Advertisement

ހަތަރު މިނެޓުގެ ދަތުރެއް؛ 2 ގަޑިއިރާ 26 މިނެޓުގެ އިހުމާލު!

7 ޖޫން 2021 - 08:56 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ކޮވިޑުގައި މަރުވި މިޝްކާ: ފަރުވާ ލަސްވީ ބޮޑެތި އިހުމާލުތަކުން. - ވީޑިއޯ: އަބްދުﷲ ޝަފީޢު (އަބޯ) އަދި އާއިމް ޒަމީރު / އަދަދު


ހަތަރު މިނެޓުގެ ދަތުރެއް؛ 2 ގަޑިއިރާ 26 މިނެޓުގެ އިހުމާލު!

7 ޖޫން 2021 - 08:56 0

މީހެއްގެ ފުރާނަ ސަލާމަތް ކުރަން އެންމެ ސިކުންތެއް ވެސް މުހިއްމެވެ. އެ ސިކުންތަކީ އެ ފުރާނަ ސަލާމަތްވުމާއި ގެއްލުމުގައި އޮންނަ ތުނި ފަރަގެވެ.

އަންގާރަ ދުވަހުގެ ރޭ ގަޑިން 9:06 ގައި އެޗްޕީއޭގެ ކޮވިޑު ކޯލް ސެންޓަރަށް, އެ ދުވަހުގެ މެންދުރު ވެސް ގުޅި މީހަކު އަލުން ގުޅީ، ކޮވިޑަށް ޕޮޒިޓިވްވެފައިވާ 11 އަހަރުގެ އަންހެން ދަރިފުޅުގެ ހާލު ގޯސްވާތީ އެވެ.

ހުން ނުފިލާތާ ހަ ދުވަސް ވެގެންނެވެ. ހުއްޓުމެއް ނެތި ކެއްސާތާ ދެ ދުވަސް ވުމުންނެވެ. އެއްޗެއް ނުކެވެ އެވެ. އެންމެ ކަންބޮޑުވަނީ ދަރިފުޅަށް ނޭވާލާން އުނދަގޫވާތީ އެވެ. އޭނާ ބޭނުންވީ ދަރިފުޅު އަވަހަށް ހޮސްޕިޓަލަށް ގެންދާށެވެ.

އެހާ ހާސްވެފައި ހުރި އެ ބެލެނެވެރިޔާގެ ކޯލް، ސިސްޓަމަށް ލޮގްކުރުމަށް ފަހު އޭނާ އަށް ޖަވާބުދިނުމަށް ޑޮކްޓަރަކު ގުޅީ 9:53 ގަ އެވެ. އެކަމަކު އެވަގުތު ބެލެނިވެރިޔާއާ ނުގުޅުމުން "އެޓެންޑް" ވެވިއްޖެ ކަމަށް ސިސްޓަމުގައި ޑޮކްޓަރު ޖަހައިލީ އެވެ.

47 މިނެޓުގެ އިހުމާލެކެވެ.

ޑޮކްޓަރުގެ މިސް ކޯލް ފެނިގެން، ބެލެނިވެރިޔާ އަލުން ހޮޓްލައިނަށް ގުޅާފައިވަނީ 10:06 ގަ އެވެ. އެ ފަހަރު ވެސް ހާސްވެގެން ހުރެ ކުއްޖާ ނޭވާލާން އުނދަގުވާ ކަމަށް ބެލެނިވެރިޔާ ބުންޏެވެ.

13 މިނެޓުގެ އިހުމާލެކެވެ.

ޑޮކްޓަރަށް އަލުން ބެލެނިވެރިޔާއަށް ގުޅޭވަރުވީ 10:33 ގަ އެވެ. އެ ކުއްޖާއަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށްވާތީ ވާ އުނދަގޫތައް އަމިއްލައަށް ކިޔައިދޭން ނޭނގޭކަމަށް ޑޮކްޓަރު ގާތު ބެލެނިވެރިޔާ ބުންޏެވެ.

27 މިނެޓުގެ އިހުމާލެކެވެ.

އެއާއެކު، 10:39 ގައި އެމްބިއުލާންސް ފޮނުވަން ކަނޑައަޅާފައިވާ ދެ ކްލަސްޓާއަށް އެ މައުލޫމާތު ޑޮކްޓަރު ހިއްސާ ކުރި އެވެ. އެކަމަކު ކޮންމެވެސް ސަބަބަކާ ހުރެ އެމްބިއުލާންސް ދިއުމަށް އަންގާފައިނުވެ އެވެ.

