Advertisement

ފިޔަވަޅުތައް އަޅަން ވާނީ ގުދުރަތީ ނިޒާމަށް ގެއްލުން ނުލިބޭކަން ޔަގީން ކޮށްފައި: ރައީސް

5 ޖޫން 2021 - 11:20 0

އަހުމަދު ސާއިލް އަލީ

އަހުމަދު ސާއިލް އަލީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަފުޅު ދައްކަވަނީ: ފިޔަވަޅުތައް އަޅަން ވާނީ ތިމާވެށި ހިމާޔަތް ކުރިކަން ކަށަވަރު ކުރުމަށް ފަހުގައި ކަމަށް ވިދާޅުވި.-- ފޮޓޯ: ރައީސް އޮފީސް


ފިޔަވަޅުތައް އަޅަން ވާނީ ގުދުރަތީ ނިޒާމަށް ގެއްލުން ނުލިބޭކަން ޔަގީން ކޮށްފައި: ރައީސް

5 ޖޫން 2021 - 11:20 0

ދިރިއުޅުމާއިގެން ކުރިއަށް އަޅާ ކޮންމެ ފިޔަވަޅެއް އަޅަންވާނީ، ގުދުރަތީ ނިޒާމަށް އެއްވެސް ގެއްލުމެއް ނުލިބޭނެކަން ކަށަވަރުކުރުމަށް ފަހުގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތާބުގައި ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަމުންނާއި މަސްވެރިކަމާއި އަދި ދަނޑުވެރިކަމުގެ ސިނާއަތްތަކުގެ ނަފާ ހޯދުމަށާއި ކުރިމަގުގެ ޖީލުތަކަށް މިސިނާއަތްތައް ފޯރުކޮށްދިނުމަށް މާހައުލީ ނިޒާމު ރައްކާތެރިކޮށް ހިމާޔަތް ކުރަން ޖެހޭ ކަމަށެވެ.

ދުނިޔެ ހޫނުވުމުގެ ސަބަބުން މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ގެއްލުން، އެންމެ ބޮޑަށް ކުރިމަތިވާ އެއް ގައުމަކީ ރާއްޖެކަމަށް މިއަދު ވެސް ތަކުރާރުކޮށް ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ މި އަހަރުގެ ތިމާވެށީގެ ދުވަހަށް، އދ. ގެ ތިމާވެއްޓާ ބެހޭ ޕްރޮގްރާމްގެ ފަރާތުން ކަނޑައަޅާފައިވާ ޝިއާރު "މާހައުލީ ނިޒާމު އިއާދަކުރުން" މައްޗަށް އަލިއަޅުއްވާލައްވައިފަ އެވެ. އެގޮތުން މާހައުލީ ނިޒާމު އިއާދަކުރުމަކީ، ގެއްލުން ލިބިފައިވާ ނުވަތަ ހަލާކުވެފައިވާ މާހައުލީ ނިޒާމު، އަލުން އޭގެ ތޮބީއީ ހާލަތަށް އެނބުރި އިއާދަކުރުމުގައި އެހީތެރިވުންކަމަށް ވިދާޅުވި އެވެ. އަދި ގެއްލުމެއް ނުލިބި ހުރި މާހައުލީ ނިޒާމުތަކަށް، އިތުރު ގެއްލުމެއް ލިބުނަ ނުދީ ހިމާޔަތްކޮށް ރައްކައުތެރިކުރުންކަމަށް ވިދާޅުވި އެވެ.

މާހައުލީ ނިޒާމު ރައްކާތެރިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި އެކަން ކުރުމަށް ސަރުކާރުން ކުރާ ކަންކަން ރައީސް ފާހަގަ ކުރެއްވި އެވެ.

"ރާއްޖޭގެ މާހައުލީ ނިޒާމުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، 2030 ވަނަ އަހަރާ ހަމައަށް، ދިވެހިރާއްޖޭގެ ކަނޑާއި ކަނޑާ ގުޅިފައިވާ ސަރަޙައްދުތަކުގެ، އެންމެ ކުޑަވެގެން 20 އިންސައްތަ ހިމާޔަތްކުރުމަށް މަސައްކަތްކުރަމުން މި އަންނަނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ފާހަގަ ކުރެއްވި ކަންކަން

  • ގުލޯބަލް އޯޝަން އެލައިންސްގައި ބައިވެރިވެ، 2030 ވަނަ އަހަރުގެ ނިޔަލަށް، ދުނިޔޭގެ ކަނޑުގެ 30 އިންސައްތަ ހިމާޔަތްކުރުމުގެ ބައިނަލްއަގުވާމީ މަސައްކަތުގައިވެސް ރާއްޖެއިން ބައިވެރިވެރިވުން
  • ރައްކާތެރި ގޮތުގައި ކުނި އެއްކޮށް ނައްތައިލާނެ ނިޒާމުތައް، ރަށު ފެންވަރުގަޔާއި ސަރަހައްދީ ފެންވަރުގައި ގާއިމުކުރުމުގެ މަޝްރޫއުތައް މިހާރު ވެސް ކުރިއަށް ގެންދާކަން
  • އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް މަދުކުރަން މަސައްކަތްތަކެއް ކުރަމުން އަންނަކަން
  • ހަކަތަ އުފެއްދުމަށް ޑީސަލް އަންދާ މިންވަރު މަދުކުރުމަށްޓަކައި، އަވިން ހަކަތަ އުފައްދާ މިންވަރު އިތުރުކުރުމުގެ ގޮތުން، މުޅި ރާއްޖޭގައި މިހާރު 31.5 މެގަވޮޓްގެ ސޯލާ ޕީވި ހައިބްރިޑް ނިޒާމުތައް ގާއިމުކޮށްފައިވާކަން
  • މީގެ އިތުރުން، ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމަށް، "ނޫ އިގުތިސާދުގެ ދަށުން، ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން

ދާދި ފަހުން ރައީސް ވަނީ ތިމާވެއްޓާ ވެހޭ ވަޒީރަކަށް ހުންނެވި ޑރ. ހުސައިން ރަޝީދު ހަސަން ފިޝަރީޒް މިނިސްޓްރީއަށް ބަދަލު ކުރައްވައި އެންވައިރޮމެންޓް މިނިސްޓަރަކަށް އައިމިނަތު ޝައުނާ އައްޔަން ކުރައްވައިފަ އެވެ. އެއާއެކު ތިމާވެށި ހިމާޔަތް ކުރުމުގެ މަސައްކަތްތައް ފުޅާ ކުރަން ވަނީ ނިންމައިފަ އެވެ.