Advertisement

ރޯމާގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި

16 ޖަނަވަރީ 2024 - 14:04 0


ރޯމާގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި

16 ޖަނަވަރީ 2024 - 14:04 0

ރޯމް، އިޓަލީ (ޖެނުއަރީ 16) - އިޓަލީގެ ރޯމާއާ ހަވާލުވެ ހުރި މަޝްހޫރު ޕޯޗުގީސް ކޯޗު، ހޯސޭ މޮރީނިއޯ ވަކިކުރަން އެ ކްލަބުން ނިންމައިފި އެވެ.

ރޯމާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މޮރީނިއޯ އާއި އޭނާގެ ކޯޗިން ސްޓާފުންނާ އެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސް އެ ފަރާތްތައް މަގާމުގެ ޒިންމާ އިން ވަގުތުން ވަގުތަށް ދުރުކުރަން ނިންމާފައިވާ ކަމަށެވެ.

މޮރީނިއޯ، ރޯމާގެ ކޯޗަކަށް ހަމަޖެއްސީ 2021 ވަނަ އަހަރުގެ މެއި މަހު އެވެ. އޭނާ އަކީ އެ ކްލަބް ތާރީހުގައި އެ މަގާމާ ހަވާލުވި 60 ވަަނަ ކޯޗެވެ. މޮރީނިއޯގެ ކޯޗުކަމުގައި ރޯމާ އިން ޔުއެފާ ކޮންފަރެންސް ލީގުގެ ޗެމްޕިއަންކަން ހޯދިއިރު، މިދިޔަ ސީޒަނުގައި ޔޫރޮޕާ ލީގުގެ ފައިނަލުގައި ކުޅެ ބަލިވި އެވެ. މޮރީނިއޯ އަކީ ރޯމާގެ ތާރީހުގައި ވެސް އެ ޓީމަށް ޔޫރަޕްގެ ތަށްޓެއް ހޯދައިދިން ފުރަތަމަ ކޯޗެވެ.

މިދިޔަ ދެ ސީޒަނުގައި މޮރީނިއޯ އަށް ވަނީ ހަ ރަތް ކާޑު ދައްކައިފަ އެވެ. އިޓަލީގެ ރެފްރީންނަށް ފާޑުކިޔާތީ، މޮރީނިއޯ ވަނީ މެޗުތަކަކަށް ސަސްޕެންޑް ވެސް ކޮށްފަ އެވެ.

ކުރިން ޗެލްސީ، ރެއާލް މެޑްރިޑް، މެންޗެސްޓާ ޔުނައިޓެޑް އަދި އިންޓަ މިލާނަށް ވެސް ކޯޗުކޮށްދިން މޮރީނިއޯ ރޯމާ އަށް އިރުޝާދުދިން އެންމެ ފަހު މެޗަކީ، އިޓާލިއަން ލީގުގައި އެންމެ ފަހުން އޭސީ މިލާން އަތުން ރޯމާ 3-1 އިން ބަލިވި މެޗުގަ އެވެ. މި މެޗުން ބަލިވެ، ރޯމާ ވަނީ ލީގުގެ ނުވަ ވަނަ އަށް ވެއްޓިފަ އެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި މޮރީނިއޯ ބުނެފައިވަނީ އެ ކްލަބް އޮތް ހަލަތާއި ކަންކަމަށް ބަލާއިރު، ވެސް ސަޕޯޓަރުންގެ މެދުގައި އޭނާ އަށް އޮތް މަގުބޫލުކަން ބޮޑު ކަމަށެވެ. އަދި ސަޕޯޓަރުންގެ ނަޒަރުގައި ހުރި ކަންތައްތަކަށް ބަލައި، ހާލަތު ބަދަލުކޮށް ކަންކަން ރަނގަޅުކުރަން އޭނާ އަކީ "ހެރީ ޕޮޓާ" ކަމަށް ވެސް މޮރީނިއޯ ވަނީ ބުނެފަ އެވެ.

ރޯމާގެ ވެރިން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެ ޓީމު ވަރުގަދަކުރަން ހަރަދުނުކުރާތީވެ، މޮރީނިއޯ ވަނީ މީގެ ކުރިން އެކި ފަހަރު މަތިން ނުސީދާ ގޮތަކަށް އެ ކަމަށް ފާޑުކިޔައިފަ އެވެ. އެ ގޮތުން، މިދިޔަ މަހުން ފެށިގެން އެކި ނޫސްވެރިންގެ ބައްދަލުވުންތަކުގައި މޮރީނިއޯ ވަނީ އެ ޓީމަށް ޑިފެންޑަރުން ބޭނުންވާ ކަމަށް ގިނަ ސުވާލުތަކަކަށް ދިން ޖަވާބުގައި ބުނެފަ އެވެ.

އެކަމަކު، ރޯމާގެ ވެރިން ޓީމުގެ ހާލަތު ބަދަލުކުރަން ބޭނުންވާ އެ މުހިންމު ކަންކަމަށް އިޖާބަ ނުދިނުމާއި މޮރީނިއޯގެ ހިތްހަމަނުޖެހުންތައް ބޮޑުވުމުގެ ނަތީޖާ އަކަށްވީ ދެ ފަރާތުގެ އެއްބަސްވުން ނިމުމަކަށް ގެނައުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ރޯމާ އިން ބުނީ، ވަރަށް އަވަހަށް އާ ކޯޗެއްގެ ކަންކަން ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މޮރީނިއޯ އެނބުރި އިނގިރޭސި ޕްރިމިއާ ލީގަށް ދާނަމަ މި ވަގުތު އާ ކޯޗެއްގެ މަޝްވަރާ އެންމެ ބޮޑަށް ކުރަމުން އަންނަ ކްލަބްތަކުގެ ތެރޭގައި ނިއުކާސަލް ޔުނައިޓެޑް ހިމެނެ އެވެ.