Advertisement

އެގްރޯނެޓުން ދަނޑުވެރިންނާ އެކު ކޮންޓްރެކްޓް ފާމިން ފަށައިފި

7 ޖޫން 2021 - 13:34 0

އަމަން ހަލީމް

އަމަން ހަލީމް

ދިވެހި އަންހެން ދަނޑުވެރިއަކު ދަނޑު ބަލަހައްޓަނީ: ރާއްޖޭގެ 45 ރަށެއްގައި އެގްރޯނެޓުގެ ކޮންޓްރެކްޓް ފާމިން ޕްރޮޖެކްޓް ހިންގާނެ -- ފޮޓޯ: ޔޫއެންޑީޕީ


އެގްރޯނެޓުން ދަނޑުވެރިންނާ އެކު ކޮންޓްރެކްޓް ފާމިން ފަށައިފި

7 ޖޫން 2021 - 13:34 0

އެގްރޯ ނެޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް)ން ދިވެހި ދަނޑުވެރިންނާ ގުޅިގެން ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރަން ކުރިއަށް ގެންދާ ކޮންޓްރެކްޓް ފާމިން މަޝްރޫއު އިފްތިތާހުކޮށްފި އެވެ.

ޖަޕާނު ސަރުކާރުން ފަނޑުކޮށްގެން ހިންގާ "ސީޑްސް" ޕްރޮގްރާމުގެ ދަށުން ހިންގާ އެގްރޯނެޓުގެ ކޮންޓްރެކްޓް ފާމިން މަޝްރޫއަކީ ދިވެހި ދަނޑުވެރިންނަށް މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދީގެން ރާއްޖޭގައި އުފެއްދޭ ބާވަތްތަކުގެ މޭވާ އާއި ތަރުކާރީގެ އުފެއްދުންތެރިކަން އިތުރުކުރަން ހިންގާ މަޝްރޫއެކެވެ.

ކޮންޓްރެކްޓް ފާމިން މޮޑެލްގައި ދަނޑުވެރިންނާ އެކު އެއްބަސްވުންތަކުގައި ސޮއިކުރަނީ ވަކި ހާއްސަ ބާވަތްތަކެއްގެ މޭވާ އާއި ތަރުކާރީ އުފެއްދުމަށެވެ. މި ބާވަތްތަކަކީ ކޮބައިކަން ނިންމާނީ އެގްރޯނެޓުންނެވެ.

ހުސްވި ހަފުތާގެ ތެރޭގައި ރަސްމީކޮށް މި ކޮންޓްރެކްޓް ފާމިން މަޝްރޫއު އިފްތިތާހުކުރެވުނު ނަމަވެސް، އެގްރޯނެޓުން ވަނީ މި މަސައްކަތް މީގެ މަސްތަކެއް ކުރިން ފަށައިފަ އެވެ. އަދި އެއްބަސްވުންތަކުގައި ސޮއިކޮށް ނިމުނު ދަނޑުވެރިންނަށް ދަނޑުވެރިކަން ކުރަން ބޭނުންވާ އާލާތްތައް ހިމެނޭ ސްޓާޓާ ކިޓް ހަވާލުކޮށްފި އެވެ.

އެގްރޯނެޓުގެ ޕްރޮގްރާމަށް ދިވެހި ދަނޑުވެރިންގެ ބޮޑު ތަރުހީބެއް

މިހާރުގެ ދަނޑުވެރިންނަށާއި އަލަށް ފަށައިގަންނަން ބޭނުންވާ ދަނޑުވެރިންނަށް ހުޅުވާލައިގެން ހިންގާ ޕްރޮގްރާމު ހިންގަނީ މި ވަގުތަށް 45 ރަށެއްގަ އެވެ. އަދި މި ޕްރޮގްރާމަށް ދިވެހި ދަނޑުވެރިންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެގްރޯނެޓުން ބުނެ އެވެ.

މިހާތަނަށް މި ޕްރޮގްރާމުގައި ބައިވެރިވާން ޝައުގުވެރިކަން ފާޅުކޮށް ފޯމު ހުށައެޅި 1500 ދަނޑުވެރިންގެ ތެރެއިން 560 ދަނޑުވެރިންނާ އެކު އެއްބަސްވުންތަކުގައި ސޮއިކޮށްފި އެވެ. އިތުރު 779 ދަނޑުވެރިންގެ ކޮންޓްރެކްޓްތައް ނިމި ސޮއިކުރަން ވަނީ ތައްޔާރުވެފަ އެވެ.

