Advertisement

370 މިލިއަންގެ ރިލީފް ލޯނާ އެކު އާ ސްޓިމިއުލަސް ޕެކޭޖެއް

27 މޭ 2021 - 17:13 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

އާ ޕެކޭޖްތައް އާންމުކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މައުލޫމާތު ދެއްވަނީ --


370 މިލިއަންގެ ރިލީފް ލޯނާ އެކު އާ ސްޓިމިއުލަސް ޕެކޭޖެއް

27 މޭ 2021 - 17:13 0

ކޮވިޑް-19 ފެތުރުން ކޮންޓްރޯލުން ނެއްޓި މުޅި ރާއްޖޭގައި އަނެއްކާވެސް ފިޔަވަޅުތައް ހަރުކަށި ކުރަންޖެހިފައިވާއިރު، ވިޔަފާރިތަކަށާއި އާއްމުންނަށް ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް ސަރުކާރުން އާ ރިލީފް ޕެކޭޖެއް މިއަދު އާއްމުކޮށްފި އެވެ.

އިއްޔެ އިން ފެށިގެން މާލެ ސަރަހައްދުގައި މީހުން ބޭރަށް ނުކުމެ އުޅުން ވަރަށް ބޮޑަށް ލިމިޓުކޮށް ފިހާރަތަކާއި ކެފޭތަކުން ދޭ ހިދުމަތް ވެސް ގިނަ ވަގުތަށް ވަނީ ހަމައެކަނި ޑެލިވަރީއަށް ބަދަލުކޮށްފަ އެވެ.

އަދި ސެލޫންތަކާއި ޖިމްތައް ވެސް ބަންދުކުރަން އަންގާފައިވާއިރު ހާއްސަކޮށް ކުދި ވިޔަފާރިތަކަށް ވަނީ މާލީ ބޮޑެތި ގެއްލުންތައް އަނެއްކާވެސް އުފުލަންޖެހިފަ އެވެ.

މިކަމަށް ހައްލެއް ހޯދައިދިނުމަށް ލޯން އިއުލާންކުރުމަށް މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓްރީން ވަނީ އާ އިކޮނޮމިކް ސްޓިމިއުލަސް ޕެކޭޖުގެ ދަށުން ދޭން ނިންމާފައިވާ އެހީތައް އިއުލާނުކުރައްވައިފަ އެވެ.

މިގޮތުން، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މިދިޔަ އަހަރު ވެސް ކޮވިޑާ ހެދި ވިޔަފާރިތަކަށާއި އާއްމުންނަށް ގިނަ އެހީތަކެއް ސަރުކާރުން ދީފައިވާއިރު، މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށް އަންނަ މަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް 370 މިލިއަން ރުފިޔާގެ ލޯނު ދޫކުރަން ހުޅުވާލެވޭނެ ކަމަށެވެ.

މީގެ އިތުރުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން އެސްއެމްއީ ބޭންކު މެދުވެރިކޮށް ކޮވިޑު ރިލީފް ލޯނު ދޫކުރަން ނިންމާފައިވާ ކަމަށެވެ.

ސަރުކާރުން މިއަދު އިއުލާނުކުރި އާ އިކޮނޮމިކް ސްޓިމިޔުލަސް ޕެކޭޖު. -ގްރެފިކްސް: އަބްދުﷲ ޝަފީއު (އަބޯ)/ އަދަދު


"މި ލޯނުތައް ދެވެނޭ ހަ ޕަސަންޓު އިންޓްރެސްޓު ރޭޓުގައި. އަދި އެއް އަހަރު ދުވަހުގެ ގްރޭސް ޕީރިއަޑެއް ލިބޭނެ. ލޯނުގެ މުއްދަތަކީ ފަސް އަހަރު،" އަމީރު ވިދާޅުވި އެވެ.

އެ ލޯނު ތަކާބެހޭ އިތުރު ތަފްސީލް އެސްއެމްއީ ބޭންކުން އާއްމުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން، ރައްޔިތުންގެ އަތްމަތި ދަތިވެ ކުރިމަތިވެފައިވާ މި ހާލަތާ ގުޅިގެން ކަރަންޓާއި ފެން ބިލުން ބޮޑު ޕަސެންޓެއް ހެޔޮކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވާފައިވާ ލުއިތައް ވެސް މި ޕެކޭޖު ތެރޭގައި ހިމެނޭނެ ކަމަށް އަމީރު ވިދާޅުވި އެވެ.

އެގޮތުން، ރައީސް އިއުލާނުކުރެއްވި ގޮތަށް މި މަހުގެ ގޭބީސީތަކުގެ ކަރަންޓް ބިލުން 40 ޕަސެންޓް އަދި ފެން ބިލުން 30 ޕަސެންޓް ހެޔޮވާނެ ކަމަށެވެ.

އަދި ވިޔަފާރިތަކުގެ މިދިޔަ މަހާއި މި މަހުގެ ކަރަންޓާއި ފެން ބިލުން 20 ޕަސެންޓު ޑިސްކައުންޓެއް މި ޕެކޭޖުގެ ތެރޭގައި ހިމެނިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ބަލިމަޑުކަމުގެ ހާލަތުން މިންޖުވެފައި ނުވުމާއި، ކުރީގެ އިގުތިސާދުގެ ސައިޒަށް އަދި ރުޖޫއަވެފައި ނުވާތީ، މިއީ އިގުތިސާދަށް ދޭން ޖެހޭ ސަޕޯޓް ދޭންޖެހޭ ވަގުތެއް،" އަމީރު ވިދާޅުވި އެވެ.

ނަމަވެސް، ރާއްޖޭގެ އިގުތިސާދު އަންނަނީ މަޑުމަޑުން އަނބުރާ އިއާދަވަމުން ކަމަށާއި ރާއްޖެއަކީ މިއަހަރު އިގުތިސާދީ ކުރިއެރުން އެންމެ ރަނގަޅު އެއް ގައުމުކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމުގެ އިގުތިސޯދީ ހާލަތާ ގުޅޭ ގިނަ މައުލޫމާތުތަކެއް ހިމެނޭ ޕްރެޒެންޓޭޝަނެއް ވަނީ ހުށަހަޅައިދީފަ އެވެ.