Advertisement

ގައުމީ ޓީމުގައި މަގާމު ދަމަހައްޓަން ރަނގަޅަށް ކުޅެން ޖެހޭ: އުމެއިރު

9 ޖޫން 2021 - 13:32 1

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ގައުމީ ޓީމުގެ ޓްރެެއިނިން ކޭމްޕްގެ ތެރެއިން އުމެއިރު.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް


ގައުމީ ޓީމުގައި މަގާމު ދަމަހައްޓަން ރަނގަޅަށް ކުޅެން ޖެހޭ: އުމެއިރު

9 ޖޫން 2021 - 13:32 1

ގައުމީ ޓީމުގައި މަގާމު ދަމަހައްޓަން ބޭނުންނަމަ އޭނާ ދެކޭގޮތުގައި ލިބޭ ކޮންމެ ފުރުސަތެއްގައި ވެސް މޮޅަށް ކުޅެން ޖެހޭނެ ކަމަށް ގައުމީ ޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އުމެއިރު ބުނެފި އެވެ.

މިދިޔަ ހުކުރު ދުވަހުގެރޭ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ސީރިއާއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގެ ފުރަތަމަ އެގާރައިގައި އުމުރުން 32 އަހަރުގެ އުމެއިރު ކުޅުނުއިރު، މިއީ މިދިޔަ ތިން އަހަރު ތެރޭގައި އޭނާ ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ. އުމެއިރު އޭގެ ކުރިން އެންމެ ފަހުން ގައުމީ ޓީމަށް ކުޅުނީ 2018 ވަނަ އަހަރުގެ މާޗް މަހު ސިންގަޕޫރާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.

ގަތަރުގައި ބޭއްވި ޓްރެއިނިން ކޭމްޕަށް ފަހު ރާއްޖޭން 2018 ވަނަ އަހަރު ސާފް ސުޒުކީ ކަޕަށް ނެގި ގައުމީ ސްކޮޑު ފައިނަލް ކުރިއިރު، ބާކީ ކުރި ކުޅުންތެރިންގެ ތެރޭގައި އުމެއިރު ހިމެނެ އެވެ.

އޭގެ ފަހުން ގައުމީ ސްކޮޑުން އުމެއިރަށް ފުރުސަތު ލިބުނީ މިދިޔަ ޖެނުއަރީ މަހު ގައުމީ ޓީމުގެ ކޯޗުކަމާ ނެދަލެންޑްސްގެ މާޓިން ކޫޕްމަން ހަވާލުވި ފަހުންނެވެ. ސީިރިއާ މެޗަކީ ކޫޕްމަން ހަވާލުވި ފަހުން ރާއްޖެ ކުޅުނު ފުރަތަމަ މެޗެވެ.

ސީރިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން އުމެއިރު.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް


"ވަރަށް އުފާވޭ ތިން އަހަރު ކޮށްފައި ގައުމީ ޓީމަށް އެނބުރި އާދެވުނީމަ. މިވީ ހުރިހާ ދުވަހުގައި ކުޅުނީ ވަރަށް ކުޅޭ ހިތުން. އެހެންވީމަ މުޅި ޖުމްލަކޮށް ވަރަށް އުފާވޭ ހަމަ (މި ފުރުސަތު ލިބުނީމަ)،" އުމެއިރު ބުންޏެވެ.

"އަބަދު ވެސް ރެޑީ (ތައްޔާރު) ވެގެން ހުންނަނީ ފުރަތަމަ އެގާރައިގައި ކުޅެން ޖެހިދާނެ ކަމަށް. ވަރަށް އުފާވެއްޖެ އެހާ ދުވަހަށް ފަހު އެނބުރި އައިސް ވެސް ފުރަތަމަ އެގާރައިގައި ކުޅެން ލިބުނީމަ،"

މި ސީޒަނުގައި މާޒިޔާ އަށް ވެސް ރަނގަޅު ކުޅުމެއް ދައްކަމުން އައި އުމެއިރު ބުނީ މިހާރު ގައުމީ ސްކޮޑުގައި ތިބީ ވަރަށް ޒުވާން ކުޅުންތެރިން ކަމަށާއި ފުރަތަމަ އެގާރައިގައި ވިޔަސް ޓީމުގައި ވެސް ޖާގަ ދެމެހެއްޓޭނީ ރަނގަޅަށް ކުޅެގެން ކަމަށެވެ.

