30 މޭ 2021 - 17:50 0
އައްޒާމް އަލިފުޅު
ލަނޑު ޖެހުމަށް ފަހު މެޗެއްގެ ތެރެއިން މާޒިޔާ ކުޅުންތެރިން އުފާފާޅުކުރަނީ-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު
30 މޭ 2021 - 17:50 0
ކޮވިޑް-19ގެ ހާލަތު މިހާރު އޮތް ގޮތަށް ބަލާއިރު, ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ތިން ވަނަ ބުރު ނުކުޅެ ސީޒަން ކުރުކޮށްލުމަށް އެފްއޭއެމްގެ ހިންގާ ކޮމިޓީ (އެކްސްކޯ) އިން ނިންމާފައިވާ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިއަދު ވިދާޅުވެއްޖެ އެވެ.
ބައްސާމް މިހެން ވިދާޅުވީ އޮންލައިންކޮށް މިއަދު ކުރިއަށްދިޔަ އެފްއޭއެމްގެ އަހަރީ އާންމު ޖަލްސާގައި ކްލަބްތަކާ މުހާތަބުކޮށް ވާހަކަ ދައްކަވަމުންނެވެ.
"އަޅުގަނޑުމެން އެކްސްކޯ އިން މިއޮތީ ލީގުގެ ދެ ބުރު ވެސް ކުޅެވިފައިވާތީ މިހާރު މި އޮތް ހިސާބުން ލީގު ނިންމާލަން ނިންމާފައި،" ބައްސާމް ވިދާޅުވި އެވެ.
މިއަދު އެފްއޭއެމުން ވަނީ ލީގު ނިންމާލުމުގެ އިތުރުން މި އަހަރު އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ވެސް ނުކުޅެން ނިންމައިފަ އެވެ. މިއާ އެކު މިއީ ރާއްޖޭގެ ފުޓްބޯޅަ ސީޒަން އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ނުބާއްވައި ނިންމާލަން ޖެހިޖެހިގެން ނިންމި ތިން ވަނަ އަހަރެވެ. މިދިޔަ ކޮވިޑާ ހެދި އެފްއޭ ކަޕް ނިންމާލީ ސެމީ ފައިނަލަށް ވެސް ޓީމުތައް ހޮވިފައިވަނިކޮށެވެ.
ދެ ވަނަ ބުރުން ލީގު ނިންމާލުމާ އެކު މާޒިޔާ އިން ލީގު ދިފާއުކުރީ އެވެ. އެ ޓީމު އެއް ވަނައިގައި އޮތީ ނުވަ ޕޮއިންޓުގެ ލީޑަކާ އެކު އެވެ. މާޒިޔާ އަށް 14 މެޗުން 34 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ވެލެންސިއާ އަށް 14 މެޗުން ލިބިފައިވަނީ 25 ޕޮއިންޓެވެ. އެފްއޭއެމުން ވަނީ މިއަދު އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކެންސަލްކޮށްފަ އެވެ. އެހެންވުމުން އޭއެފްސީ ކަޕް ޖާގަ ލިބުނީ މާޒިޔާ އާއި ވެލެންސިއާ އަށެވެ.
ލީގުގެ ތިން ވަނައިގައި އޮތީ 14 މެޗުން 19 ޕޮއިންޓާ އެކު ކްލަބް ގްރީން ސްޓްރީޓްސް އެވެ. ހަތަރެއްގައި އީގަލްސް އޮތީ 14 މެޗުން 17 ޕޮއިންޓާ އެކު އެވެ. ލީގުގެ ފަސް ވަނައިގައި އޮތީ 14 މެޗުން 16 ޕޮއިންޓާ އެކު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އެވެ. ހަ ވަނައިގައި އޮތީ 14 މެޗުން 15 ޕޮއިންޓާ އެކު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ. ހަތް ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް 14 މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނަ ބުރު ތިން މޮޅާ އެކު ނިންމާލި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އެންމެ ފުލުގައި އޮތީ 14 މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ.
ދެން ލީގު ނުފަށާނެ ކަމަށް ބަލައި ހަރަދުކުޑަކުރުމުގެ ގޮތުން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އިން ވަނީ އެ ޓީމުގެ ބިދޭސީ ހަތަރު ކުޅުންތެރިން ފޮނުވާލައިފަ އެވެ.
ބައްސާމް ވިދާޅުވީ މި ފަހަރުގެ ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް މިހާރު ވަރަށް ގިނަ މެޗު ކުޅެފައިވާއިރު، ވިސްނުމަކީ ކޮވިޑްގެ ހާލަތު ރަނގަޅުވެ ފުރުސަތު ލިބުނުހާ އަވަހަކަށް ތިން ވަނަ ޑިވިޝަން ފުރިހަަމަ ކުރުމަށް ކަމަށެވެ. އެއީ ދެ ވަަނަ ޑިވިޝަން ކުޅެވެން އޮތީ ތިން ވަނަ ޑިވިޝަނުން ޓީމުތަކެއް ޕްރޮމޯޓްވެގެން ކަމަށްވާތީ އެވެ. އެފްއޭއެމްގެ ވިސްނުމަކީ ދެ ވަނަ ޑިވިޝަން ވެސް ހާލަތު ތަން ދޭނަމަ ކުޅުމެވެ. ނޫންނަމަ އަންނަ ސީޒަނުގެ ތެރެއިން ގޮތްތަކެއް ހޯދުމެވެ.
