Advertisement

ފޭވަރިޓުންގެ ބަހުސްގައި މޮރީނިއޯ އަށް ޑެޝޯމްޕްސްގެ ރައްދެއް!

7 ޖޫން 2021 - 09:15 0

މޮރީނިއޯ (ކ) އާއި ޑެޝޯމްޕްސް.


ފޭވަރިޓުންގެ ބަހުސްގައި މޮރީނިއޯ އަށް ޑެޝޯމްޕްސްގެ ރައްދެއް!

7 ޖޫން 2021 - 09:15 0

ޕެރިސް (ޖޫން 7) - ފްރާންސަކީ މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފޭވަރިޓުން ކަމަށާއި އެ ޓީމުން މުބާރާތުގެ ޗެމްޕިއަންކަން ނުހޯދައިފިނަމަ އެއީ ފެއިލްވުމެއް ކަމަށް މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯ ބުނުމުން އެ އަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ރައްދު ދީފި އެވެ.

ދި ސަން ނޫހަށް މޮރީނިއޯ ލިޔެފައިވާ ޔޫރޯގެ އެނަލައިސިސް ބްލޮގެއްގައިވާ ގޮތުން ފްރާންސް ޓީމުގައި އެއްވެސް އުނިކަމެއް ނެތެވެ. ފްރާންސްގައި އެ އޮތް ސްކޮޑަކީ ވަރަށް ފުރިހަމަ ގްރޫޕެއް ކަމަށާއި އެ މީހުން ޔޫރޯ ކާމިޔާބު ނުކޮށްފިނަމަ މިއީ އެ ޓީމަށް ނާކާމިޔާބު ފަހަރެއް ކަމަށް މޮރީނިއޯ ވަނީ ބުނެފަ އެވެ.

މޮރީނިއޯގެ އެ ވާހަކަތަކަށް ރައްދުދިންއިރު، ޑެޝޯމްޕްސް ފުރަތަމަ ކުރީ ސަމާސާއެކެވެ. އޭނާ ބުނީ މޮރީނިއޯ ކޯޗުކޮށްދިން ޓޮޓެންހަމާ މެދު ވެސް ދެކުނީ އެހެން ކަމަށާއި އެކަމަކު އެ ޓީމަށް ތަށްޓެއް ނުހޯދިއިރު، ފަހުން ދިމާވީ ހީވެސް ނުކުރާ ކަމެއް ކަމަށެވެ. މިދިޔަ އޭޕްރީލް މަހު ޓޮޓެންހަމް ކޯޗުކަމުން މޮރީނިއޯ ވަނީ ވަކިކޮށްފަ އެވެ.

ޑެޝޯމްޕްސް ބުނީ 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ޗެމްޕިއަނަކީ ފްރާންސް ކަމަށްވާތީ އެ ޓީމަކީ މި ފަހަރުގެ ޔޫރޯ އަށް ނުކުތުމުގެ ކުރިން އޮޓޮމެޓިކުން ވެސް ފޭވަރިޓުންގެ ގޮތުގައި ގުނާނެ ޓީމެއް ކަމަށެވެ.

"ވޯލްޑް ކަަޕަށް ފަހު ތިން އަހަރުގެ ތަޖުރިބާތަކެއް މިދިޔައީ. ތެދެއް. އަހަރެމެންގެ އެޓޭކްގެ ހުނަރާ މެދު ސުވާލެއް ނެތް. އެކަމަކު އެބަޖެހޭ ބެލެންސެއް ވެސް އޮންނަން. އަހަރެމެން އެބަޖެހޭ ހުރިހާ ސްޓައިލަކަށް ކުޅެން. ހުރިހާ ވައްޓަފާޅިއަކަށް ހޭނެން. ހަމައެކަނި ކުޅުންތެރިން ތިބުމަކުން ކާމިޔާބީ ޔަގީންނުވާނެ،" 1998 ގެ ވޯލްޑް ކަޕާއި 2000 ވަނަ އަހަރުގެ ޔޫރޯ ފްރާންސަށް ހޯދައިދިން ކެޕްޓަން ޑެޝޯމްޕްސް ބުންޏެވެ.

