Advertisement

އުނދަގޫ ހާލަތެއް، ސަޕްރައިޒިން ނަތީޖާތަކެއް ވެސް ނެރެވިދާނެ: ކޫޕްމަން

29 މޭ 2021 - 09:48 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ދުބާއީ ޓްރެއިނިން ކޭމްޕްގެ ތެރެއިން ގައުމީ ކޯޗު ކޫޕްމަން.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް


އުނދަގޫ ހާލަތެއް، ސަޕްރައިޒިން ނަތީޖާތަކެއް ވެސް ނެރެވިދާނެ: ކޫޕްމަން

29 މޭ 2021 - 09:48 0

ފީފާ ވޯލްޑް ކަޕާއި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގެ ފަހު މެޗުތަކަށް އަންނަ މަހު ނުކުންނައިރު، ކޮވިޑް-19ގެ ސަބަބުން މި ވަގުތު ކުރިމަތިވެފައިވަނީ އުނދަގޫ ހާލަތެއް ކަމަށާއި އެހެން ނަމަވެސް މަސައްކަތް ކޮށްގެން މެޗުތަކުގައި ސަޕްރައިޒިން ނަތީޖާތަކެއް ނެރެވިދާނެ ކަމަށް ގައުމީ ކޯޗު މާޓިން ކޫޕްމަން ބުނެފި އެވެ.

ގައުމީ ޓީމުން މި ވަގުތު އަންނަނީ ދުބާއީގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަ ކުރަމުންނެވެ. ދުބާއީ އަށް ދިއުމުގެ ކުރިން ގައުމީ ޓީމުން ވަނީ ހަފްތާއެއްހާ ދުވަހު މާލޭގައި ހޮޓެލް ޖެންގައި ކޭމްޕް ކޮށްފަ އެވެ. އެކަމަކު މާލޭގައި ކޮވިޑް-19ގެ ހާލަތު އޮތްގޮތުން ޕްރެކްޓިސް ކުރުމުގެ ހުއްދަ ނުދޭތީ ގައުމީ ޓީމުގެ އެކި ޓްރެއިނިންތައް ގެންދިޔައީ ހޮޓެލް ޖެންގެ ބޯލް ރޫމުގަ އެވެ. ދަނޑަށް ނުކުމެ ޕްރެކްޓިސް ކުރަން ގައުމީ ޓީމަށް އަދި މިހާތަނަށް ލިބުނީ ހަ ވަރަކަށް ދުވަހެވެ.

ދުބާއީ ޓްރެއިނިން ކޭމްޕްގެ ތެެރެއިން ޕީއެސްއެމް އަށް ދިން އިންޓަވިއުއެއްގައި ކޫޕްމަން ބުނީ ކޮވިޑް-19ގެ ސަބަބުން ރާއްޖެ އަށް މިއީ ވަރަށް ދަތި އުނދަގޫ ވަގުތެއް ކަމަށާއި ކޮވިޑް ކޭސްތައް ގިނަވުމާއި މި ބަލީގައި މީހުން މަރުވާތީ ވަރަށް ކަންބޮޑުވާ ކަމަށެވެ. އަދި ހުރިހާ އެންމެން ވެސް ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދަށް ބޯލެނބުމަށް ކޫޕްމަން ވަނީ އިލްތިމާސްކޮށްފަ އެވެ.

ނެދަލެންޑްސް އަށް އުފަން ކޫޕްމަން މިދިޔަ އަހަރުގެ ޖެނުއަރީ މަހު ގައުމީ ޓީމާ ހަވާލުވި ފަހުން މިހާތަނަށް ރަސްމީ މެޗަކަށް ނުނިކުމެ އެވެ. ކޮވިޑް-19ގެ ސަބަބުން މެޗުތައް ދިޔައީ ފަސްވަމުންނެވެ.

ކޫޕްމަން ގައުމީ ޓީމާ އެކު ނުކުންނަ ފުރަތަމަ މެޗަކީ އަންނަ މަހުގެ ތިން ވަނަ ދުވަހު ޗައިނާއާ ބައްދަލުކުރާ މެޗެވެ. އޭގެ ހަތަރު ދުވަސް ފަހުން ސީރިއާއާ ކުުޅުމަށް ފަހު ކޮލިފައިން ފަހު މެޗުގައި ރާއްޖޭން ފިލިޕީންސާ ބައްދަލުކުރާނީ އަންނަ މަހު 15 ގަ އެވެ.

"އަހަރެމެން މި ތިބީ ކަމެއްގެ މެދުތެރޭގައި. ވަރަށް ވަރުގަދަ އަށް ޓްރެއިނިންތައް ގެންދަންޖެހޭ. އެކަމަކު އެއީ ވެސް ބަލައިގެން ކުރަން ޖެހޭ ކަމެއް. އެތައް ހަފްތާއެއް ވަންދެން ނުކުޅެ ތިބިފައި އެހާ ވަރުގަދަ އަށް ޓްރެއިން ކޮށްގެން އިންޖަރީއެއް ވާން ނޭދެން،" ކޫޕްމަން ބުންޏެވެ.

