Advertisement

ނަޑެއްލާއަށް އެމްބިއުލަންސެއް އަންނަ ހަފުތާގައި ލިބޭނެ

22 ޖުލައި 2021 - 18:15 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ގދ. ނަޑެއްލާގެ މަގެއް: އެ ރަށުގެ އެމްބިއުލާންސް ހަލާކުވެ ބޭނުކުރެވޭތާ ދެ އަހަރުވެދާނެ ކަމަށް ކައުންސިލުން ބުނޭ-- ފޮޓޯ: އައިޑިއާސް- ވޯޑްޕްރެސް


ނަޑެއްލާއަށް އެމްބިއުލަންސެއް އަންނަ ހަފުތާގައި ލިބޭނެ

22 ޖުލައި 2021 - 18:15 0

ގދ. ނަޑެއްލާގައި އެމްބިއުލަންސެއް ނެތިގެން ފޮތިގަނޑެއްގައި ބަލިމީހަކު އުފުލާ ފޮޓޯ އާއްމުވެ މައްސަލަ ބޮޑުވެފައި ވަނިކޮށް އެ ރަށަށް އަންނަ ހަފުތާގައި އެމްބިއުލަންސެއް ލިބޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ކައުންސިލުން މިއަދު ބުނެފި އެވެ.

ނަޑެއްލާ ކައުންސިލްގެ ރައީސް މުހައްމަދު އަންޝާއު "އަދަދު" އަށް ވިދާޅުވީ އެ ރަށަށް މިއަދު ފޮނުވަން ހަމަޖެއްސި އެމްބިއުލާންސް އަންނަ ހަފުތާގެ ހޯމަ ދުވަހު ލިބޭނެ ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށެވެ. އެމްބިއުލަންސް ފޮނުވުން ލަސްވީ މޫސުން ގޯސްވުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަޑެއްލާއަށް އެމްބިއުލަންސެއް އަންނަ ހަފުތާގައި ލިބޭނެ ކަމުގެ ޔަގީންކަން އެ ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ވެސް ދެއްވި އެވެ.

ނަޑެއްލާގައި އެމްބިއުލާންސެއް ނެތްތާ ދެ އަހަރު ވެފައިވާ އިރު އެ ރަށުން މީހަކު ބަލިވެއްޖެ ނަމަ ބޭނުން ކުރީ ރަށު ޕިކަޕެއް ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ.

އެމްބިއުލާންސް ނެތުމުގެ މައްސަލައާ އެކު އިއްޔެ އާއްމުވި ފޮޓޯއިން ފެންނަނީ ބަލި މީހަކު ފޮތިގަނޑަކަށް ލައި އުފުލައިގެން ލޯންޗަކަށް އަރުވާ މަންޒަރެވެ. ފޮތިގަނޑަކަށް ލައިގެން އޭނާ ލޯންޗަށް އަރުވަން ގެނައީ ވެސް ރަށު ޕިކަޕެއްގަ އެވެ.

ނަޑެއްލާގައި އެމްބިއުލާންސް ނެތުމުގެ އުނދަގޫ ދިމާވެފައިވާއިރު އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސް އާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއެކު މިނިސްޓްރީ އޮފް ހެލްތުން މިދިޔަ މަހު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

އެ އެމްބިއުލާންސްތައް ދޭނެ ރަށްތައް މިހާތަނަށް މިނިސްޓްރީން ހާމަ ކޮށްފައެއް ނުވެ އެވެ. އެ އެއްބަސްވުމުގައިވާ ގޮތުން މަދުވެގެން 180 ދުވަހުގެ ތެރޭގައި އެމްބިއުލާންސްތައް ހެލްތު މިނިސްޓްރީއަށް ހަވާލުކުރަން ޖެހެ އެވެ.