Advertisement

ގާޒާގައި ނޫސްތައް ހިންގާ ޓަވަރު ބިމާ ހަމަކޮށްލި ސަބަބުގެ ހެކި ދައްކަން ގޮވާލައިފި

އަލް ޖަލާ ޓަވަރަށް ދިން ހަމަލާއަށް ފަހު ވެއްޓެމުން ދިޔަ ވަގުތުގެ ފޮޓޯއެއް.--


ގާޒާގައި ނޫސްތައް ހިންގާ ޓަވަރު ބިމާ ހަމަކޮށްލި ސަބަބުގެ ހެކި ދައްކަން ގޮވާލައިފި

ގާޒާގައި ބައިނަލްއަގްވާމީ މީޑިއާގެ އޮފީސްތައް ހިންގާ އިމާރާތަށް ބޮން އަޅައި ބިމާ ހަމަކޮށްލީ ހަމާސްއިން އެ އިމާރާތުގައި ހަރަކާތްތެރިވާތީ ކަމަށް އިޒްރޭލުން ބުނުމުން އެކަމާ ގުޅޭ ހެކި ދައްކަން އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ގޮވާލައިފި އެވެ.

އިޒްރޭލުން އެމެރިކާއަށް ކަނޑައަޅާފައި ހުންނަ ސަފީރު ގިލާދް އެރްދަން އިއްޔެ ވިދާޅުވީ އެ އިމާރާތަށް ބޮން އެޅީ ހަމާސްގެ ހަނގުރާމަވެރިން އިމާރާތް ބޭނުންކޮށްގެން އިޒްރޭލުގެ އަޔަން ޑޯމް ރޮކެޓް ޑިފެންސް ސިސްޓަމަށް ހަމަލާ ދޭން އުޅުމުން ކަމަށެވެ.

އޭޕީން ބުނީ އެރްދަންގެ އެ ވާހަކަތަކަކީ ސާބިތު ހިފޭ ވާހަކަތަކެއް ކަމަށް ދޭހަވާ ފަދަ އެއްވެސް ހެއްކެއް މިހާތަނަށް ނެތް ކަމަށެވެ. އެ އިމާރާތަށް ބޮން އެޅި މައްސަލާގައި އޭޕީގެ ވެރިން ވަނީ އެރްދަންއާ ބައްދަލުކޮށްފަ އެވެ. ބޮން އެޅި ސަބަބާ ގުޅޭ ގޮތުން ބަޔާން ނެރުނީ އޭގެ ފަހުންނެވެ.

އެރްދަން ވިދާޅުވީ އިޒްރޭލުން ގަސްތުގައި ނޫސްވެރިންނަށް އަމާޒު ނުކުރަ ކަމަށެވެ.

"އޭޕީއަކީ ދުނިޔޭގައި ހިންގާ އެންމެ މުހިއްމު އެއް ނިއުސް އެޖެންސީ. އިޒްރޭލުން ގަބޫލެއް ނުކުރޭ ހަމާސްއިން އިމާރާތުގެ ތެރޭގައި ހަރަކާތްތެރިވާކަން އޭޕީގެ ނޫސްވެރިންނަށް އެނގޭ ކަމަކަށް،" އޭނާ ވިދާޅުވި އެވެ.

"ނޫސްވެރިކަމުގެ މިނިވަންކަމުގެ މުހިއްމު ކަމާއި ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މުހިއްމު ކަމަކީ އިޒްރޭލުން ބަލައިގަންނަ ކަންކަން. އަދި ގާޒާގައި އޭޕީގެ އޮފީސް އަލުން އިމާރަތް ކުރުމަށާއި އޭޕީގެ އޮޕަރޭޝަންތައް އަލުން ފެށުމަށް އެހީތެރިވާން އިޒްރޭލުން މި އޮތީ ތައްޔާރަށް".

އޮފީސް އަލުން އިމާރާތް ކުރުމުގައި އެހީވާނެ ކަމަށް އިޒްރޭލުން ބުނުމުން އޭޕީން އެކަމަށް މަރުހާ ކިޔެވެ. ނަމަވެސް ހަމާށްގެ ހަނގުރާމަވެރިން އިމާރަތުގައި އުޅުނު ކަމަށް އިޒްރޭލުން ބުނާތީ އެކަމުގެ ހެކި ދައްކަން އޭޕީން ނެރުނު ބަޔާނުގައި ގޮވާލާފައި ވެ އެވެ.

"މި ވާހަކަތަކަށް ބާރު ލިބޭ އެއްވެސް ހެއްކެއް މިހާތަނަކަށް ނެތް. އިޒްރޭލުގެ އަތުގައި އެއްވެސް ހެއްކެއް ހުރި ނަމަ، އެ ހެކިތައް ހާމަކުރުމަށް އަޅުގަނޑުމެން ގޮވާލަމުން މި ދަނީ، ކަމުގެ ތެދު ހަގީގަތް ސާފު ކުރުމަށް،" ބަޔާނުގައި ވެ އެވެ.

މީގެ ކުރިން އެތައް ފަހަރެއްގެ މަތިން އޭޕީން ވަނީ ހެކި ދައްކަން ގޮވާލާފަ އެވެ. އޭގެ އިތުރުން އިމާރާތަށް ބޮން އެޅި މައްސަލައިގެ މިނިވަން ތަހުގީގަކަށް ވެސް އެ ނޫހުން ދަނީ ބާރު އަޅަމުންނެވެ.

އަލް ޖަޒީރާގެ އިތުރުން އޭޕީ އާއި އިތުރު އެހެން ބައެއް އޮފީސްތައް ވެސް ހިންގާ 12 ބުރީގެ އަލް ޖަލާ އިމާރާތަށް އިޒްރޭލުން ބޮން އެޅީ މޭ 12 ގަ އެވެ. އެ ހަމަލާގައި އެއްވެސް މީހަކު މަރުވެފައެއް ނުވެ އެވެ.

އިޒްރޭލާއި ގާޒާގައި ވެރިކަން ކުރާ ހަމާސްއާ ދެމެދު 11 ދުވަސް ވަންދެން ހަމަލާ ބަދަލު ކުރުމުގެ ސަބަބުން ފަލަސްތީނުގެ 250 މީހުންނާއި، އިޒްރޭލުގެ 13 މީހުން މަރުވި އެވެ.