1 ޖޫން 2021 - 08:50 0
އައްޒާމް އަލިފުޅު
ދުބާއީ ޓްރެއިނިން ކޭމްޕްގެ ތެރެއިން ފައިސަލް.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް
1 ޖޫން 2021 - 08:50 0
ގައުމީ ޓީމުގެ އެއް ވަނަ ކީޕަރު މުހައްމަދު ފައިސަލް، ކްލަބް ވެލެންސިއާއާ ގުޅުނީ މި ފަހަރުގެ ސީޒަން ފަށަން ވަރަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށެވެ. އެހެންވެ ފައިސަލް އަށް ވެލެންސިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުތަކުގައި ނުކުޅެވުނެވެ. ސީޒަންގެ ފުރަތަމަ ހަ މެޗުގައި ފައިސަލް ފިޓްނަސް ރަނގަޅުވެ ރަނގަޅު ފޯމަކަށް އެޅެންދެން ހުރީ ބެންޗުގަ އެވެ. ވެލެންސިއާ ގޯލު ބެލެހެއްޓީ މި ސީޒަނުގައި މޮޅަށް ކުޅުނު ކީޕަރު މުހައްމަދު ޝަފީއު (ޗެކް) އެވެ. އޭނާ ވެސް ގައުމީ ޓީމުގައި ހިމެނުނެވެ.
ވެލެންސިއާ އިން ޖެނުއަރީ 21 ވަނަ ދުވަހު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ ދެކޮޅަށް ކުޅުނު މެޗަކީ ފައިސަލް، 32، މި ސީޒަނުގައި ކުޅުނު ފުރަތަމަ މެޗެވެ. އެ މެޗު ހިމަނައިގެން ވެލެންސިއާ ދެން ކުޅުނު ހަތް މެޗުގައި ވެސް އެ ޓީމުގެ ގޯލު ބެލެހެއްޓީ ފައިސަލް އެވެ. އެކަމަކު އޭޕްރީލް 22 ވަނަ ދުވަހު ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)އާ ދެކޮޅަށް ކުޅުނު މެޗުގައި ފައިސަލްގެ ފަލަމަސްގަނޑަށް އަނިޔާވެ، އޭނާ ފުރަތަަމަ ހާފުގައި ވަނީ ބަދަލުކޮށްފަ އެވެ.
އޭގެ ފަހުން ވެލެންސިއާ ކުޅުނު އީގަލްސް މެޗުގައި ފައިސަލް އަށް ގެއްލުނެވެ. އީގަލްްސްއާ ދެކޮޅަށް ވެލެންސިއާ ކުޅުނު މެޗުގެ ކުރިން ވެލެންސިއާގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނީ ފައިސަލްގެ އަނިޔާ އެހާ ސީރިއަސް ނޫން ކަމަށާއި އެކަމަކު ގައުމީ ޓީމަށް ވެސް ފައިސަލް އަކީ މުހިއްމު ކުޅުންތެރިއަކަށްވާތީ ރިސްކު ނަގައިގެން އޭނާ ލައްވައި ކުޅުވަން ބޭނުންނުވާ ކަމަށެެވެ.
ގައުމީ ސްކޮޑުގައި ހިމެނުނުއިރު، ފައިސަލް ހުރީ އަނިޔާގަ އެވެ. ދާދި ފަހުން ގައުމީ ޓީމުގެ ގޯލްކީޕަރު ކޯޗު އަސްލަމް އަބްދުއްރަހީމް ބުނީ ކޮލިފައިންގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗަށް ދާންވާއިރަށް ފައިސަލް ފިޓްވާނެ ކަމަށެވެ. ފައިސަލް ވެސް ހުރީ އެ އަޒުމުގަ އެވެ.
ސަސްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ފައިސަލް ބޯޅަ ހިފައިގެން.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް
ފައިސަލް ބުނި މިދިޔަ އަހަރު ވަރަށް ގިނަ ދުވަސް ކޮށްލާފައި ސީޒަން ފަށައިގެން އަނެއްކާ ވެސް ދުވަސް ކޮޅެއް ނުވެ، ލީގު މެދުކަނޑާލަން ޖެހުމާއި ދެން ފެށި ތަނުން ވެސް އަނެއްކާ ބްރޭކެއް އައުމުން ކުޅުންތެރިންނަށް އަނިޔާގެ މައްސަލަ ކުރިމަތިވާނެ ކަމަށެވެ.
"މި ގޮތަށް (ބްރޭކްތައް) އަންނަން ފެށީމަ ވަރަށް އުނދަގޫވޭ. (ގައުމީ ޓީމު) ޕްރެކްޓިސް ކޮށްލަން ލިބުނުއިރު އަންނާނެ އިންޖަރީތަކާ އެއްޗެހި. ޖެހޭނީ ފިޓްވާން މަސައްކަތް ކުރަން. އަސްލު މި ބްރޭކްތަކާ ހެދި އުނދަގޫވި ރަނގަޅަށް ތައްޔާރުވާން،" އަނިޔާތައް ދިމާވާ ސަބަބަށް އިޝާރާތްކޮށް ފައިސަލް ބުންޏެވެ.
