Advertisement

މިޝްކާގެ މަރު: ހެލްތު މިނިސްޓްރީ އާއި އެޗްއާރުސީއެމް މާދަމާ ކޮމިޓީއަށް ހާޒިރުކުރަނީ

6 ޖޫން 2021 - 13:17 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީގެ ބައްދަލުވުމެއްގެ ރިޔާސަތު ޖީހާން ބަލަހައްޓަވަނީ: 10 އަހަރުގެ މިޝްކާ މަރުވި މައްސަލަ ކޮމިޓީން ދަނީ ބަލަމުން. -ފޮޓޯ: މަޖިލިސް


މިޝްކާގެ މަރު: ހެލްތު މިނިސްޓްރީ އާއި އެޗްއާރުސީއެމް މާދަމާ ކޮމިޓީއަށް ހާޒިރުކުރަނީ

6 ޖޫން 2021 - 13:17 0

ކޮވިޑުގައި އަންގާރަ ދުވަހުގެ ރޭ މަރުވި 10 އަހަރުގެ ކުއްޖާއަށް ފަރުވާ ދިނުން ލަސްވުމުގައި ބޮޑެތި އިހުމާލުތަކެއް ވެފައިވާ ކަން ހާމަވެފައިވާއިރު، އެކަން ބަލަމުން އަންނަ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހެލްތު މިނިސްޓްރީގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) މާދަމާ ހާޒިރުކުރަން ނިންމައިފި އެވެ.

ކޮވިޑު ޖެހިގެން ރާއްޖެއިން އެންމެ ފުރަތަމަ މަރުވި ކުޑަކުއްޖާ، ހދ. ކުޅުދުއްފުށީ، ލާޖަހާގޭ، ފާތިމަތު މިޝްކާ މުހައްމަދުގެ ފަރުވާގައި އިހުމާލުތަކެއް ހުރި ކަމަށް ހެލްތު މިނިސްޓްރީން ހުކުރު ދުވަހުގެ ރިޕޯޓުން ވެސް ސާފެވެ.

އެ ރިޕޯޓު ނެރުމުގެ ކުރިން ބުރާސްފަތި ދުވަހު ބޭއްވި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ވިދާޅުވީ މިޝްކާގެ މަރާ ގުޅޭ މައުލޫމާތުތައް ހޯދަން ކަމާ ގުޅޭ މުއައްސަސާތަކުގައި އެދިފައިވާ ކަމަށެވެ.

އަދި އެ ދުވަހު ނިންމީ މައުލޫމާތު ލިބުމުން ކަމާގުޅޭ އިދާރާތައް ކޮމިޓީއަށް ހާޒިރު ކުރުމަށެވެ.

އެކަމާ ގުޅޭގޮތުން ޖީހާން މިއަދު "އަދަދު"އަށް ވިދާޅުވީ ކޮމިޓީން އެދުނު މައުލޫމާތު ހެލްތު މިނިސްޓްރީން އަދި މިހާތަނަށް ފޮނުވާފައިނުވި ނަމަވެސް، ހުކުރު ދުވަހުގެ ރޭ ނެރުނު ތަހުގީގު ރިޕޯޓުން މައްސަލަ ކުރިއަށް ގެންދަން ފުދޭ ކަމަށެވެ.

އެގޮތުން، މާދަމާ މެންދުރު 2:00 އަށް ތާވަލުކޮށްފައިވާ ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވުމަށް ހެލްތު މިނިސްޓްރީގެ އިތުރުން އެޗްއާރުސީއެމަށް އަންގާފައިވާނެ ކަމަށް ޖީހާން ވިދާޅުވި އެވެ.

އެޗްއާރުސީއެމް ކޮމިޓީއަށް ހާޒިރުކުރަނީ މިޝްކާ މަރުވި މައްސަލަ އެ ކޮމިޝަނުން ތަހުގީގު ކުރަމުންދާތީ އެ ތަހުގީގުގެ މައުލޫމާތު ހޯދުމަށްކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީން ހުކުރު ދުވަހުގެ ރޭ އާއްމުކުރި ރިޕޯޓުގައި މިޝްކާގެ ކޭހަކީ އެމަޖެންސީ ހާލަތެއް ކަމަށް ބެލިފައި ނެތް ކަމަށާއި، އެމްބިޔުލެންސް ޓްރިގާ ކުރަންޖެހޭ ވަގުތުގައި އެކަން ކޮށްފައިނުވާ ކަމަށް ބުނެފައި ވެ އެވެ.

އަދި ކޯލް ލޮގުތަކަށް ބަލާއިރު، މިޝްކާގެ ހާލު ވަޒަންކުރުމާއި ފަރުވާ ބޭނުންވާ އަވަސް މިން ކޯލް ސެންޓަރަށް ބެލިފައިނުވާކަން ފާހަގަ ކުރެވޭ ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، އެމްބިޔުލަންސް ނުފޮނުވި ދެ ގަޑިއިރާއި 26 މިނެޓު ހޭދަވި އެވެ.

އެފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދޭން ނިޒާމަށް ބައެއް މުހިއްމު ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެގޮތުން، އަންނަ ކޯލްތައް އަވަސް މިނުގައި ހުރިހާ ކްލަސްޓާތަކުން ފިޔަވަޅު އަޅަމުންދޭތޯ މޮނިޓާ ކުރެވޭނެ ގޮތްތަކެއް ހަމަޖެއްސުމުގެ އިތުރުން، އެމަޖެންސީ ކޯލްތައް ރަނގަޅަށް ކެޓަގަރައިޒް ކުރެވޭނެ ނިޒާމު ހަރުދަނާކުރުން ހިމެނެ އެވެ. އަދި އެމަޖެންސީ ކޭސްތަކަށް ޑޮކްޓަރުންނަށް އަވަހަށް އެޓެންޑުވެ، އެމްބިއުލަންސް ޓްރިގާ ކުރެވޭނެ ގޮތަށް ނިޒާމަށް ބަދަލު ގެނައުމަށް ވެސް ވަނީ ނިންމައިފަ އެވެ.

