Advertisement

ޓީޖީއެސްޓީ އާމްދަނީއަށް އެވަރެޖްކޮށް މަހަކު ބައި ބިލިއަން ރުފިޔާ

2 ޖޫން 2021 - 15:48 0

އަމަން ހަލީމް

އަމަން ހަލީމް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަޑުކޮށްލައިގެން ހުރި ފަތުރުވެރިއެއް: އަހަރުގެ މިހާތަނަށް 454،383 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު


ޓީޖީއެސްޓީ އާމްދަނީއަށް އެވަރެޖްކޮށް މަހަކު ބައި ބިލިއަން ރުފިޔާ

2 ޖޫން 2021 - 15:48 0

މި އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކު ޓޫރިޒަމް ދާއިރާއިން ޖީއެސްޓީގެ ގޮތުގައި މަހަކު ބައި ބިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބުނު ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީގެ ފިސްކަލް ޓައިމް ސީރީސްގައި ހުރި މައުލޫމާތު ދައްކާގޮތުގައި މި އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ޓީޖީއެސްޓީގެ ގޮތުގައި 2.094 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ. އެއީ މަހަކު އެވަރެޖްކޮށް 523 މިލިއަން ރުފިޔާ އެވެ.

ޓޫރިޒަމް އަރައިގެން އަންނަ ކަމުގެ ނިޝާނެއް

މިދިޔަ އަހަރު ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް އައި ހީނަރުކަމުގެ ތެރޭގައި ދައުލަތަށް ޓީޖީއެސްޓީން ލިބުނު އާމްދަނީ 50 ޕަސެންޓަށް ވުރެ ބޮޑަށް ދަށަށް ދިޔަ އެވެ.

އެގޮތުން ބަލިމަޑުކަމުގެ ކުރީ އަހަރު ރާއްޖެއަށް ޓީޖީއެސްޓީން 4.9 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު ނަމަވެސް، މިދިޔަ އަހަރު ލިބުނީ އެންމެ 2.2 ބިލިއަން ރުފިޔާ އެވެ.

އޭގެ ތެރެއިން 1.5 ބިލިއަން ރުފިޔާ ލިބުނީ ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމުގެ ކުރިން އައި ތިން ލައްކައަށް ވުރެ ގިނަ ޓޫރިސްޓުންގެ ސަބަބުންނެވެ.

އެގޮތުން އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހު މަހަކު އެވަރެޖްކޮށް ޓީޖީއެސްޓީގެ ގޮތުގައި 390 މިލިއަން ރުފިޔާ ލިބުނު ނަމަވެސް، ބާކި ހުރި މަސްތަކުގެ ޓީޖީއެސްޓީ އެވަރެޖަކީ 82.1 މިލިއަން ރުފިޔާ އެވެ.

ބޯޑަރު ހުޅުވާލި ފަހުން ޓީޖީއެސްޓީ އާމްދަނީ އެވަރެޖްކޮށް ދަށަށް ދިޔަ ނަމަވެސް، އަހަރުގެ ފަހުކޮޅު ޓޫރިޒަމް ސެކްޓާ ރަނގަޅު ވާން ފެށުމާއެކު އާމްދަނީ އިތުރުވި އެވެ. އަދި ރާއްޖޭގެ ހައި ސީޒަން ޑިސެމްބަރު މަހު ފެށުނު ފަހުން އޭޕްރީލްގެ ނިޔަލަށް މަހަކު ލައްކައަކާ ގާތްކުރާ އަދަދަކަށް ފަތުރުވެރިން އައެވެ.

ޓީޖީއެސްޓީ އާމްދަނީ އިތުރުވީ މިހެންވެ އެވެ.

ބަދަލުވަމުންދާ ހާލަތާ އެކު ވެސް ޓޫރިޒަމަށް ހުރި އުއްމީދު ބޮޑު

ރާއްޖޭގެ މާލީ ހާލަތާ ގުޅޭ މައުލޫމަތު ދޭން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި ގޮތުގައި، ރާއްޖޭގައި ގޯސްވަމުންދާ ކޮވިޑުގެ ހާލަތުގެ ނޭދެވޭ އަސަރު ޓޫރިޒަމަށް އަންނަނީ ކުރަމުންނެވެ.

އެހެން ނަމަވެސް މި އަހަރު އަންނާނެ ކަމަށް ލަފާކުރި އެއް މިލިއަން ޓޫރިސްޓުން ރާއްޖެ އަންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވި އެވެ. މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓު ފާސްކުރީ ވެސް މި އަދަދަށް ޓޫރިސްޓުން އަންނާނެ ކަމަށް ބަލާފަ އެވެ.

ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދުތައް މުހިއްމު ވަނީ ރާއްޖޭގެ އިގުތިސޯދާއި މާލީ ހާލަތު ސީދާ ޓޫރިޒަމް ސެކްޓާގެ ޕާފޯމަންސާ ގުޅިފައިވާތީ އެވެ. އެގޮތުން މި އަހަރުގެ ތެރޭގައި ޓޫރިޒަމް ސެކްޓާގެ ރިކަވަރީ ހުރި ގޮތުން ރާއްޖޭގެ ޖީޑީޕީ 13.5 ޕަސެންޓާއި 34.1 ޕަސެންޓާ ދޭތެރޭގެ އަދަދަކަށް ކުރިއަރާނެ ކަމަށް ލަފާކުރެވެ އެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް 450،000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި ނަމަވެސް މެއި މަހުން ފެށިގެން އެވަރެޖް އެރައިވަލްސްތައް ވަނީ ދަށަށް ގޮސްފަ އެވެ. އަދި އަހަރުގެ ފުރަތަމަ ހަތަރު މަހުގެ ތެރޭގައި 97،000 އިން މަތީގައި އެވަރެޖް އެރައިވަލްސް ހުރި ނަމަވެސް ހުސްވި މެއި މަހު ރާއްޖެ ޒިޔާރަތްކުރީ 64،313 ޓޫރިސްޓުންނެވެ.