Advertisement

ބަލިވިޔަސް ހުރިހާ ޝަކުވާއެއް ކުރާކަށް ނެތިން: ގައުމީ ކޯޗު

5 ޖޫން 2021 - 00:08 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކޫޕްމަން ވާހަކަ ދައްކަނީ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް


ބަލިވިޔަސް ހުރިހާ ޝަކުވާއެއް ކުރާކަށް ނެތިން: ގައުމީ ކޯޗު

5 ޖޫން 2021 - 00:08 0

ފީފާ ވޯލްޑް ކަޕް/އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި މިރޭ ކުޅުނު މެޗުން ސީރިއާ އަތުން 4-0 އިން ބަލިވި މެޗުގެ ވާހަަކަ ދައްކާއިރު ވަރަށް ބައިވަރު ޝަކުވާތަކެއް ކުރެވިދާނެ ކަމަށާއި އެކަމަކު އެ ހުރިހާ ޝަކުވާއެއް ނުކުރާނެ ކަމަށް ގައުމީ ކޯޗު މާޓިން ކޫޕްމަން ބުނެފި އެވެ.

ދުބާއީގައި މިރޭ ސީރިއާއާ ދެކޮޅަށް ކުޅުނު މެޗަކީ ގައުމީ ޓީމުގެ ކޯޗުކަމާ މިދިޔަ އަހަރު ޖެނުއަރީ މަހު ކޫޕްމަން ހަވާލުވި ފަހުން ރާއްޖެ ކުޅުނު ފުރަތަމަ މެޗެވެ.

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކޫޕްމަން ބުނީ މި މެޗުގެ ކުރިން ގައުމީ ޓީމަށް ދިމާވި ހުރިހާ ކަންތައްތަކެއްގެ ވާހަކަ ދެއްކުމުގެ މާނައެއް ނެތް ކަމަށާއި އެކަމަކު މުހިއްމު ދެ ކަމެއް ފާހަގަކޮށްލަން ބޭނުންވާ ކަމަށެވެ.

"އަހަރެމެން ކުރާނެ ބައިވަރެއް ޝަކުވާ އެބަހުރި. އަހަންނަށް ހިއެއްނުވޭ އެ ހުރިހާ ޝަކުވާއެއް އަހަރެން ކިޔައިދޭނެހެން. އެކަމަކު ދެކަމެއް ފާހަގަ ކޮށްލާނަން. ރާއްޖޭގައި ތިބި ދުވަސްތަކާ އެކު އަހަރެމެން މި މެޗަށް ނުކުތުމުގެ ކުރިން ދަނޑުމަތީގައި ފަރިތަކުރީ ހަ ހަފްތާގެ މުއްދަތަށް ބަލާއިރު ނުވަ ފަހަރު. ދެން މިއީ މިދިޔަ ދޮޅު އަހަރެއްހާ ދުވަސް ތެރޭ ގައުމީ ޓީމުން ކުޅުނު ފުރަތަމަ މެޗު. މިއީ ދައްކަން ޖެހޭ ވާހަކައެއް،" ކޫޕްމަން ބުންޏެވެ.

މީގެ އެއް މަސް ކުރިން ދިރާގު ދިވެހި ޕްރިމިއާ ލީގު ދެ ވަނަ ބުރު ނިމުނު ފަހުން ގައުމީ ޓީމު ޕްރެކްޓިސް ކުރަން ވަގުތެއް ހޯދަން ބެލިނަމަވެސް މާލޭގައި ކޮވިޑްގެ ކޭސްތައް އިތުރުވުމުން ޕްރެކްޓިސް ކުރެވޭނެ ގޮތެއް ނުވި އެވެ.

އަދި މިދިޔަ މަހު 13 ވަނަ ދުވަހު ހޮޓެލް ޖެންގައި ގައުމީ ޓީމު ކޭމްޕް ޖަހައިގެން ތިބިިއިރު، ވެސް ޕްރެކްޓިސް ކުރަން ޖެހުނީ ހޮޓެލް ޖެންގެ ބޯލް ރޫމުގަ އެވެ. ގައުމީ ޓީމަށް ޕްރެކްޓިސް ކުރަން ފުރުސަތެއް ލިިބުނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު ދުބާއީ އަށް ދިޔަ ފަހުންނެވެ.

ގައުމީ ޓީމުގެ ޓްރެއިނިން ކޭމްޕްގެ ތެރެއިން ކޫޕްމަން.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް


މި މެޗުގެ ކުރިން ގައުމީ ޓީމުން އެންމެ ފަހުން ކުޅުނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ގުއާމާ ދެކޮޅަށެވެ. އޭގެ ފަހުން މިވީ 17 މަސް ދުވަސް ތެރޭގައި ގައުމީ ޓީމުން މެޗެއް ނުކުޅެ އެވެ. އެއީ ކޮވިޑް-19ގެ ސަބަބުން މިއައި ލަސްތަކާ ހެދި އެވެ.