ގައުމީ ޓީމުން ތައްޔާރުވަމުން އަންނަނީ ކޮލިފައިންގައި ބާކީ އޮތް ތިން މެޗަށެވެ. ތިން މެޗު ކުޅެން ޖެހޭނީ 13 ދުވަސް ތެރޭ ޗައިނާ އާއި ސީރިއާ އަދި ފިލިޕީންސާ ދެކޮޅަށެވެ. ޗައިނާގައި ސެންޓްރަލައިޒްކޮށް ކުޅެން އޮތް މި ގްރޫޕްގެ މެޗުތައް ދުބާއީ އަށް ބަދަލުކޮށްފައިވާއިރު، ޝެޑިއުލަށް އައި ބަދަލާ އެކު ރާއްޖެ ފުރަތަމަ މެޗުގައި ހުކުރު ދުވަހު ކުޅޭނީ ސީރިއާއާ އެވެ. އަދި މި މަހު 11 ވަނަ ދުވަހު ޗައިނާ އާއި ކުޅުމަށް ފަހު 15 ވަނަ ދުވަހު ފިލިޕީންސާ ބައްދަލުކުރާނެ އެވެ.
ފައިސަލް ބުނީ ވަރުގަދަ ތިން މެޗު ކުޅެން ޖެހޭއިރު ރަނގަޅު ޕްރެކްޓިސްތަކެއް ކޮށްލަން މި ލިބުނީ ވަރަށް ކުޑަ މުއްދަތެއް ކަމަށެވެ.
މި ފަހަރު ގައުމީ ޓީމުގައި ހިމެނުނު ހަތަރު ކީޕަރުންނަކީ ވެސް ލީގުގައި މަދުވެގެން ފަސް މެޗު ކުޅެފައިވާ ކީޕަރުންނެވެ. ފައިސަލް ބުނީ ދިވެހި ކީޕަރުންނަށް ފުރުސަތު ލިބޭނަމަ އޭގެ ބޭނުން ހިފާނެ ކަމަކީ ކުރިން ވެސް ޔަގީންވެފައި އޮތް ކަމެއް ކަމަށެވެ.
"ދިވެހި ކީޕަރުން ލީގުގައި ކުޅެފައި ގައުމީ ޓީމަށް އައުމަކީ ގައުމީ ޓީމަށް ވެސް ލިބޭ ކުރިއެރުމެއް. ކޮންމެ ކީޕަރެއް އަނިޔާވިޔަސް ރިޕްލޭސް (ބަދަލު) ކުރާނެ ރަނގަޅު ކީޕަރުން އެބަތިބި މިހާރު ސްކޮޑުގައި،" ފައިސަލް ބުންޏެވެ.
ގައުމީ ޓީމުގެ ޓްރެއިނިން ކޭމްޕްގެ ތެރެއިން އިމްރާން ފައިސަލް އަށް އެހީވެދެނީ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް
ގައުމީ ޓީމުގެ ގޯލްކީޕަރުންނަށް މި ފަހަރު އޮތް އަނެއް ހިތްހަަމަ ޖެހުމަކީ ގޯލްކީޕަރު ކޯޗެއްގެ ގޮތުގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އިމްރާން މުހައްމަދު ޓީމާ އެކު ހުރުމެވެ.
"އަސްލު އިންމަ (އިމްރާން) ގައުމީ ޓީމަށް ޓްރެއިނިން ކޯޗަކަށް ހުރުމަކީ އަހަރެން ދެކޭ ގޮތުގައި އަހަރެެމެން ކީޕަރުންނަށް އަދި ހާއްސަކޮށް އަހަންނަށް ވެސް ވަރަށް ހިތްވަރު ލިބޭ ކަމެއް. ދަނޑުން ބޭރުގައި ވެސް ދަނޑުމަތީގައި ވެސް ވަރަށް ބޮޑަށް އިންމަ(އިމްރާން) ގެ ސަޕޯޓް ލިބޭ މިހާރު ވެސް އަދި ކުރިން ވެސް،" އިމްރާނާ ބެހޭގޮތުން ފައިސަލް ބުންޏެވެ.
ރާއްޖޭން 2018 ވަނަ އަހަރުގެ ސާފް ސުޒުކީ ކަޕް ކާމިޔާބުކުރިއިރު، މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ފައިސަލް އެވެ. ފައިސަލް ވަނީ މި ފަހަރުގެ ކޮލިފައިންގައި މިހާތަނަށް ރާއްޖެ ކުޅުނު ފަސް މެޗުގައި ވެސް ޓީމުގެ ގޯލު ބަލަހައްޓައިފަ އެވެ.
Comment