Advertisement

ޗައިނާގެ އެހީއާއެކު ނޭޕާލްގައި އަލުން ވެކްސިން ދޭން ފަށައިފި

ނޭޕާލުގައި މުސްކުޅި މީހަކަށް ވެކްސިން ދެނީ.-- ފޮޓޯ: ޔޫއެންއެޗްސީއާރް


ޗައިނާގެ އެހީއާއެކު ނޭޕާލްގައި އަލުން ވެކްސިން ދޭން ފަށައިފި

ކޮވިޑާ ދެކޮޅަށް ބޭނުން ކުރާ ވެކްސިން ހުސްވެ، ހުއްޓިފައިވާ ނޭޕާލްގެ ވެކްސިން ޕްރޮގްރާމް ޗައިނާގެ އެހީއާއެކު އަލުން ފަށައިފި އެވެ.

ވެކްސިންގެ އެހީއަށް އެދި ބޭރުގެ ފަރާތްތަކުގައި ނޭޕާކުން އެދެމުން ދަނިކޮށް ޗައިނާއިން ވަނީ އެ ގައުމަށް ސިނޮފާމް ވެކްސިންގެ އެއް މިލިއަން ޑޯޒް ހަދިޔާކޮށްފަ އެވެ.

އަލުން ވެކްސިން ޕްރޮގްރާމް ފެށުމުން ގިނަ ބަޔަކު ވަނީ ކިޔޫ ހަދާފަ އެވެ. އެގޮތުން ވެކްސިން ދޭ މަރުކަޒުތައް ހުޅުވުމުގެ ކުރިން އުމުރުން 64 އަހަރުން މަތީގެ އެތައް ހާށް ބަޔަކު ކިޔޫތަކަށް އެރި އެވެ. އުމުރުން 60 އަހަރާއި 63 އަހަރާ ދެމެދުގެ މީހުންނަށް ވެކްސިން ޖެހުމަށް ވަރަށް އަވަހަށް ހުޅުވާލާނެ އެވެ.

މިދިޔަ ޖެނުއަރީ މަހު ނޭޕާލުން ވެކްސިން ޕްރޮގްރާމް ފެށި ނަމަވެސް އިންޑިއާގައި ކޮވިޑު ދެ ވަނަ ރާޅުގައި ހާލު ގޯސްވެ، ދިމާވި ވެކްސިންގެ ދައްޗާއެކު އެކްސްޕޯޓް ކުރުން ހުއްޓާލުމުން، ނޭޕާލަށް އޭގެ އަސަރު ކުރި އެވެ.

ނޭޕާލުން މިހާތަނަށް ޖަހާފައިވަނީ އިންޑިއާއިން ހަދިޔާ ކުރި ކޮވިޝީލްޑް ވެކްސިންގެ އެއް މިލިއަން ޑޯޒެވެ. އިތުރު ދެ މިލިއަން ޑޯޒަށް ފައިސާ ދެއްކި ނަމަވެސް އޭގެ ތެރެއިން ލިބުނީ އެއް މިލިއަން ޑޯޒެވެ.

އޭގެ ސަބަބުން އުމުރުން 65 އަހަރުން މަތީގެ 1.4 މިލިއަން މީހުންނަށް ޖެހުނީ ކޮވިޝީލްޑުގެ އެންމެ ޑޯޒެކެވެ. އެ މީހުންނަށް ދެ ވަނަ ޑޯޒް ލިބޭނެ ދުވަހެއް އަދިވެސް ނޭނގެ އެވެ.

މިދިޔަ މާޗް މަހު ވެސް ޗައިނާއިން 800،000 ޑޯޒް ހަދިޔާ ކުރި އެވެ. ސިނޮފާމް ވެކްސިންގެ އެ ޑޯޒްތައް ވަނީ ޖަހައި ނިންމާފަ އެވެ.

އޭޕްރިލް އަދި މޭ މަހު ކޭސްތައް އިތުރުވެ، ސިއްހީ ނިޒާމަށް ބާރު ބޮޑުވުމާ ގުޅިގެން އެޅި ފިޔަވަޅުތަކާއެކު މިހާރު ނޭޕާލުގެ ކޮވިޑް ކޭސްތައް ވަނީ ދަށަށް ދާން ފަށާފަ އެވެ.