ސީރިއާ އިން މިރޭ ރާއްޖެ ކޮޅަށް ޖެހި ހަތަރު ގޯލުގެ ތެރެއިން ތިން ގޯލު ޖެހީ ޕެނަލްޓީންނެވެ. ކޫޕްމަން ބުނީ އެ ޕެނަލްޓީތަކާ މެދު ޝަކުވާއެއް ނެތް ކަމަށެވެ. އަދި އޭނާ ބުނީ އަންނަ ހުކުރު ދުވަހު ޗައިނާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ރަނގަޅަށް ރިކަވާވެގެން މި މެޗަށް ވުރެ ރަނގަޅު ކުޅުމެއް ދެއްކޭނެ ކަމަށެވެ.

ފުޓްބޯޅައެއް ނުގަނެވޭނެ: ކޫޕްމަން

ގައުމީ ޓީމުން ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި އަންނަ ހުކުރު ދުވަހުގެރޭ ކުޅޭނީ ޗައިނާއާ ދެކޮޅަށެވެ. ކޫޕްމަން ވަނީ 2005 އިން 2006 އަށް ޗައިނާގެ ގުއަންޒޫ ސިޓީ އަށް ކޯޗުކޮށްދީފަ އެވެ. އޭރާއި މިހާރު ޗައިނާގެ ފުޓްބޯޅަ އަށް އައިސްފައިވާ ބަދަލާ ބެހޭގޮތުން މިރޭ ޗައިނާގެ ނޫސްވެރިއަކު ކުރި ސުވާލަކަށް ކޫޕްމަން ވަނީ ޖަވާބު ދީފަ އެވެ.

"ފުޓްބޯޅައެއް ނުގަނެވޭނެ. ވަރަށް ގިނަ ގައުމުތައް އަތުގައި ވަރަށް ބައިވަރު ފައިސާ އެބަހުރި. ޗައިނާ ޖެހޭނީ އެ މީހުންގެ ޓީމުގެ މުހިއްމު މަގާމުތަކަށް އަމިއްލަ ގައުމުގެ ކުޅުންތެރިން ކުޅުވަން," ބްރެޒިލާއި އިނގިރޭސި ކުޅުންތެރިންނަށް ރަށްވެހިކަން ދީގެން ޗައިނާ އަށް ކުޅުވާތީ އެ ކަމަށް އިޝާރާތްކޮށް ކޫޕްމަން ބުންޏެވެ.

"އަހަރެން ޗައިނާގައި ކޯޗުކޮށްދިންއިރު ޒުވާން ތިން ކުޅުންތެރިއަކު ވަރު ގައުމީ ޓީމަށް ގެންގޮސްދިނިން. ޗައިނާގައި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭން ޖެހޭ. ބްރެޒިލުން ކުޅުންތެރިން ގެނެސްގެން ޗައިނާ ޓީމަށް ކުޅުވުމަކީ ޗައިނާގެ ޒުވާން ކުޅުންތެރިންނަށް ކުރެވޭ ބޭއިންސާފެއް،"

ކުރިން ސައުދީ އަރަބިއްޔާގެ އެސިސްޓަންޓް ކޯޗަކަށް ވެސް މަސައްކަތްކުރި ކޫޕްމަން ބުނީ ޗައިނާ ފުޓްބޯޅައާ މެދު އޭނާ ދެކޭގޮތް ގައުމަށް މުހިއްމުނުވެދާނެ ކަމަށެވެ. އެކަމަކު ކޮންމެ ގައުމެއްގައި ވެސް ފުޓްބޯޅަ ކުރިއަރާނީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީގެން ކަން އެއީ ދުނިޔޭގެ ފުޓްބޯޅައިގައި ފެންނަން އޮތް ހަގީގަތެއް ކަމަށް ކޫޕްމަން ވަނީ ބުނެފަ އެވެ.

ޗައިނާ އިން ވަނީ މިދިޔަ ހޮނިިހިރު ދުވަހު ކޮލިފައިންގައި ގުއާމް އަތުން 7-0 އިން މޮޅުވެފަ އެވެ. ކޫޕްމަން ބުނީ ގުއާމަކީ ފެންވަރަށް ބަލާއިރު ޗައިނާ އަށް ވަރަށް ފަސޭހަ މެޗެއް ކަމަށެެވެ. އަދި މި ގްރޫޕްގެ އެހެން ޓީމުތަކަށް ބަލާއިރު ކުޅުންތެރިންގެ ގޮތުން ޗައިނާ އުޅެނީ ކުރީގައި ކަމަށް ކޫޕްމަން ބުންޏެވެ.

މިރޭ ރާއްޖެ އަތުން ހޯދި މޮޅާ އެކު ސައްތަ އިން ސައްތަ ރެކޯޑް ދަމަހައްޓައި ސީރިއާ އެއް ވަނައިގައި އޮތީ ހަ މެޗުން 18 ޕޮއިންޓަކާ އެކު އެވެ. ދެ ވަނައިގައި އޮތް ޗައިނާ އަށް ފަސް މެޗުން ވަނީ 10 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތީ ފިލިޕީންސް އެވެ. އެ ޓީމަށް ފަސް މެޗުން ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި ރާއްޖެ އޮތީ ހަ މެޗުން ހަ ޕޮއިންޓާ އެކު އެވެ. އެންމެ ފުލުގައި އޮތް ގުއާމަށް ހަ މެޗު ކުޅުނުއިރު ޕޮއިންޓެއް ލިބިފައިނުވެ އެވެ.