މި ކޮންޓްރެކްޓް ފާމިން ޕްރޮޖެކްޓުގެ 40 ޕަސެންޓު ހާއްސަކުރެވިފައިވަނީ އަންހެނުންނަށެވެ. އަދި 20 ޕަސެންޓު ހާއްސަކޮށްފައި ވަނީ ޒުވާނުންނަށެވެ. އެގްރޯނެޓުން ބުނީ މިކަމުގެ ނަތީޖާއެއްގެ ގޮތުން މިހާތަނަށް އެއްބަސްވުންތަކުގައި ސޮއިކުރެވުނު 49 ޕަސެންޓު ދަނޑުވެރިންނަކީ އަންހެނުންނަށް ކަމަށެވެ.

އެއްބަސްވުންތަކުގައި ސޮއިކުރުމުގެ އިތުރަށް އެގްރޯނެޓުން އަންނަނީ ޕްރޮޖެކްޓް ކާމިޔާބުކަމާއި އެކު ހިންގުމަށްޓަކައި ދަނޑުވެރިންނާ މަޝްވަރާކޮށް، ތަމްރީންކޮށް، ކްރޮޕް ރަޖިސްޓަރީ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އެގްރޯނެޓުގެ އުއްމީދު ބޮޑު، ބޭނުމީ ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުން

ކޮންޓްރެކްޓް ފާމިން މޮޑެލްގެ ތެރެއިން ދަނޑުވެރިން އުފައްދާ ތަކެތި ގަނެ ބާޒާރުގައި ވިއްކުމުގެ ހުރިހާ މަސައްކަތްތަކާއި އެ އުފެއްދުންތައް މާކެޓް ކުރުމުގެ ހުރިހާ މަސައްކަތެއް ކުރާނީ އެގްރޯނެޓުންނެވެ.

މި މަޝްރޫއު އިފްތިތާހުކުރަން ބޭއްވި ހަފްލާގައި އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރު ހާރޫން ރަޝީދު ވިދާޅުވީ މި މަޝްރޫއުގެ ބޭނުމަކީ ކޮންޓްރެކްޓް ފާމިން މޮޑެލްގެ ތެރެއިން ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރުމާއި ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމެވެ. އަދި އެ އަމާޒަށް މަސައްކަތްކުރަން ދަނޑުވެރިންނަށް ބޭނުންވާ ވަސީލަތްތަކާއި ތަމްރީނު ދޭނެ ކަމަށް ވިދާޅުވި އެވެ.

"މި ޕްރޮޖެކްޓުގެ ތެރެއިން މިހާރު ދަނޑުވެރިންނަށާއި އަލަށް ފަށައިގަންނަން ބޭނުންވާ ދަނޑުވެރިންނަށް ބޭނުންވާ އެހީތެރިކަން ލިބޭނެ. އަދި ސްޓާޓް އަޕް ޓްރެއިނިން، އެގްރިބިޒްނަސް އިންކިއުބޭޝަން، ޑީޓެއިލްޑް ކޯސް ދަނޑުވެރިންނަށް ކިޔަވައިދޭނެ" ހާރޫން ވިދާޅުވި އެވެ.

ހާރޫން ވިދާޅުވީ މި ޕްރޮޖެކްޓުގެ ތެރެއިން ދަނޑުވެރިންނަށް ދިމާވެފައިވާ ޒަމާންވީ މައްސަލަތަކަށް ހައްލެއް ހޯދައިދީ ދިވެހި ދަނޑުވެރިންގެ ފުދުންތެރިކަން އިތުރުކުރަން އެގްރޯނެޓުން ބޭނުންވާ އެހީތެރިކަން ލިބޭނެ ކަމަށެެވެ.

ލ. އަތޮޅުގައި ސީޑްސްގެ ފަންޑިން ލިބިގެން ހައްދާ ދަނޑެއް: އެ އަތޮޅުގެ 112 ދަނޑުވެރިން މި ޕްރޮޖެކްޓުގައި ބައިވެރިވޭ -- ފޮޓޯ: ޔޫއެންޑީޕީ


ކޮންޓްރެކްޓް ފާމިން މޮޑެލްއަށް ފަންޑުކުރާ ސީޑްސް ޕްރޮގްރާމަކީ ކޮވިޑް-19ގެ ސަބަބުން ދިވެހިރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށް ޖަޕާނު ސަރުކާރުން ފަންޑުކޮށްގެން އދ.ގެ ތަރައްގީއާ ބެހޭ ޖަމިއްޔާ ޔޫއެންޑީޕީގެ ސަޕޯޓާއެކު ހިންގާ ޕްރޮގްރާމެކެވެ.