6 މިނެޓުގެ އިހުމާލެކެވެ.

އެމްބިއުލާންސް އައުން ލަސްވެގެން، 11:16 އާއި 11:33 އާ ދެމެދު އެ ކުއްޖާގެ ބެލެނިވެރިން ފަސް ފަހަރެއްގެ މަތިން ކޯލް ސެންޓަރަށް ގުޅި އެވެ. ކުއްޖާގެ ހާލު ދައްވަމުންދާ ކަމާއި ހޭނެތި، ނޭފަތުން ލޭ އަންނަ ކަމަށް ބުންޏެވެ. އެމްބިއުލާންސް ފޮނުވައިފި ކަމުގެ ޔަގީންކަން ކޯލް ސެންޓަރުން ދިނަސް، އޭރު ވެސް އެމްބިއުލާންސް ނުފޮނުވަ އެވެ.

54 މިނެޓުގެ އިހުމާލެކެވެ.

އެންމެ ފަހުން އެމްބިޔުލެންސް ނައިސްގެން ބެލެނިވެރިޔާގެ ފަރާތުން މީހަކު ކޯލް ސެންޓަރު ހުންނަ ދަރުބާރުގެއަށް ގޮސް އާދޭސްކުރުމުން، އެމްބިއުލާންސް އެ ކުއްޖާގެ ގޭދޮށަށް ގޮސްފައިވަނީ 11:38 ގަ އެވެ. އޭރު އެ ކުއްޖާގެ ހަރަކާތެއް ނެތެވެ.

5 މިނެޓުގެ އިހުމާލެކެވެ.

އެ ކުއްޖާއަށް ސީޕީއާރު ދިނުމަށްފަހު އައިޖީއެމްއެޗްގެ އެމަޖެންސީއަށް އެ ކުއްޖާ ގެންދެވިފައިވަނީ 11:42 ގަ އެވެ. އޭރު އެ ކުއްޖާ ވަނީ ދުނިޔެއަށް އަލްވަދާއު ކިޔައިފަ އެވެ.

ހެލްތު މިނިސްޓްރީން އާއްމުކުރި ތަހުގީގު ރިޕޯޓުން ދައްކާ ގޮތުން، އެމްބިއުލާންސް އެ ގެއަށް ފޮނުވާލި ފަހުން އެ ކުއްޖާ ހޮސްޕިޓަލަށް ގެންދަން ނެގީ ޖުމްލަ 10 މިނެޓެވެ. އަދި އެ ކުއްޖާ ގެއިން ހޮސްޕިޓަލަށް ގެންދަން ނެގީ އެންމެ ހަތަރު މިނެޓެވެ.

އެކަމަކު މައުސޫމް އެ ކުއްޖާ މަރަށް ތެޅޭ މަންޒަރު ބަލަން، ގޮތް ހުސްވެފައި، ބެލެނިވެރިން ދެ ގަޑިއިރާ 26 މިނެޓު ތިބެންޖެހުނެވެ. ފޮނުވައިފީމޭ ބުނި އެމްބިއުލާންސްގެ އިންތިޒާރުގަ އެވެ. އެތައް ކޯލެއްގެ ތެރެއިން، ދެ ގަޑިއިރާ 26 މިނެޓުގެ އިހުމާލެވެ.

ކަނޑައެޅިފައިވާ ކަމަށް ބުނާ ނިޒާމުގެ ތެރެއިން އެންމެ މީހަކު ރަނގަޅަށް ޒިންމާ އަދާކުރި ނަމަވެސް، އޭގެން ކޮންމެ ކޯލެއްގެ ދޭ ތެރެއިން ހޭދަވި ވަގުތުތައް ނުގެއްލުނީސް އެވެ.

އެކަމަކު އޭގެ ކޮންމެ ކޯލަކުން އިތުރުވަމުންދިޔަ އިހުމާލުތަކުން، އެ ކުއްޖާގެ ފުރާނަ ސަލާމަތް ކުރަން ޑޮކްޓަރަކަށް ލިބޭނެ 8,760 ސިކުންތު ގެއްލުވައިލީ އެވެ.

މިފަދަ ޒަމާނެއްގައި ސިއްސައިގެންދާ ވަރުގެ ބޮޑެތި އިހުމާލުތަކަކުން ވަކިވެގެން ދިޔައީ އެންމެ 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދެވެ.

