Advertisement

ޓީމަށް ހިތްހަމަޖެހުމެއް: ޗައިނާ އަށް ނުދެވޭތީ ރާއްޖެ ގްރޫޕްގެ މެޗުތައް ދުބާއީގައި

31 މޭ 2021 - 10:28 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ގައުމީ ޓީމުގެ ހަމްޕު (ކ) ފިިލިޕީންސް ކުޅުންތެރިއަކު ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ.-- ފޮޓޯ: އެފްއޭއެމް


ޓީމަށް ހިތްހަމަޖެހުމެއް: ޗައިނާ އަށް ނުދެވޭތީ ރާއްޖެ ގްރޫޕްގެ މެޗުތައް ދުބާއީގައި

31 މޭ 2021 - 10:28 0

ފީފާ ވޯލްޑް ކަޕާއި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގެ ގްރޫޕް އޭގެ ފަހު މެޗުތައް ސެންޓަރަލައިޒްކޮށް ޗައިނާގައި ބޭއްވޭނެ ގޮތެއް ނުވުމުން އެ މެޗުތައް ދުބާއީ އަށް ބަދަލުކޮށްފައިވާ ކަމަށް ޗައިނާގެ ފުޓްބޯޅަ އެސޯސިއޭޝަން (ސީއެފްއޭ) އިން އަންގައިފި އެވެ.

އިއްޔެ ބޭއްވި އެފްއޭއެމްގެ ކޮންގްރެސްގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވެސް ވަނީ ކޮލިފައިން މެޗުތައް ޗައިނާގައި ނުކުޅެ އެހެން ގައުމަކަށް ބަދަލުކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ވިދާޅުވެފަ އެވެ. އަދި ރާއްޖެ އަށް އެންމެ ރަނގަޅީ ދުބާއީގައި އެ މެޗުތައް ކުޅުން ކަމަށް ބައްސާމް ވިދާޅުވެފައިވެ އެވެ.

ކޮލިފައިން ބާކީ މެޗުތައް ޗައިނާގައި ނުކުޅެވުނީ ރާއްޖެ އާއި ފިލިޕީންސް އަދި ސީރިއާ އަށް ޗައިނާ އަށް ދެވޭގޮތް ނުވުމުންނެވެ. ޗައިނާ ސަރުކާރުން ވަނީ މި ތިން ޓީމަށް މި ވަގުތު އެ ގައުމަށް ނުދެވޭނެ ކަމަށް ކަނޑައަޅައިފަ އެވެ. އެހެންވެ މެޗުތައް އެންމެ ފަހުން ކުޅެން ނިންމީ ސީރިއާ އާއި ރާއްޖޭގެ ގައުމީ ޓީމު ތިބި ދުބާއީގަ އެވެ. ފިލިޕީންސް ޓީމު ތިބީ ގަތަރުގަ އެވެ.

ސެންޓްރަލައިޒްކޮށް މެޗުތައް ކުޅެން ނިންމި ޗައިނާގެ ސޫޒޯގައި އިއްޔެ ވަނީ ގުއާމާއި ޗައިނާގެ މެޗު ކުޅެފަ އެވެ. އިއްޔެގެ އެ މެޗުން ޗައިނާ މޮޅުވީ 7-0 އިންނެވެ.

ޗައިނާ ފުޓްބޯޅަ އެސޯސިއޭޝަން ސީއެފްއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ގައުމުގެ ސަރުކާރާ އެކު ކުރިއަށް ގެންދިޔަ ބައްދަލުވުންތަކަށް ފަހު ޓީމުތައް ގެނެސްގެން މެޗުތައް ކުޅެވޭނެ ގޮތެއް ނުފެނުމުން އެންމެ ފަހުން ނިންމީ މެޗުތައް އެހެން ގައުމަކަށް ބަދަލުކުރާށެވެ. އެހެންވެ ބާކީ އޮތް ހަތް މެޗު ކުޅޭނީ ދުބާއީގައި ކަމަށް ވަނީ ނިންމައިފަ އެވެ.

މެޗުތައް ދުބާއީ އަށް ބަދަލުކުރުމަކީ މި ވަގުތު ދުބާއީގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަ ކުރަމުން އަންނަ ރާއްޖޭގެ ޓީމަށް ލިބޭނެ ހިތްހަަމަ ޖެހުމެކެވެ. ސީރިއާ ޓީމާ އެކު ރާއްޖޭގެ ގައުމީ ޓީމު އިއްޔެ ޗައިނާ އަށް ފުރަން އޮތްއިރު، ފުރަން ހުއްދަ ނުލިބުނީ ކުޅުންތެރިންތަކެއް ޕޮޒިޓިވްވި ހަބަރާ އެކު އެވެ. ރާއްޖެ ޓީމުގެ އަލީ އަޝްފާގު (ދަގަނޑޭ) އާއި އަލީ ޝާމިސް (ތޮއްޕޭ) ކޮވިޑަށް ޕޮޒިޓިވްވެ، ވަނީ އައިސޮލޭޝަނަށް ގޮސްފަ އެވެ. ދުބާއީ އަށް މެޗުތައް ބަދަލުކުރުމުން އެ ދެ ކުޅުންތެރިންނަށް ކޮލިފައިންގެ އެންމެ ފަހު މެޗުގައި ކުޅުމުގެ ހަނި ފުރުސަތެއް އޮންނާނެ އެވެ. އެއީ 10 ދުވަސް ފަހުން ކަރަންޓީނު މުއްދަތު ހަމަވެ، ޓެސްޓް ނެގެޓިވްވެއްޖެނަމަ އެވެ.

ރޭ ގުއާމްގެ މެޗަށް ފަހު ޗައިނާ އިން ވަނީ ދެ ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ޗައިނާ ދެން ކުޅެން އޮތް މެޗު ކަމަށް ޝެޑިއުލްގައި އޮތީ އަންނަ ބުރާސްފަތި ދުވަހު ރާއްޖެއާ ދެކޮޅަށް ކުޅޭ ގޮތަށެވެ. އެކަމަކު އެ މެޗު އެ ތާރީހުގައި ކުޅެވުމުގެ ފުރުސަތު ކުޑަ އެވެ. އެހެންވެ މެޗު ޝެޑިއުލަށް ބަދަލުތަކެއް އައުމުގެ ފުރުސަތު ބޮޑެވެ.

މި ވަގުތު ޝެޑިއުލް އޮތްގޮތުން ރާއްޖެ ބުރާސްފަތި ދުވަހު ޗައިނާއާ ކުޅުމަށް ފަހު އަންނަ މަހު ހަތް ވަނަ ދުވަހު ސީރިއާއާ ބައްދަލުކުރާނެ އެވެ. އަދި އަންނަ މަހު 15 ވަނަ ދުވަހު ކުޅޭނީ ފިިލިޕީންސާ އެވެ.

ގްރޫޕް އޭގެ އެއް ވަނައިގައި ސީރިއާ އޮތީ 15 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ޗައިނާ އޮތީ 10 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ފިލިޕީންސް އަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި ރާއްޖެ އޮތީ ހަ ޕޮއިންޓާ އެކު އެވެ. އެންމެ ފުލުގައި އޮތް ގުއާމުން ހަ މެޗު ކުޅުނުއިރު އަދި ޕޮއިންޓެއް ނުލިބެ އެވެ.