Advertisement

ގެއްލުނު ސަބްމެރީން ކަނޑު އަޑިން ނެގުމުގެ މަސައްކަތް ހުއްޓާލައިފި

ކަނޑު އަޑީގައި ސަބްމެރީން އޮތް ސަރަހައްދު.-- ފޮޓޯ: އީޕީއޭ


ގެއްލުނު ސަބްމެރީން ކަނޑު އަޑިން ނެގުމުގެ މަސައްކަތް ހުއްޓާލައިފި

އޭޕްރިލް 21 ވަނަ ދުވަހު ބާލީގެ އައްސޭރިފަށާ 100 ކިލޯމީޓަރު ދުރުން ގެއްލުނު އަސްކަރީ ސަބްމެރީން ކަނޑުގެ އަޑިން ނެގުމުގެ މަސައްކަތް އިންޑޮނީޝިއާއިން ހުއްޓާލައިފި އެވެ.

ސަބްމެރީން ގެއްލިގެން ހޯދަމުން ދަނިކޮށް އޭތި ފެނިފައި ވަނީ ތިން ބަޔަށް ބުރިބުރިވެފައި ވަނިކޮށް ކަނޑުގެ ފުން ހިސާބަކުންނެވެ. އޭގައި ދަތުރު ކުރި 53 މީހުން ވަނީ މަރުވެފަ އެވެ.

ކަނޑުގެ 800 މީޓަރު އަޑިން އޭތި ނެގުމަށް މިހާތަނަށް ކުރި ހުރިހާ މަސައްކަތެއް ވަނީ ނާކާމިޔާބުވެފަ އެވެ. ސަބްމެރީން އަޑިއަށް ދިޔަ ސަބަބުން ދެނެގަތުމުގެ ތަހުގީގު ދަނީ ކުރިއަށެވެ.

އިންޑޮނީޝިއާ އާއި ޗައިނާގެ ކަނޑުގެ ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަނުގައި ސަބްމެރީންގެ ފޮޓޯ އާއި ވީޑިއޯ އަދި އެކި ބައިތައް ނެރުމަށް 20 ފަހަރަކު ކަނޑު އަޑިއަށް ފީނާފައި ވެ އެވެ.

އެ މަސައްކަތުން އޭގައި ތިބި 53 މީހުންގެ ތެރެއިން އެއްވެސް މީހެއްގެ ހަށިގަނޑު ފެނިފައެއް ނުވެ އެވެ.

"ކޭއާރްއައި ނަންގަލަ-402" ސަބްމެރީން ގެއްލުނީ ބާލީގެ އުތުރުން ކުރިއަށް ދިޔަ އަސްކަރީ ތަމްރީނެއްގައި ފުނަށް ދިޔުމަށް ހުއްދަ ހޯދި ފަހުންނެވެ. އެ ސަބްމެރީން ފެތުނު ސަބަބު އަދި ސާފެއް ނުވެ އެވެ.

ސަބްމެރީން ކަނޑުގެ އަޑީގައި ބުރިބުރިވެފައި އޮތް މަންޒަރު ފެންނަ ފޮޓޯތައް ލިބުމުގެ ކުރިން އެ ސަރަހައްދުން ވަނީ އޭގެ ބައެއް ބައިތައް ވެސް ފެނިފަ އެވެ.

ޖަރުމަނުގައި 1970 ގެ ތެރޭގައި އުފެއްދި އެ ސަބްމެރީން ވަނީ 2012 ވަނަ އަހަރު ދެކުނު ކޮރެއާގައި ދެ އަހަރުގެ ދިގު މަރާމާތެއްކޮށް ނިންމާފަ އެވެ.

ސަބްމެރީން ގެއްލުނު ކަމަށް ބެލެވޭ ސަރަހައްދުގައި ކަނޑުގެ މަތީގައި ތެލުގެ ތުނި ފަށަލައަށް ފެންނަން ހުއްޓެވެ. އެހެންކަމުން ބެލެވެނީ އޭގެ ފިޔުލް ޓޭންކަރަށް ގެއްލުމެއް ލިބުނު ކަމަށެވެ. ނަމަވެސް އިންޑޮނީޝިއާ ކަނޑުގެ ސިފައިން ބުނީ ދަތުރު ފެށިއިރު، އޭގައި މައްސަލައެއް ނެތް ކަމަށެވެ.