Advertisement

ހެރީ އާއި މޭގަންގެ ދެ ވަނަ ދަރިފުޅު އުފަންވެވަޑައިގެންފި

އަމީރު ހެރީ އާއި އަނބިކަނބަލުން މޭގަން، އިނގިރޭސި ރާނީ އެލިޒަބަތާއެކު.-- ފޮޓޯ: ގެޓީ އިމޭޖަޒް


ހެރީ އާއި މޭގަންގެ ދެ ވަނަ ދަރިފުޅު އުފަންވެވަޑައިގެންފި

އިނގިރޭސި ވިލާތުގެ ޑިޔުކް އަދި ޑަޗެސް އޮފް ސަސެކްސްގެ ދެ ވަނަ ދަރިފުޅު އުފަންވި ހަބަރު ލިބިވަޑައިގެން ރާނީ އެލިޒަބަތު ވަރަށް ބޮޑަށް އުފާވެ ވަޑައިގެންފައިވާ ކަމަށް ޝާހީ ގަނޑުވަރު ބަކިންހަމް ޕެލެސްއިން ބުނެފި އެވެ.

އަމީރު ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލްއަށް މި ފަހަރު ލިބިވަޑައިގެންނެވީ އަންހެން ބޭފުޅެކެވެ. ދަރިފުޅަށް ކިޔާފައިވާ ނަމަކީ ލިލިބެޓް "ލިލީ" ޑަޔާނާ މައުންޓްބެޓަން-ވިންޑްސާ އެވެ.

ވޭލްސްގެ އަމީރު އަދި ހެރީގެ ބައްޕާފުޅު ޗާލްސް އާއި ޑިޔުކް އޮފް ކެމްބްރިޖް އަދި ހެރީގެ ބޭބޭފުޅު ވިލިމް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް މަރުހަބާ ދަންނަވާފަ އެވެ. އިނގިރޭސި ބޮޑު ވަޒީރު ބޮރިސް ޖޯންސަން ވެސް ވަނީ ހެރީ އާއި މޭގަން އަށް މަރުހަބާ ވިދާޅުވެފަ އެވެ.

ރާނީގެ 11 ވަނަ މުނި މާމަ ދަރިފުޅު، ލިލިބެޓް އުފަންވެ ވަޑައިގެންނެވީ ކެލިފޯނިއާގެ ސެންޓާ ބާބަރާ ހޮސްޕިޓަލުގަ އެވެ. ލިލިބެޓްއަކީ ރާނީ ތުއްޕުޅުއިރު އެކަމަނާއަށް ލޯބިން ކިޔާ އުޅުނު ނަމެކެވެ.

ރާނީ އެލިޒަބަތު ތުއްޕުޅުއިރު.-- ފޮޓޯ: ގެޓީ އިމޭޖަޒް


ލިލިބެޓްގެ ނަމުން ރާނީއާ މުހާތަބު ކުރަން ފެށީ އެކަމަނާ ވަރަށް ތުއްޕުޅުއިރު އަމިއްލަ ނަންނަފުޅު ރަނގަޅަށް ވިދާޅުވާން ނޭނގުމުން އާއިލާގެ މެމްބަރުންނެވެ.

ހެރީ އާއި މޭގަން ވިދާޅުވީ ދަރިފުޅުގެ ނަމުގައި ޑަޔާނާ ހިމެނީ ހެރީގެ މަންމަ އަދި ލިލިބެޓްގެ މާމަގެ ހަނދާނުގައި ކަމަށެވެ. ޖޫން ހަތަރު ވަނަ ދުވަހު އުފަންވެ ވަޑައިގެންނެވި ދަރިފުޅުގެ ފޮޓޯއެއް އަދި މިހާތަނަށް އާއްމުކޮށްފައެއް ނުވެ އެވެ.

ޑިޔުކް އަދި ޑަޗެސް އޮފް ސަސެކްސް.-- ފޮޓޯ: މީސާ ހެރިމަން


އުމުރުން 36 އަހަރުގެ ހެރީ އާއި 39 އަހަރުގެ މޭގަން ކައިވެނި ކުރެއްވީ މޭ 2018 ގަ އެވެ. އޭގެ އެއް އަހަރު ފަހުން ފުރަތަމަ ދަރިކަލުން އާޗީ ހެރިސަން މައުންޓްބެޓަން ވިންޑްސާ އުފަންވެ ވަޑައިގެންނެވި އެވެ.