Advertisement

އިންޑިއާއިން ފެނުނު ވޭރިއެންޓް ފެތުރޭ މިންވަރު 40 ޕަސެންޓު އިތުރު

އިނގިރޭސި ހެލްތު ސެކެޓްރީ މެޓް ހޭންކޮކް.--


އިންޑިއާއިން ފެނުނު ވޭރިއެންޓް ފެތުރޭ މިންވަރު 40 ޕަސެންޓު އިތުރު

އިންޑިއާއިން ފެނުނު ކޮވިޑް ފަތުރާ ވައިރަހުގެ އާ ވޭރިއެންޓް އިނގިރޭސި ވިލާތުން ފެނުނު ވޭރިއެންޓަށް ވުރެ 40 ޕަސެންޓު އަވަހަށް ފެތުރޭ ކަމަށް އެ ގައުމުގެ ހެލްތު ސެކެޓްރީ މެޓް ހޭންކޮކް ވިދާޅުވެއްޖެ އެވެ.

އިންޑިއާއިން ފެނުނު ވޭރިއެންޓަށް ދީފައިވާ ނަމަކީ ޑެލްޓާ އެވެ. އަދި ޔޫކޭއިން ފެނުނު ވޭރިއެންޓަށް ސައިންސްވެރިން ދީފައިވާ ނަމަކީ އަލްފާ އެވެ.

ޔޫކޭގައި ކޮވިޑް ކޭސްތައް އިތުރުވަމުންދާ މިއީ ތިން ވަނަ ރާޅެއްގެ ފެށުން ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. ހޭންކޮކް ވިދާޅުވީ އަދަދު އިތުރުވަމުން ދަނީ ޑެލްޓާ ވޭރިއެންޓުގެ ސަބަބުން ކަމަށެވެ.

ނަމަވެސް އޭނާ ފާހަގަކުރެއްވި ގޮތުގައި ޑެލްޓާ ވޭރިއެންޓާއެކު ކޮވިޑް ޖެހިގެން ބަލިވާ މީހުންގެ ތެރެއިން ހޮސްޕިޓަކަށް ގެންދަން ޖެހޭ ގިނަ މީހުންނަކީ ވެކްސިން ނުޖަހާ ތިބި މީހުންނެވެ.

"ޑެލްޓާ ވޭރިއެންޓު 40 ޕަސެންޓު އިތުރަށް ފެތުރޭ. އޭގެ މާނައަކީ މި އާ ޑެލްޓާ ވޭރިއެންޓާއެކު ބަލި މެނޭޖު ކުރަން އިތުރު އުނދަގޫތަކާ ދިމާވާނެއޭ. ނަމަވެސް އަޅުގަނޑުމެންނަށް ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި ގަބޫލު ކުރެވޭ، ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމުން، ރަނގަޅު ރައްކާތެރިކަމެއް ލިބޭ ކަމަށް،" ހޭންކޮކް ސްކައި ނިއުސްއަށް ވިދާޅުވި އެވެ.

އިންޑިއާއިން ފެނުނު ވޭރިއެންޓުގެ ސަބަބުން ކޭސްތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި ޔޫކޭގެ ނޭޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް) އިން ތައްޔާރުވަމުން ދަނީ 30 އަހަރުން ދަށުގެ މީހުންނަށް ވެކްސިން ދިނުން ހުޅުވާލުމަށެވެ.

ޔޫކޭގައި އަޅާފައިވާ ލޮކްޑައުންގެ ފިޔަވަޅުތަކަށް ލުއިދޭން ފަށާފައި ވާއިރު، ހުރިހާ ފިޔަވަޅެއް ޖޫން 21 ގައި އުވާލަން ކުރިން އޮތީ ނިންމާފަ އެވެ. ނަމަވެސް ހޭންކޮކް ވިދާޅުވީ ކޭސްތައް އިތުރުވާ ނަމަ ފިޔަވަޅުތައް ދެމެހެއްޓުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.