Advertisement

ވޯލްޑް ކަޕް ކޮލިފައިން: ޗައިނާ އިން އަނެއްކާ ވެސް ގުއާމް ކޮޅަށް 7 ގޯލު ޖަހައިފި

30 މޭ 2021 - 20:31 0

ލަނޑު ޖެހުމަށް ފަހު އެލަން ކަވާލިއޯ އުފާފާޅުކުރަނީ.


ވޯލްޑް ކަޕް ކޮލިފައިން: ޗައިނާ އިން އަނެއްކާ ވެސް ގުއާމް ކޮޅަށް 7 ގޯލު ޖަހައިފި

30 މޭ 2021 - 20:31 0

ފީފާ ވޯލްޑް ކަޕް/އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ގްރޫޕް އޭގެ މެޗުތައް މިއަދު ސެންޓްރަލައިޒްކޮށް ޗައިނާގައި ކުޅެން ފެށިއިރު، މިއަދު ހަވީރު ކުޅުނު މެޗުން ޗައިނާ އިން 7-0 އިން އަނެއްކާ ވެސް ގުއާމް ބަލިކޮށްފި އެވެ.

ކޮލިފައިންގައި ޗައިނާގެ ހޯމް މެޗުގައި 10 އޮކްޓޫބަރު 2019 ވަނަ ދުވަހު ގުއަންޒޫގައި ކުޅުނު މެޗުން ޗައިނާ ވަނީ ގުއާމް އަތުން 7-0 އިން މޮޅުވެފަ އެވެ. މިއަދު ގުއާމާ ދެކޮޅަށް ޗައިނާ އިން ހަަމަ އެ ނަތީޖާ ތަކުރާރުކުރިއިރު، މިއީ ގުއާމްގެ ހޯމް މެޗެވެ. މި މެޗު ކުޅުނީ ސެންޓްރަލައިޒްކޮށް މި ގްރޫޕްގެ މެޗުތައް ކުޅެން ހަމަޖެހިފައިވާ ސޫޒޯގަ އެވެ.

ގުއާމް ކޮޅަށް ޗައިނާގެ ގޯލުތައް ޖެހީ ސްޕެއިނުގެ އެސްޕަންޔޯލަށް ކުޅޭ ފޯވާޑް ވޫ ލެއި ދެ ގޯލާއި ޖިން ޖިންޑާއޯ އަދި ވޫ ޝީގެ އިތުރުން ބްރެޒިލުން ރަށްވެހިކަން ބަދަލުކޮށް ޗައިނާ އަށް ކުޅެމުން އަންނަ އެލްކެސެން އެއް ގޯލާއި ޗައިނާ ޖޯޒީގައި ފުރަތަމަ ފަހަރަށް ވާދަވެރި މެޗެއްގައި ކުޅުނު ބްރެޒިލްގެ އެޓޭކިން މިޑްފީލްޑަރު އެލަން ކަވާލިއޯ ދެ ގޯލެވެ.

މި މޮޅާ އެކު ޗައިނާ ވަނީ ދެ ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. މި މެޗާ އެކު ގުއާމް ނޫން މި ގްރޫޕްގައި އޮތް ކޮންމެ ޓީމެއް މި ވަނީ ފަސް މެޗު ކުޅެފަ އެވެ. ސީރިއާ އެއް ވަަަނައިގައި އޮތީ 15 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ޗައިނާ އޮތީ 10 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ފިލިޕީންސް އަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި ރާއްޖެ އޮތީ ހަ ޕޮއިންޓާ އެކު އެވެ. އެންމެ ފުލުގައި އޮތް ގުއާމުން ހަ މެޗު ކުޅުނުއިރު އަދި ޕޮއިންޓެއް ނުލިބެ އެވެ.

ޗައިނާ ދެން ކުޅެން ޖެހޭ މެޗު އޮތީ އަންނަ ބުރާސްފަތި ދުވަހު ރާއްޖެއާ ދެކޮޅަށެވެ. އެކަމަކު އެ މެޗަށް ރާއްޖެ އަށް ޗައިނާ އަށް ދެވޭނެކަމާ މެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ. އެއީ މިއަދު ދުބާއީ އިން ޗައިނާ އަށް ދާން ގައުމީ ޓީމު ފުރުމުގެ ކުރިން ކުރި ކޮވިޑް ޓެސްޓްތަކުން ގައުމީ ޓީމުގެ އަލީ އަޝްފާގު (ދަގަނޑޭ) އާއި އަލީ ޝާމިސް (ތޮއްޕޭ) ޕޮޒިޓިވްވެފައިވާއިރު، ރާއްޖޭގެ ޓީމު ޗައިނާ އަށް ފުރަން ޗައިނާގެ ހުއްދަ އަދި ނުލިބޭތީ އެވެ. ގައުމީ ޓީމު މި ވަގުތު ތިބީ ދުބާއީގަ އެވެ.

މިއަދު ބޭއްވި އެފްއޭއެމްގެ ކޮންގްރެސްގެ ތެރެއިން އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ރާއްޖެ އާއި ފިލިޕީންސް އަދި ސީރިއާ އަށް ޗައިނާ އަށް ދިއުމުގައި ހުރަސްތަކެއް ކުރިމަތިވެ، ކޮލިފައިން މެޗުތައް ފަސްކުރަން ޖެހުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.