މި ބޮޑު އިހުމާލުގެ ޒިންމާ އާހިރުގައި އަޅުވާނީ ކޮވިޑުގެ ބަލިމަޑުކަމުގަ އެވެ. ކޮވިޑާ ހެދި ސިއްހީ ނިޒާމަށް ބާރުބޮޑުވެ، ނުކަތާފައިވާ ކަމުގެ ބަހަނާއާއެކު އެވެ.

އާއްމު އުސޫލުގެ ދަށުން ސަރުކާރުން މިހާރު އަވަސްވެގެންފައިވަނީ ނިޒާމާއި އުސޫލުތައް ބަދަލު ކުރާށެވެ. އެންމެ ބޮޑު އިސްކަމެއް ދިނީ ކޯލް ސެންޓަރުން ފޯނުތަކަށް ޖަވާބުދީ އެމަޖެންސީ ކޭސްތަކަށް "އެޓެންޑް" ވާނެ އުސޫލު ހަރުދަނާ ކުރުމެވެ.

އެކި މަރުހަލާތަކުގައި ސުޕަވައިޒްކުރެވޭނެ އިތުރު ފަށަލައެއްލާނެ ކަމަށް ވެސް ސަރުކާރުން ބުނެ އެވެ.

އެކަމަކު މިޝްކާ ހޮސްޕިޓަލަށް ނުގެންދެވި ހޭދަވި 2 ގަޑިއިރާ 26 މިނެޓުގައި ސާފުވި އެއް ކަމަކީ، ސިސްޓަމްގެ މައްސަލައަކަށް ވުރެ ބޮޑީ އެކަން ކުރަން ތިބި މީހުންގެ މައްސަލަ ކަމެވެ.

ސިސްޓަމަށް ފެންނާނީ އެއަށް ބަޔަކު އެޅި މައުލޫމާތެކެވެ. އެކި ކްލަސްޓާތަކަށް ދައުރުވާނީ ވެސް ސިސްޓަމަށް އަޅާ އެ މައުލޫމާތުތަކެވެ. މިޝްކާ ގެއްލިގެން ދިޔައީ އެޅި މައުލޫމާތު ގޯސްވީމަ އެވެ. ދެ ގަޑިއިރާ 26 މިނެޓުގެ ތެރެއިން ހެދުނު ގޯހެއް ރަނގަޅު ކުރަން ލިބުނު އެއްވެސް ފުރުސަތެއްގެ ބޭނުން ނުހިފީމަ އެވެ.

އެމްބިއުލާންސް ނައްޓާލިކަން އެންމެ ފަހަރަކު ވެސް ކޯލް ސެންޓަރުން ޔަގީންކޮށްލިނަމަ މިދުވަސް ދެކޭކަށް ނުޖެހޭނެ އެވެ. ކުއްޖާގެ ހާލަތު ގޯސްކަން އެނގިހުރެ، ޑޮކްޓަރު ވެސް އަޕްޑޭޓެއް ހޯދައިލަން އުޅުނު ނަމަ، އެމްބިއުލާންސް ނުދާކަން އެނގުނީހެވެ. އެހެންވެ ކިތަންމެ މޮޅު ސިސްޓަމެއް ގާއިމުކުރިޔަސް ހަގީގީ މައްސަލަ ބަދަލެއް ނުވާނެ އެވެ.

އެކަމަކު މިހާރު މުޅިންހެން ދައްކަނީ ސިސްޓަމްގެ ވާހަކަ އެވެ. އުސޫލުތަކުގެ މައްޗަށް އުސޫލު ގެންނާނެ ކަމުގެ ވައުދެވެ. މިކަމުގައި އިހުމާލުވި މީހަކާ މެދު ފިޔަވަޅެއް އަޅަން ބުނި ބުނުން ތަހުގީގާއެކު އޮބިއްޖެ އެވެ.

މިފަދަ ކޮންމެ ހިތާމަވެރި ހާދިސާއަކާއެކު، ކޮވިޑުގެ ބަލިމަޑުކަމުން ސިއްހީ ނިޒާމު ރޫޅުނީ ނޫން ކަން ސާފުވެ އެވެ. މި ބަލިމަޑުކަމުން ފެންމަތިވި ހަގީގަތަކީ، ރޫޅިފައިއޮތް ސިއްހީ ނިޒާމު ފަލީހަތްވި ކަމެވެ.