"އެހެންވީމަ އެއީ ޗެލެންޖެއް. އެއީ ޒުވާން ކުޅުންތެރިންނާ އެއްވަރަށް ހިފެހެއްޓުން. އަބަދު ވެސް ކޮންމެ ބަޔަކު ތިއްބަސް އަހަރެންގެ ބެސްޓް ދެމުން މި ދަނީ. އިރާދަކުރެއްވިއްުޔާ ކުރިއަށް އޮތްތަނުގައި ވެސް އަހަންނަށް ވީ ވަރަކުން އެ ގޮތަށް ކުރިއަށްދާނީ،" ގައުމީ ޓީމަށް 50 އަށް ވުރެ ގިނަ މެޗު ކުޅެދިން އުމެއިރު ބުންޏެވެ.

ގައުމީ ޓީމުގެ ސްކޮޑު މި ފަހަރު ނެގިފައިވާ ގޮތަށް ބަލާއިރު ޖުމްލަކޮށް ރަނގަޅު ކަމަށް ގިނަ ބަޔަކު ވަނީ ފާހަގަކޮށްފަ އެވެ. އެކަަމަކު ލީގުގައި މޮޅަށް ކުޅެފައި ޖާގަ ނުލިބި ތިބި ބައެއް ކުޅުންތެރިން ވެސް އެބަހުރިކަން ގަބޫލުކުރަން ޖެހެ އެވެ.

ގައުމީ ޓީމުގެ ޕްރެކްޓިހުގެ ތެރެއިން އުމެއިރު.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް


އުމެއިރު ބުނީ އޭނާ ގަބޫލުކުރާ ގޮތުގައި ލީގުގައި ދައްކާ ކުޅުމަށް ބަލާއިރު ގައުމީ ޓީމަށް ކުޅެވޭނެ އިތުރު ކުޅުންތެރިން އެބަތިބި ކަމަށެވެ.

"އެބަ ކުޅޭ ހަމަ. އައިސްފައި ހަމަ (ގައުމީ ޓީމަށް) ރަނގަޅަށް ކުޅެވޭނެ ވަރަށް ގިނަ ކުޅުންތެރިން އެބަތިބި. ގައުމީ ޓީމު ކޯޗު އަތުގައި އެ ހުރިހާ ބާރެއް އޮންނާނީ. މި ތަނަށް އައި (ޓީމަށް އައި) ކޮންމެ ކުޅުންތެރިއަކަށް ވެސް ކުރެވޭނެ ކަމަކީ އެންމެ ބެސްޓް ދިނުން. އެއީ ޓީމަށް ވެސް އެންމެ ފައިދާވާނެ ގޮތަކީ،" އުމެއިރު ބުންޏެވެ.

"މިހާރު ކޮންމެ ކުޅުންތެރިއަކަށް ވެސް އެބައޮތް ޗާންސް (ފުރުސަތު). ގައުމީ ޓިމުގެ ކޯޗު ސެލެކްޝަނަކަށް ދާނީ. ބައެއް މީހުން ފާޑު ވެސް ކިޔާނެ މީގެ ކުޅުންތެރިއަކަށް ކުރެވޭނެ އެއްވެސް ކަމެއް ނީންނާނެ،"

ފުރަތަމަ ޑިވިޝަނުގައި 15 އަހަރު ކުޅެފައިވާ އުމެެއިރު އެންމެ ފުރަތަމަ ގައުމީ ޓީމަށް ކުޅުނު މެޗަކީ 2007 ވަނަ އަހަރު ރާއްޖެ ޔަމަނާ ދެކޮޅަށް ކުޅުނު މެޗެވެ. އުމެއިރަކީ 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ޓީމާއި 2014 ވަނަ އަހަރު އޭއެފްސީ ޗެލެންޖް ކަޕްގެ ތިން ވަނަ ހޯދި ޓީމުގެ ކުޅުންތެރިއެކެވެ.