އެފްއޭއެމުން މިއަދު ވަނީ މި އަހަރަށް 98.2 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފަ އެވެ. އެއީ ކޮންގްރެސްގައި ބައިވެރިވި 22 ކްލަބްގެ ތެރެއިން 21 ކްލަބްގެ ތާއީދާ އެކު އެވެ. ބަޖެޓުގައިވާ ގޮތުން އެންމެ ބޮޑު ހޭދައެއް ކުރާނީ ޑިވެލޮޕްމަންޓާއި އެޑިއުކޭޝަނަށެވެ. އެ ދާއިރާ އަށް 45.5 މިލިއަން ރުފިޔާ ހަރަދުކުރަން ވަނީ ނިންމައިފަ އެވެ. ދެން އެންމެ ބޮޑު ހަރަދެއް ކުރާނީ 29.8 މިލިއަން ރުފިޔާ ހޭދަވާ ކޮމްޕެޓިޝަން އާއި އިވެންޓްސް އަށެވެ. އެޑްމިނިސްޓްރޭޝަނަށް 21.4 މިލިއަން ރުފިޔާ ހަރަދުކުރާއިރު، ދަރަނިތައް އަދާކުރަން 1.5 މިލިއަން ރުފިޔާ ހަރަދުކުރަން ވަނީ ނިންމައިފަ އެވެ.
އެފްއޭއެމުން ވަނީ މި އަހަރު އޮންނަ އެއްވެސް އުމުރުފުރާ މުބާރާތެއްގައި ޖޫނިއާ ގައުމީ ޓީމުތައް ބައިވެރި ނުކުރަން ނިންމައިފަ އެވެ. އެއީ އެންމެ ރަނގަޅަށް ޕްރެކްޓިސް ކުރެވޭނެ މާހައުލެއް ނެތި ހަމައެކަނި ޝަރަފަކަށް ގައުމީ ޓީމު މުބާރާތްތަކުގައި ބައިވެރިވެލުމުގެ ވިސްނުމެއް މިހާރު އެފްއޭއެމްގެ މެނޭޖްމަންޓުން ނުގެންގުޅޭ ކަމަށް ބައްސާމް ވިދާޅުވި އެވެ.
މި މަހު ފަށަން އެފްއޭއެމުން ނިންމި ހުޅުމާލޭ ހައި ޕާފޯމަންސް ސެންޓަރާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަދާ 18 އެކެޑަމީގެ މަސައްކަތް މިހާރު އޮތްގޮތުން ފެށޭތޯ ބަލަނީ އަންނަ އޮގަސްޓް މަހުގަ އެވެ.
މިއަދުގެ ކޮންގްރެސްގައި އެފްއޭއެމުން ވަނީ ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ) އަށް ފުރިހަމަ މެމްބާޝިޕް ދޭން ކްލަބްތަކުގެ ވޯޓަކަށް އަހައިފަ އެވެ. ޑީއެސްސީ އަށް އެފްއޭއެމްގެ މެމްބަރުކަން ދޭން ތާއީދުކުރީ 19 ކްލަބަކުންނެވެ. އެކަމާ ދެކޮޅަށް ދެ ކްލަބަކުން ވޯޓު ދިނެވެ.
އެފްއޭއެމްގެ މެމްބަރު ކްލަބްތަކުގެ ތާއީދާ އެކު ސަސްޕެންޑް ކޮށްފައިވާ ރާއްޖޭގެ އެންމެ މަޝްހޫރު ދެ ކްލަބް، ވިކްޓްރީ އާއި ނިއު ރޭޑިއަންޓްގެ ސަސްޕެންޝަން ދަމަހައްޓަން ފެނޭތޯ މިއަދުގެ ކޮންގްރެސްގައި ވަނީ ވޯޓަށް އަހައިފަ އެވެ. ނިއު އާއި ވިކްޓްރީ ސަސްޕެންޑް ކޮށްފައި އޮތީ ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ ދީފައިނުވާތީ އެވެ. އަދިވެސް އެ ދެ ކްލަބުން އެކަން ކޮށްފައިނުވާއިރު، މިއަދުގެ ކޮންގްރެސްގައި ބައިވެރިވި ކްލަބްތަކުން ވަނީ ނިއު އާއި ވިކްޓްރީގެ ސަސްޕެންޝަން ދަަމަހައްޓަން ތާއީދު އޮތް ކަމަށް ކަނޑައަޅައިފަ އެވެ.
Comment