Advertisement

އޭޝިއަން ކަޕް ކޮލިފައިންގެ ޕްލޭއޮފްގައި ކުޅެން ރާއްޖެ އަށް ނުޖެހުނު

9 މޭ 2024 - 19:51 0


އޭޝިއަން ކަޕް ކޮލިފައިންގެ ޕްލޭއޮފްގައި ކުޅެން ރާއްޖެ އަށް ނުޖެހުނު

9 މޭ 2024 - 19:51 0

އޭޝިއަން ކަޕް ކޮލިފައިންގެ ޕްލޭއޮފް ބުރުގައި ނުކުޅެ، ރާއްޖެ އާއި ބޫޓާން އަދި ލާއޯސް އަށް ކޮލިފައިން ފަހު ބުރުން ފުރުސަތު ލިބިއްޖެ އެވެ.

ފީފާ ވޯލްޑް ކަޕް/އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން ޕްރިލިމިނަރީ ބުރުން ރާއްޖެ ވަނީ ބަންގްލަދޭޝް އަތުން ބަލިވެފަ އެވެ. އެހެންވެ، ރާއްޖެ އަށް 2027 ވަނަ އަހަރު ސައުދީ އަަރަބިއްޔާގައި ބާއްވާ އޭޝިއަން ކަޕަށް ކޮލިފައިވާން ވާދަކުރަން ޖެހުނީ، އޭޝިއަން ކަޕް ކޮލިފައިން ޕްލޭއޮފް ބުރުގައި ކަމަށް ކަނޑައެޅުނެވެ.

އެކަމަކު، އޭޝިއަން ކަޕް ކޮލިފައިން ޕްލޭއޮފްގައި އޮތް ގުއާމް އާއި ނޮދާން މަރިއާނާ އައިލެންޑް ވާދަނުކުރާ ގޮތަށް ހަމަޖެހުމުން، ޕްލޭއޮފްގައި ކުޅެން ޖެހޭ ގައުމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރުނު ތިން ގައުމަކަށް ވަނީ އޭޝިއަން ކަޕް ކޮލިފައިން ފައިނަލް ބުރުން ފުރުސަތު ލިބިފަ އެެވެ.

އެ ތިން ގައުމަކީ ރާއްޖެ އާއި ބޫޓާން އަދި ލާއޯސް އެވެ.

އޭޝިއަން ކަޕް ކޮލިފައިން ޕްލޭއޮފް ބުރުގެ ގުރުއަތުލުން މިއަދު ކުރިއަށްދިޔައިރު، މި އަހަރު ސެޕްޓެމްބަރު މަހު، ޕްލޭއޮފްގެ ތިން މެޗެއް ކުޅެން ވަނީ ގުރުނަގައިފަ އެވެ. އެ ގޮތުން، އެއް މެޗުގައި ސްރީ ލަންކާ އިން ކެމްބޯޑިއާއާ ކުޅޭއިރު، އަނެއް މެޗުގައި، ޓިމޯ ލިސްޓޭ އިން ބައްދަލުކުރާނީ މޮންގޯލިއާއާ އެވެ. އަދި ދެން ކުޅޭ ޕްލޭއޮފް މެޗުގައި، ބްރުނާއީ އާއި މަކާއު އެވެ.

މި ތިން ޕްލޭއޮފް މެޗުން މޮޅުވާ ޓީމުތަކާއި ރާއްޖެ، ބޫޓާން އަދި ލާއޯސް ދެން ވާދަކުރާނީ، އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުގަ އެވެ. އެ ގޮތުން، 24 ޓީމެއް ހަ ގްރޫޕަކަށް ބަހާލުމަށް ފަހު، ކޮންމެ ގްރޫޕެއްގެ އެއް ވަނަ އޭޝިއަން ކަޕަށް ކޮލިފައިވާނެ އެވެ. ދެން، މުބާރާތަށް ކޮލިފައިވާ ޓީމުތައް ކަނޑައެޅޭނީ ފީފާ ވޯލްޑް ކަޕް ކޮލިފައިން އޭޝިއާގެ ފަހު ބުރުތަކުގެ ތެރެއިންނެވެ.

ރާއްޖޭން ދެން އޭޝިއަން ކަޕް ކޮލިފައިންގެ މެޗުތައް ފަށާނީ އަންނަ އަހަރުގެ މާޗް މަހުގަ އެވެ.