Advertisement

ކްރިކެޓް ތަރައްގީގެ ނަތީޖާ ފެންނާނީ ކޯޗުންނާ ގުޅިގެން: ފައިސަލް

31 މޭ 2021 - 14:28 0

ކްރިކެޓް ބޯޑުގެ ރައީސް މުހައްމަދު ފައިސަލް.-- ފޮޓޯ: ސީބީއެމް


ކްރިކެޓް ތަރައްގީގެ ނަތީޖާ ފެންނާނީ ކޯޗުންނާ ގުޅިގެން: ފައިސަލް

31 މޭ 2021 - 14:28 0

ރާއްޖޭގައި ކްރިކެޓް ތަރައްގީ ކުރަން ކުރެވޭ ކަންކަމުން ނަތީޖާ ފެންނާނީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އާއި ކޯޗުންނާ ގުޅިގެން ކުރެވޭ ޑިވެލޮޕްމަންޓްގެ މަސައްކަތުން ކަމަށް ސީބީއެމްގެ ރައީސް މުހައްމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.

ސީބީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ބޯޑުގެ ޑިވެލޮޕްމަންޓް ޕްރޮގްރާމް ތަކުގައި މަސައްކަތްކުރާ ކޯޗުން އެއްބަސްވުންތައް އާކޮށްފައިވާ ކަމަށެވެ.

އެ ގޮތުން ބޯޑުން އަލަށް އެކުލަވާލި ޑިވެލޮޕްމަންޓް ޕްރޮގަރާމްގައި ބައިވެރިވުމަށް 15 ކޯޗުން ވަނީ ހަަމަޖައްސައިފަ އެވެ. އަދި އޭގެތެރޭގައި މާލެ، ޏ. ފުވައްމުލައް، އަދި ލ.ކުނަހަންދޫ ގައި މަސައްކަތްކުރާނެ ކޯޗުން ހިމެނެ އެވެ.

ކްރިކެޓް ބޯޑުން ވަނީ ރާއްޖޭގައި ކްރިކެޓް ތަރައްގީ ކުރުމަށް ހިންގޭ ޕްރޮގްރާމްތައް ދިރާސާކުރުމަށް ފަހު އޭގެހުރި ކަންކަން ހަރުދަނާކޮށް ނަތީޖާ ނެރެވޭނެ ފަދަ ޕްރޮގްރާމަކަށް ހެދުމަށް ގެންނަންޖެހޭ ބަދަލުތަށް ގެނެސް ނިންމައިފަ އެވެ.

"ކްރިކެޓް ތަރައްގީ ކުރުމުގެ މަސައްކަތުގެ ނަތީޖާ ފެންނާނީ ބޯޑާއި ކޯޗުންނާ ގުޅިގެން ކުރެވޭ މަސައްކަތުން. އެހެންކަމުން ކޯޗުންނާ ބޯޑާ ދޭތެރޭ އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު މަގުސަދެއް. ހަމަ މިއާއެކު ކޯޗުންނަށް ދެވޭ މުސާރަޔާއި އެހެނިހެން އިނާޔަތްތައް އިތުރުކުރުމަކީ ބޯޑުން ވަރަށް އިސްކަމެއް ދޭކަމެއް،" ފައިސަލް ވިދާޅުވި އެވެ.

ކުރިމަތިވެފައި މި އޮތް ކޮވިޑް ހާލަތުން ރަގަޅުވެ، ލުއިތައް ލިބުނުހާ އަވަހަކަށް ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް (ވައިޑީޕީ) ހަރަކާތްތައް ފެށުމަށް ކްރިކެޓް ބޯޑުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަލަށް ފެށޭ ވައިޑީޕީ ޕްރޮގްރާމް ކުރިއަށްދާނީ މި ފަހުން ގެނެވުނު އާ ބަދަލުތަކާ އެކު އެވެ.

ފައިސަލް ވިދާޅުވީ މިއީ ކޮވިޑާ ހެދި ކްރިކެޓް ބޯޑަށް ވެސް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއް ކަމަށެވެ. އެކަމަކު ކްރިކެޓް ކުރިއެރުވުމަށްޓަކައި މިހާތަނަށް ވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރި ކޯޗުން ތިބިކަން ބަަލައިގަންނަން ޖެހޭ ކަމަށާއި އަލަށް ފެށުމަށް ހަމަޖެހިފައިވާ ޑިވެލޮޕްމަންޓް ޕްރޮގްރާމް ފެށުމަށް ވާން ޖެހޭ ތައްޔާރީތަކަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ފައިސަލް ވިދާޅުވި އެވެ.

ކްރިކެޓް ބޯޑުން ބުނީ އަލަށް ހެދުނު ކޮންޓްރެކްޓްތަކާ އެކު ކޯޗުންނަށް ލިބޭ އިނާޔަތްތައް ޓްރެއިނިން ޕްރޮގްރާމްތަކާ ގުޅުވައި ޕްރޮގްރާމްތައް ހިންގާ މިންވަރަށް ބަލާ އިނާޔަތްތައް އިތުރުވާނެ ކަމަށެވެ. މިގޮތަށް ހަމަޖެހުމާ އެކު ހުރިހާ ފަންތީގެ ކޯޗުންގެ މުސާރަ ވެސް ކުރިއަށް ވުރެ ބޮޑުވެގެންދާނެ ކަމަށާއި މީގެ އިތުރުން އަންހެން ކްރިކެޓް ކުރިއެރުވުމަށް ފަށާ މަސައްކަތުގެ ތެރެއިން އަލަށް ކޮންޓްރެކްޓް ހަދާއިރު ކޮންމެ ކޯޗަކަށް ވެސް މަދުވެގެން އެއް އަންހެން ސްކްޑް ހަވާލުކުރެވޭނެ ކަމަށް ކްރިކެޓް ބޯޑުން ބުނެފައިވެ އެވެ.

ކްރިކެޓް ބޯޑުގެ ނައިބް ރައީސްކަމާއި ޖެނެރަލް ސެކްރެޓަރީކަން ކުރެއްވި ފައިސަލް އެ އެސޯސިއޭޝަންގެ ރައީސަކަށް އިންތިހާބުވީ މިދިޔަ ސެޕްޓެމްބަރު މަހުގަ އެވެ. ދުރުރާސްތާ އާއި ކައިރި މުސްތަގުބަލުގައި ހާސިލްކުރަން ބޭނުންވާ ކަންތައްތައް ކުރަން ފައިސަލް ވަނީ ޕްލޭނެއް އެކުލަވާލައިފަ އެވެ.

އޭގެ ތެރެއިން ރާއްޖޭގެ ކްރިކެޓާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތަކާއި އެ ނޫން ވެސް ކްރިކެޓާ ގުޅޭ މުހިއްމު ކަންކަން ސީބީއެމް އިން "މޯލްޑިވްސް ކްރިކެޓް އެޕް" ލޯންޗްކުރިއިރު، މިއަދު މި ވަނީ ވައިޑީޕީ ޕްލޭން ހަރުދަނާކޮށް އިއުލާނުކޮށްފަ އެވެ.