Advertisement

މެޗަކުން ބަލިނުވެ ލީގު ޗެމްޕިއަންކަން މާޒިޔާ އަށް

30 މޭ 2021 - 20:10 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ލަނޑު ޖެހުމަށް ފަހު މާޒިޔާގެ ހަމްޕު އުފާފާޅުކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


މެޗަކުން ބަލިނުވެ ލީގު ޗެމްޕިއަންކަން މާޒިޔާ އަށް

30 މޭ 2021 - 20:10 0

ކޮވިޑް-19ގެ ހާލަތު މިހާރު އޮތް ގޮތަށް ބެލުމަށް ފަހު ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރަށް ފަހު ނިންމާލަން އެފްއޭއެމުން ނިންމުމުން މެޗަކުން ބަލިނުވެ ލީގުގެ ޗެމްޕިއަންކަން މާޒިޔާ އަށް ކަށަވަރުވެއްޖެ އެވެ.

މިއީ މާޒިޔާ އިން ލީގު ހޯދި ތިން ވަނަ ފަަހަރެވެ. އެ ޓީމުން އެންމެ ފުރަތަމަ ލީގު ހޯދީ އަލީ ސުޒޭންގެ ކޯޗުކަމުގައި 2016 ވަަނަ އަހަރު އެވެ. މިދިޔަ ސީޒަނުގައި މާޒިޔާ އިން ލީގު ކާމިޔާބުކުރިއިރު، ކޯޗަކަށް ހުރީ މެސެޑޯނިއާގެ ކޯޗު މަރްޖާން ސެކުލޮސްކީ އެވެ. އެ ދެ ފަހަރު ވެސް މާޒިޔާ އިން ލީގު ކާމިޔާބުކުރިއިރު، ދެ މެޗުން ބަލިވި އެވެ. އެކަމަކު މި ސީޒަނުގައި ލީގު ހޯދީ މެޗަކުން ބަލިނުވެ އެވެ.

މާޒިޔާ އިން މި ފަހަރުގެ ލީގުގައި ތިން ކޯޗުންގެ އިރުޝާދުގެ ދަށުން ކުޅެފައިވެ އެވެ. ލީގުގެ ފުރަތަމަ ތިން މެޗުގައި މާޒިޔާ އަށް ކޯޗުކޮށްދިނީ މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ. ނިޒާމްބެ މަގާމުން ވަކިވުމުން ލީގުގައި މާޒިޔާގެ ހަތަރު ވަނަ މެޗުގައި އެ ޓީމަށް އިރުޝާދުދިނީ އެސިސްޓަންޓް ކޯޗު އަހުމަދު ސުޒެއިރު (ކޮއްކޮ) އެވެ.

އޭގެ ފަހުން މާޒިޔާ އަށް ކޯޗުކޮށްދިނީ ޖެނުއަރީ މަހު އެ ޓީމާ ހަވާލުވި ރެއާލް ބެޓިސްގެ ކުރީގެ ކުޅުންތެރިޔާ އަދި ސާބިއާ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު ރިސްޓޯ ވިޑަކޮވިޗް އެވެ.

ކުރިން ފިލިޕީންސްގެ ސެރެސްއާ އެކު އެ ގައުމުގެ ލީގު ތިން ފަހަރު ކާމިޔާބުކުރި ވިޑަކޮވިޗް، ހަވާލުވި ފަހުން މާޒިޔާ ކުޅުނު 10 މެޗުގެ ތެރެއިން އަށް މެޗުން މާޒިޔާ ވަނީ މޮޅުވެފަ އެވެ. އަނެއް ދެ މެޗުން އެއްވަރުވީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ކްލަބް އީގަލްސްއާ ވާދަކޮށް ލަނޑެއް ނުޖެހި އެވެ. މި ފަހަރު ލީގުގައި އެންމެ ގިނަ ގޯލު ޖެހީ މާޒިޔާ އިންނެވެ. އެ ޓީމުން، 14 މެޗުން 34 ގޯލު ކާމިޔާބުކުރިއިރު، ޑިފެންސް އެންމެ ރަނގަޅީ ވެސް އެ ޓީމެވެ. އެ ޓީމު ކޮޅަށް ވަދެފައިވަނީ އެންމެ ހަ ގޯލެކެވެ.

މާޒިޔާ އަށް 14 މެޗުން 34 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ވެލެންސިއާ އަށް 14 މެޗުން ލިބިފައިވަނީ 25 ޕޮއިންޓެވެ. ލީގުގެ ތިން ވަނައިގައި އޮތީ 14 މެޗުން 19 ޕޮއިންޓާ އެކު ކްލަބް ގްރީން ސްޓްރީޓްސް އެވެ. ހަތަރެއްގައި އީގަލްސް އޮތީ 14 މެޗުން 17 ޕޮއިންޓާ އެކު އެވެ. ލީގުގެ ފަސް ވަނައިގައި އޮތީ 14 މެޗުން 16 ޕޮއިންޓާ އެކު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އެވެ. ހަ ވަނައިގައި އޮތީ 14 މެޗުން 15 ޕޮއިންޓާ އެކު ސަސް އެވެ. ހަތް ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް 14 މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު، ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އެންމެ ފުލުގައި އޮތީ 14 މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ.

ލީގު ޗެމްޕިއަންކަން ކަށަވަރުވުމާ އެކު މާޒިޔާ އިން އަންނަ ސީޒަނުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދީ އެވެ. މި ފަހަރުގެ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ވެސް ކެންސަލްކުރުމުން އަންނަ ސީޒަނުގެ އޭއެފްސީ ކަޕްގެ ކޮލިފައިންގައި ކުޅޭނީ ލީގުގެ ދެ ވަނަ އަށް ދިޔަ ވެލެންސިއާ އެވެ. ވެލެންސިއާ ވަނީ 2017 ވަަނަ އަހަރުގެ އޭއެފްސީ ކަޕްގެ ކޮލިފައިންގައި ކުޅެ ކަޓައިފަ އެވެ.