ފޭވަރިޓުންނަށް ވުމަކީ ޕްރެޝަރެއް ނޫން. ފޭވަރިޓުންގެ އެ ބަހުސް އިން ރެކެން ވެގެން ވެސް ނޫޅެން. ފްރާންސަކީ ޔޫރޯގެ ފޭވަރިޓެއް. އެކަމު ގަބޫލުކުރަން ޖެހޭ އެހެން ހަގީގަތްތަކެއް ވެސް ހުންނާނެ - ޑެޝޯމްޕްސް

ޔޫޫރޯ އަށް ތައްޔާރުވުމުގެ ގޮތުން ފްރާންސް ކުޅުނު ފުރަތަމަ އެކުވެރިކަމުގެ މެޗުން ވަނީ މިދިޔަ ބުދަ ދުވަހުގެރޭ ވޭލްސް އަތުން 3-0 އިން މޮޅުވެފަ އެވެ. ޔޫރޯ އަށް ތައްޔާރުވާން ފްރާންސް ކުޅޭ ފަހު މެޗުގައި މާދަމާރޭ ނުކުންނާނީ ބަލްގޭރިއާއާ ދެކޮޅަށެވެ.

ޑެޝޯމްޕްސް ބުނީ މި މެޗުތަކުގައި ވީހާވެސް ގިނަ ކުޅުންތެރިންނަށް ފުރުސަތު ދޭން ބޭނުންވާ ކަމަށާއި އެއީ މެޗު ކުޅެވޭނެ ހާލަތުގައި ހުރިހާ ކުޅުންތެރިން ވެސް ބެހެއްޓުމަކީ މުބާރާތަކަށް ދާއިރު ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

ބަލްގޭރިއާއާ ދެކޮޅަށް މާދަމާރޭ ކުޅޭ މެޗަށް ފްރާންސް އިން ގިނަ ބަދަލުތަކެއް ގެންނާނެ ކަމަށް ޑެޝޯމްޕްސް ވަނީ ބުނެފަ އެވެ. އެ ގޮތުން ވޭލްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ނުފެނުނު މިޑްފީލްޑަރު އެންގޯލޯ ކާންޓޭ އާއި ފޯވާޑް އޮލިވިއޭ ޖިރޫޑް ބަލްގޭރިއާއާ ދެކޮޅަށް ކުޅޭނެ އެވެ.

މި ފަހަރުގެ ޔޫރޯގައި ފްރާންސް އޮތީ މަރުގެ ގްރޫޕެއްގަ އެވެ. އެ ގްރޫޕްގައި ދެން އޮތީ ޖަރުމަނާއި ޕޯޗުގަލް އަދި ހަންގޭރީ އެވެ. ފުރަތަމަ މެޗުގައި ފްރާންސް ނުކުންނާނީ މި މަހުގެ 15 ވަނަ ދުވަހު ޖާމަނީއާ ދެކޮޅަށެވެ.

އަންނަ ސީޒަނުގައި ރޯމާގެ ކޯޗުކަމާ ހަވާލުވާން އެއްބަސްވެފައިވާ މޮރީނިއޯ މި ފަހަރު ޔޫރޯގައި ގިނަ މީޑިއާތަކެއްގައި މަސައްކަތް ކުރާނެ އެވެ. އެ ގޮތުން ޓޯކްސްޕޯޓް އެނަލިސްޓެއްގެ ގޮތުގައި ޝޯތަކުގައި ބައިވެރިވާއިރު، އިނގިރޭސި ތިން ނޫހެއް ކަމަށްވާ ދި ސަން، ޓައިމްސް އަދި ސަންޑޭ ޓައިމްސްގައި ކޮލަމް ލިޔާނެ އެވެ.