Advertisement

ފުޓްބޯޅަ ތަރި ވާޑީގެ ހަޔާތުގެ މައްޗަށް ފިލްމެއް ހަދަނީ

26 މޭ 2021 - 10:20 0

ވާޑީ އެފްއޭ ކަޕްގެ ތަށި ހިފައިގެން.-- ފޮޓޯ: އޭއެފްޕި


ފުޓްބޯޅަ ތަރި ވާޑީގެ ހަޔާތުގެ މައްޗަށް ފިލްމެއް ހަދަނީ

26 މޭ 2021 - 10:20 0

ލަންޑަން (މެއި 26) - ލެސްޓާ ސިޓީގެ އިނގިރޭސި ފޯވާޑް ޖޭމީ ވާޑީގެ ހަޔާތުގެ މައްޗަށް ފިލްމެއް ހަދަން ވަރުގަދަ ފިލްމް ޕްރޮޑިއުސަރުންގެ ޓީމަކުން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އޮސްކާ އެވޯޑް ހާސިލްކޮށްފައިވާ ޕްރޮޑިއުސަރުން ކަމަށްވާ ގަރެތު-އެލިސް އަންވިން އާއި ސިމޯން އީގަން އާއި އެ މީހުންގެ ހިއްސާ އޮންނަ ބެޑްލަމް ޕްރޮޑްކްޝަނުން މިހާރު ވަނީ ފިލްމް ހަދަން ވާޑީއާ އެކު މަޝްވަރާތަކެއް ބާއްވައިފަ އެވެ. ދެން މި ފިލްމްގެ މަސައްކަތްތަކުގައި އުޅޭ ޕްރޮޑިއުސަރުންނަކީ ޕޯލް ޓަމާސީ އާއި އެރިކް ޖޯންސަން އެވެ.

ރިޕޯޓްތައް ބުނާގޮތުން އިނގިރޭސި ސްކްރީންރައިޓަރު އެޑްރިއަން ބަޓްޗާޓް ވެސް ހިމެނިގެން ހަދާ މި ފިލްމް ވެގެންދާނީ ފުޓްބޯޅަ ކުޅުންތެރިއެއްގެ ހަޔާތަށް ހެދޭ އެންމެ އަގުބޮޑު ފިލްމަށެވެ. ބަޓްޗާޓަކީ ފުޓްބޯޅައިގެ ފިލްމްތައް ކަމަށްވާ "ގޯލް" ގައި މަސައްކަތްކުރި ފަރާތެކެވެ.

ވާޑީގެ ރޯލު ކުޅުމަށް މަޝްހޫރު އެކްޓަރުންނާ އަންނަނީ މަޝްވަރާ ކުރަމުންނެވެ. ރިޕޯޓްތައް ބުނާގޮތުން އެ ރޯލު ހުށަހަޅަން މަޝްވަރާ ކުރާ އެކްޓަރުންގެ ތެރޭގައި ޒެކް އެފްރަން، ރޮބާޓް ޕެޓިންސަން އަދި ލުއިސް ޓޮމްލިންސަންއާ ހިމެނެ އެވެ.

2011 ވަނަ އަހަރު ފްލީޓްވުޑްގެ މެޗެއްގެ ތެރެއިން ވާޑީ.


މިހާރު އުމުރުން 34 އަހަރުގެ ވާޑީ، 2011 ވަނަ އަހަރު އިނގިރޭސި ފުޓްބޯޅަ ލީގުގައި ރަޖިސްޓްރީވެފައިވާ އެއްވެސް ޑިވިޝަނެއްގައި ވާދަނުުކުރާ ފްލީޓްވުޑް ޓައުން އިން ލެސްޓާއާ ގުޅުނީ އެއް މިލިއަން ޕައުންޑަށެވެ. މިއީ ނޮން ލީގު ޓީމަކުން ކުޅުންތެރިއަކު ގަންނަން ކްލަބަކުން ހޭދަކުރި އެންމެ އަގުބޮޑު ފީ އެވެ. ލެސްޓާ އިން ވާޑީ ގަންނަން އެ އަގު ދިނީ ފްލީޓްވުޑްގައި ވާޑީ އެއް ސީޒަނެއްގައި 31 ގޯލު ޖެހުމުންނެވެ.

އުމުރުން 22 އަހަރުގައި ލެސްޓާ އަށް ގުޅުމުގެ ކުރިން ރެކްރިއޭޝަން ލެވަލްގައި ފުޓްބޯޅަ ކުޅުނު ވާޑީ ދިޔައީ އެކި ވަޒީފާ އަދާކުރަމުންނެވެ. އެ ގޮތުން މެޑިކަލް ސާމާނު އުފައްދާ ކުންފުންޏެއްގެ ޓެކްނީޝަނެއްގެ ވަޒީފާ ވެސް އަދާކުރި އެވެ.

ވާޑީ އެންމެ ބޮޑަށް ވިދާލީ 2015-2016 ވަނަ އަހަރު އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން ލެސްޓާ އިން ހޯދި އަހަރު އެވެ. އެ ފަހަރު ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާ އެވެ.

އެހެން ކްލަބްތަކަށް ބަދަލުވާން ބޮޑު އަގު ހުށަހެޅި ނަމަވެސް ވާޑީ އެހެން ޓީމަކަށް ބަދަލުވާން ބޭނުންނުވީ ލެސްޓާ އިން އޭނާ ފުޓްބޯޅަ ކެރިއަރުގައި ކުރިއަށްދާން ދިން ފުރުސަތަށް ޝުކުރު އަދާކުރުމުގައި ދެމިހުރުމަށެވެ. އަދި ލެސްޓާ ބަލިކަށިވާ ވަގުތު އެ ޓީމު ދޫކޮށްލަން ބޭނުންނުވާތީ އެވެ. ވާޑީ ވަނީ މި ފަހަރު ލެސްޓާއާ އެކު އިނގިރޭސި އެފްއޭ ކަޕް ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ.

ވާޑީ ވަނީ 2015 އިން 2018 އަށް އިންގްލެންޑް ގައުމީ ޓީމަށް ވެސް ކުޅެފަ އެވެ. އަދި އެ މުއްދަތުގައި ގައުމީ ޓީމަށް 26 މެޗުން ހަތް ގޯލު ޖަހައިދިނެވެ. ގައުމީ ޓީމުން އަވަހަށް ރިޓަޔާކުރަން ނިންމި ވަކި ސަަބަބެއް ވާޑީ މީޑިއާގައި ބުނެފައިނުވެ އެވެ.