އަދި އެ ސިސްޓަމް ހުރިހާ ކްލަސްޓާތަކަކުން ގަވައިދުން ބޭނުންކުރަމުންދާކަން ކަށަވަރު ކުރުމުގެ އިތުރުން، ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެ ނަމަ، ބެކްއަޕް ސިސްޓަމެއް ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

ކޯލް ސެންޓަރާއި ސިސްޓަމަށް ގެންނަ ބަދަލުތަކުގެ އިތުރުން، ކޮވިޑަށް ޕޮޒިޓިވްވާ ފަރާތްތައް ޑޮކްޓަރަށް ދައްކައިގެން ފަރުވާ ލިބޭނެ އިންތިޒާމް މާލޭގެ އިތުރުން، ހުޅުމާލެ އަދި ވިލިމާލެގައި ހަމަޖައްސަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

އެ އިންތިޒާމު ހަމަޖެހުމުން އެތަންތަނުން 24 ގަޑިއިރު ހިދުމަތް ދޭއިރު، ކޮވިޑަށް ޕޮޒިޓިވްވާ ފަރާތްތައް އެތަނަށް ގޮސް ޑޮކްޓަރަށް ދެއްކޭނެ ކަމަށެވެ.

އަދި ކޮވިޑަށް ޕޮޒިޓިވް ފަރާތްތަކުން އެމްބިޔުލަންސް ބޭނުންވެއްޖެ ހާލަތެއްގައި ސިއްހީ ހިދުމަތްދޭ ކޮންމެ ތަނަކަށް ގުޅުމުން ވެސް އެމްބިޔުލަންސް ފޮނުވަން ޖެހޭނެ ގޮތަށް އުސޫލުތައް ކަނޑައަޅައި، އެ ފަރާތްތަކަށް އެކަން އެންގުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން، އެމަޖެންސީ މެޑިކަލް ސާވިސް ވަކި ހިދުމަތެއްގެ ގޮތުގައި ގާއިމުކޮށް، އެކަމަށް ހާއްސަ ވަކި ނަންބަރަކާއެކު އެ ހިދުމަތް ގާއިމުކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށް ބުނެފައިވެ އެވެ.

ނިޒާމަށް ބަދަލުތައް ގެންނަން ރިޕޯޓުގައި ހިމަނާފައިވާކަން ޖީހާން ވެސް ފާހަގަކުރެއްވި އެވެ.

"ރިޕޯޓުގައި ގެންނަން ހިމަނާފައިވާ ބަދަލުތަކުން ބޭނުންވާ ވަރުގެ ތަސައްލީއެއް ނުލިބޭ. އަޅުގަނޑުމެން މި ބޭނުންވަނީ މިފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރުނުވާނެ ގޮތެއް ހޯދުން. ނިޒާމުގެ ތެރެއިން ކުޑަކުދިންނަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ރައްކާތެރިކަން ލިބޭނެކަން ޔަގީންކުރުން،" ޖީހާން ވިދާޅުވި އެވެ.

މިޝްކާގެ ހާލަތު ގޯސްވެ ނޭވާލާން އުނދަގޫވެގެން ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމް ހަމަޖައްސައިދޭން އެދި ކޯލް ސެންޓަރަށް ގުޅީ އެ ރޭ 21:06 ގަ އެވެ. ތަކުރާރުކޮށް ގުޅައިގެން އެމްބިއުލަންސް އެގޮތަށް ފޮނުވި ގަޑި ކަމަށް ރިޕޯޓުގައި އޮތީ 22:38 އެވެ.

އެމްބިއުލަންސް ދިޔައިރު މިޝްކާގެ ހަރަކާތެއް ނެތް ކަމާއި ވަގުތުން ސީޕީއާރު ފެށި ކަމަށް ރިޕޯޓުގައި އޮތެވެ. އެމްބިއުލާންސް އެ ގެއަށް ގޮސްފައިވަނީ 23:38ގަ ކަމަށާއި އައިޖީއެމްއެޗްއާ ހަމައަށް ދެވުނީ 23:42 ގަ ކަމަށް ރިޕޯޓްގައިވެ އެވެ.

އެކަމަކު މިޝްކާގެ މަރާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރާ އާއިލާގެ މީހަކު ބުނިގޮތުގައި ރިޕޯޓުގައި އޮތް ގަޑީގައި އެމްބިއުލަންސް އެ ގެއަށް ފޮނުވައިފައެއް ނުވެ އެވެ. ހެއްކެއްގެ ގޮތުން ވަނީ ކޯލް ލޮގް ވެސް އާއްމުކޮށްފަ އެވެ.

އެ ލޮގުން ފެންނަ ގޮތުގައި، 23:42ގައި ވެސް 1676 އަށް ގުޅައި ހަ މިނެޓު ވާހަކަ ދައްކާފައިވެ އެވެ. ގެއާ ހިސާބުން ސީޕީއާރު ފެށި ކަމަށް ހެލްތުގެ ރިޕޯޓުގައި އޮތް ނަމަވެސް އެ ވާހަކަ ވެސް އާއިލާ އިން ދޮގުކުރެ އެވެ.