާފައިވަނީ އައްޔަ އެވެ. އައްޔަ ވަނީ މީގެ ކުރިން ވެސް އެފްއޭއެމްގެ ހިންގާ ކޮމިޓީގައި މަސައްކަތްތަކެއް ކުރައްވައިފަ އެވެ.

އޮލިމްޕިކް ކޮމިޓީ ރައީސް ކަމަށް ވާދަކުރައްވާ މޫސަ (ކ) އާއި ޗަމްޕީ


އައްޔަ ވަކިވުމާ އެކު މި ފަހަރުގެ އޮލިމްޕިކް ކޮމިޓީގެ ރައީސްގެ މަގާމަށް ވާދަކުރައްވާނީ ދެ ކެންޑިޑޭޓުންނެވެ. އެއީ ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު (މޫސަ) އާއި ސްވިމިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އެވެ.

ނައިބު ރައީސަކަށް ވަނީ ހަތަރު ފަރާތަކުން ކުރިމަތިލައިފަ އެވެ. އެއީ މޫސަގެ އިތުރުން ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަހުމަދު އިސްމާއިލް، އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލް އަދި ކްރިކެޓް ބޯޑްގެ ރައީސް މުހައްމަދު ފައިސަލް އެވެ. މީގެ ތެރެއިން ކްރިކެޓްގެ ރައީސަކަށް މިދިޔަ އަހަރު އިންތިހާބުވެޑައިގަތް ފައިސަލް ކުރިމަތިލެއްވީ ނޮން އޮލިމްޕިކް ސްޕޯޓްސްގެ ސްލޮޓެއްގަ އެވެ.

އޮލިމްޕިކް ކޮމިޓީގެ ބާކީ މަގާމުތަކަށް ބަލާއިރު ހިމެނެނީ އޮލިމްޕިކް ކުޅިވަރުތަކުގެ ސްލޮޓަށް ހަ މެމްބަރުންނާއި ނޮން އޮލިމްޕިކް ކުޅިވަރުތަކަށް ހަތަރު ސްލޮޓުގެ އިތުރުން އަންހެން ދެ މެމްބަރުންގެ ސްލޮޓެވެ. ދެ އަންހެން މެމްބަރުންގެ ތެރެއިން އެއް މެމްބަރަކު ވާން ޖެހޭނީ ނޮން އޮލިމްޕިކް ކުޅިވަރެއްގެ ފަރާތުން ތަމްސީލުކުރާ މެމްބަރަކަށެވެ.

ހެންވޭރު ބޯޅަ ގޭގައި މާދަމާ މެންދުރު ފަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބު މަރުކަޒަށް ހާޒިރުވެވޭނީ އޮލިމްޕިކް ކޮމިޓީ އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ފުޅާކޮށް މަޝްވަރާ ކުރެވިގެން ހެދިފައިވާ ހާއްސަ ގައިޑްލައިންތަކުގެ ތެރެއިން ހުއްދަ ލިބިފައިވާ މީހުންނަށެވެ. އެއީ ހަމައެކަނި އިލެކްޓޯރަލް ކޮމިޓީ އާއި ވޯޓުލާ މެމްބަރުންނަށެވެ. ގައިޑްލައިނުގައިވާ ގޮތުން ވޯޓުލާ އެންމެން ޕީސީއާރް ޓެސްޓް ހެދުމަށް ފަހު އެހެނިހެން ސިއްހީ ސަލާމަތީ ކަންކަމަށް ސަމާލުކަންދޭން ވަނީ އަންގައިފަ އެވެ.

އޮލިމްޕިކް ކޮމިޓީގެ ރައީސްކަން މިދިޔަ ދެ ދައުރުގައި ކުރެއްވި މުހައްމަދު ޝަވީދު ވަނީ އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެކަން މީގެ ކުރިން އިއުލާން ކުރައްވައިފަ އެވެ. ޝަވީދު 2017 ވަނަ އަހަރު ދެ ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަތްއިރު، ވާދަކުރާނެ އިތުރު މެމްބަރަކު ނެތެވެ.