ގައުމީ ޓީމުގެ ޓްރެއިނިންގެ ތެރެއިން ކޫޕްމަން ކުޅުންތެރިންނަށް ބުނެދެނީ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް


"އަަހަރެން ވަރަށް ފަހުރުވެރިވޭ ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗަށް ވީމަ. މިއީ އުނދަގޫ ވަގުތެއް ވިޔަސް އަހަރެމެންނަށް މަސައްކަތް ކޮށްގެން ސަޕްރައިޒިން ނަތީޖާތަކެއް ނެރެވިދާނެ،"

ކޫޕްމަން ބުނީ ހާލަތުގެ ގޮތުން އެންމެ ބޮޑު ކަންބޮޑުވުމަކީ ކޮވިޑް-19ގެ ސަަބަބުން ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ހުއްޓާލިއިރު، ކުޅުންތެރިންނަށް ޕްރެކްޓިސް ވެސް ނުކުރެވި ހަތަރެއް ނޫނީ ފަސް ހަފްތާ މަޑުކުރަން ޖެހުމެވެ. އެހެންވެ ގާތްގާތުގައި ތިން މެޗެއް ކުޅެން ތައްޔާރުވާއިރު، ކަންކަން ކުރަން ޖެހޭނީ ވަރަށް ވިސްނައިގެން ކަމަށް ކޫޕްމަން ވަނީ ބުނެފަ އެވެ.

ގައުމީ ޓީމު އޮންނަން ޖެހޭނީ ބަދަހި އާއިލާއެއްގެ ގޮތުގައި ކަމަށާއި ޓީމަށް އަންނަ ކޮންމެ ކުޅުންތެރިއަކަށް ގަވާއިދުތަކާ ކަންކަން އޮންނަ ގޮތް ބުނެދޭނެ ކަމަށް ކޫޕްމަން ބުންޏެވެ. މިހާތަނަށް ފެންނަ ފެނުމުގައި ހުރިހާ ކުޅުންތެރިން ވެސް އުސޫލުތަކަށް ވަރަށް ރަނގަޅަށް ތަބާވާ ކަމަށާއި އެ ގޮތުގައި ދެމިހުރުން މުހިއްމު ކަމަށް ކޫޕްމަން ގަބޫލުކުރެ އެވެ.

"އަހަންނަކީ ވަރަށް ރަނގަޅު މީހެއް. އެކަމަކު ޕްރޮފެޝަނަލީ އަހަންނަށް ވަރަށް ހަރުކަށި މީހަކަށް ވެސް ވެވިދާނެ. އެގޮތަށް ނުވާން އަހަރެން ބޭނުމީ. އަހަރެން އަބަދުވެސް ކުޅުންތެރިން ގާތުގައި ބުނަން އަހަންނަކީ މި ޓީމުގެ ބައްޕައޭ. އަހަރެން މިހުރީ ދުވަސްވެފައި. އަޝްފާގު ވެސް އެ ހުރީ ދުވަސްވެފައި. އެކަމަކު އުމުރަކީ ނަމްބަރެކޭ މި ބުނަނީ،" ކޫޕްމަން ބުންޏެވެ.

މި ފަހަރު ގައުމީ ސްކޮޑުގައި ހިމެނުނު ބައެއް ކުޅުންތެރިން ވަނީ ކޮވިޑް-19 ޖެހިގެންނާއި އަމިއްލަ ސަބަބުތަކާ ހުރެ ޓީމާ ވަކިވެފަ އެވެ. އެ ކުޅުންތެރިންގެ ތެރޭގައި ކޫޕްމަންގެ ޕްލޭނުގައި މުހިއްމު ދައުރެއް އަދާކުރާނެ ކުޅުންތެރިން ވެސް ހިމެނެ އެވެ. ކޫޕްމަން ވަނީ އެ ކުޅުންތެރިންނާއި ގައުމީ ޓީމަށް ކުޅެވޭނެ ފެންވަރު ހުރި އެހެން ކުޅުންތެރިންނަށް މެސެޖެއް ދީފަ އެވެ.

"އެ ކުޅުންތެރިންނަށް ބުނެލަން އޮތީ އެ ކުޅުންތެރިން ނެތީމަ ވަރަށް ސޮރީ އޭ. މި ފަހަރު މިއީ ވީ ގޮތޭ. އެކަމަކު ދެން އޮތް ފަހަރުތަކުގައި ފުރުސަތު ދޭނަން. އަދި ތި ކުޅުންތެރިންނަށް ވެސް ފުރުސަތު ލިބޭނެ،" ކޫޕްމަން ބުންޏެވެ.

ވޯލްޑް ކަޕް ކޮލިފައިން ގްރޫޕް އޭގައި ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. ގްރޫޕުގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާ އެކު ސީރިއާ އެވެ. ޗައިނާ ހަތަރު މެޗުން ހަތް ޕޮއިންޓާ އެކު ދެ ވަނައިގައި އޮތްއިރު، ތިން ވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ. އެންމެ ފުލުގައި އޮތީ ފަސް މެޗު ކުޅެ ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.

ގައުމީ ޓީމު މިދިޔަ ދެ ދުވަހު ވަނީ ދުބާއީގައި ޕީސީއާރް ދެ ޓެސްޓެއް ހަދައިފަ އެވެ. އެއީ މާދަމާ ޗައިނާ އަށް ފުރުމުގެ ކުރިން ހަދަން ޖެހޭ ޓެސްޓްތަކެކެވެ.