Advertisement

ކޮލިފައިން: ސީރިއާ އެއް ވަނަ ކަށަވަރުކޮށްފި، ފިލިޕީންސް އަތުން ޗައިނާ އަށް މޮޅެއް

8 ޖޫން 2021 - 00:53 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ލަނޑު ޖެހުމަށް ފަހު ސީރިއާ ކުޅުންތެރިން އުފާފާޅުކުރަނީ.


ކޮލިފައިން: ސީރިއާ އެއް ވަނަ ކަށަވަރުކޮށްފި، ފިލިޕީންސް އަތުން ޗައިނާ އަށް މޮޅެއް

8 ޖޫން 2021 - 00:53 0

ފީފާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި މިރޭ ކުޅުނު މެޗުން 3-0 އިން ގުއާމް ބަލިކޮށް ސީރިއާ އިން ކޮލިފައިން ތިން ބުރުގެ ފުރުސަތާ އެކު 2023 ވަނަ އަހަރުގެ އޭޝިއަން ކަޕުގެ ޖާގައެއް ކަށަވަރު ކުރިއިރު، ޗައިނާ އިން 2-0 އިން ފިލިޕީންސް ބަލިކޮށްފި އެވެ.

ގްރޫޕް އޭގެ އެއް ވަަނައިގައި ސީރިއާ އޮތީ ކުޅުނު ހަތް މެޗުން ވެސް މޮޅުވެގެން 21 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޗައިނާ އަށް ހަ މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު، ބާކީ އޮތް ދެ މެޗުން މޮޅުވެގެން ވެސް ޗައިނާ އަށް ސީރިއާއާ ހަމަނުކުރެވޭނެ އެވެ. ތިން ވަނައިގައި ފިލިޕީންސް އޮތީ ހަ މެޗުން ހަތް ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި ރާއްޖެ އޮތީ ހަ މެޗުން ހަ ޕޮއިންޓާ އެކު އެވެ. އެންމެ ފުލުގައި އޮތް ގުއާމަށް ހަތް މެޗުން ކުޅުނުއިރު، ޕޮއިންޓެއް ނުލިބެ އެވެ.

ސީރިއާ އިން ގްރޫޕް އެއް ވަނައިގެ ގޮތުގައި އޭޝިއަން ކަޕްގެ ޖާގަ ހޯދިއިރު، ދެ ވަނައިގައި އޮތް ޗައިނާ އަކީ 2023 ގައި އޭޝިއަން ކަޕްގެ ހޯސްޓް އެވެ. ގްރޫޕްގެ ތިން ވަނަ ހޯދައިގެން ފިލިޕީންސާއި ރާއްޖެ އަށް އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދިދާނެ އެވެ. ހަތަރު ވަނަ އާއި ފަސް ވަނައިގައި ނިންމާލާ ދެ ޓީމުން ކުޅެން ޖެހޭނީ އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖްގެ ވެސް ކޮލިފައިންގަ އެވެ.

ރާއްޖޭން ހުކުރު ދުވަހުގެރޭ ޗައިނާ އާއި ދެކޮޅަށް ކުޅޭ މެޗާއި އަންނަ ހަފްތާގެ އަންގާރަ ދުވަހު ފިލިޕީންސާ ދެކޮޅަށް ކުޅޭ މެޗުން ރަނގަޅު ނަތީޖާތަކެއް ނެރެ، ފިލިޕީންސް އަށް ހުކުރު ދުވަހުގެރޭ ގުއާމް އަތުން މޮޅުނުވެވިއްޖެނަމަ ގްރޫޕް ތިން ވަނަ ލިބޭނެ އެވެ. ގްރޫޕް ތިން ވަނަ ނުލިބިއްޖެނަމަ ރާއްޖޭން ކުޅެން ޖެހޭނީ އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުގެ ކޮލިފައިން (ޕްލޭއޮފް)ގަ އެވެ.

ގްރޫޕް އޭގެ މެޗުތައް ސެންޓަރަލައިޒްކޮށް ކުރިއަށްދަނީ ދުބާއީގަ އެވެ. މިއަދު ގުއާމް ކޮޅަށް ސީރިއާގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ މަރްދީގް މަރްދިގިއަން އާއި މަހުމޫދު އަލް-މަވާސް އެވެ. އަލް-މަވާސް އަކީ މިދިޔަ ހުކުރު ދުވަހު ރާއްޖެ ކޮޅަށް ހެޓްރިކްް ހެދި ކުޅުންތެރިޔާ އެވެ. ސީރިއާ އިން ރާއްޖެ ބަލިކުރީ 4-0 އިންނެވެ.

ޗައިނާ އިން މިރޭ ފިލިޕީންސް ބަލިކުރީ ދެ ވަނަ ހާފްގެ ގޯލުތަކާ އެކު އެވެ. ޗައިނާ އަށް ފުރަތަމަ ގޯލު ޖަހައިިދިނީ ސްޕެއިނުގެ އެސްޕަންޔޯލަށް ކުޅޭ ފޯވާޑް ވޫ ލެއި އެވެ. އޭނާ މި ލަނޑު ޖެހީ ޕެނަލްޓީ އަކުންނެވެ. ޗައިނާގެ ދެ ވަނަ ގޯލު ޖެހީ ވޫ ޒިންގޯން އެވެ.

ޗައިނާ ދެން ކުޅޭ މެޗުގައި އަންނަ ހުކުރު ދުވަހުގެރޭ ބައްދަލުކުރާނީ ރާއްޖެއާ އެވެ. އެ މެޗު ފަށާނީ ރާއްޖެ ގަޑިން 22:00 ގަ އެވެ.

ގަތަރުގައި ކުރިއަށްދާ ގްރޫޕް އީގެ މެޗުތަކުގެ ތެރެއިން އިންޑިއާ އިން ވަނީ ސުނިލް ޗެތުރީގެ ދެ ގޯލާ އެކު 2-0 އިން ބަންގްލަދޭޝް ބަލިކޮށް ގްރޫޕްގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ. މިއީ އެންމެ ފަހުން ކުޅުނު ރަސްމީ ވާދަވެރި 11 މެޗުގެ ތެރެއިން އިންޑިއާ މޮޅުވި ފުރަތަމަ ފަހަރެވެ. މި ގްރޫޕްގައި މިރޭ އޮމާންގެ މައްޗަށް 1-0 އިން ކުރިހޯދައި ގަތަރު ވަނީ ގްރޫޕްގެ އެއް ވަނައިގެ ގޮތުގައި އޭޝިއަން ކަޕުން ފުރުސަތު ހޯދައިފަ އެވެ.