Advertisement

ވަޒީފާއަށްދާ މީހުންނާއި ހުއްދަ އޮންނަ މީހުންނަށް މާލެ-ހުޅުމާލެ ބަހުން ދަތުރުކުރެވޭނެ

25 މޭ 2021 - 20:18 0

އަމަން ހަލީމް

އަމަން ހަލީމް

ސިނަމާލެ ބްރިޖް މަތިން ގްރޭޓާ މާލެ ޓްރާންސްޕޯޓް ލިންކުގެ ބަހެއް ދަތުރުކުރަނީ: ހާއްސަ ޝެޑިއުލްއަށް އަމަލުކުރަން ފެށުމުން ބަސް ދަތުރުތައް ވަރަށް މަދުވާނެ -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު


ވަޒީފާއަށްދާ މީހުންނާއި ހުއްދަ އޮންނަ މީހުންނަށް މާލެ-ހުޅުމާލެ ބަހުން ދަތުރުކުރެވޭނެ

25 މޭ 2021 - 20:18 0

މާލެ ސަރަހައްދުގައި ކޮވިޑުގެ ފިޔަވަޅުތައް މާދަމާއިން ފެށިގެން ވަރުގަދަކުރާތީ އާންމުންނަށް ބަހުގެ ހިދުމަތް ދިނުން މެދުކަނޑާލި ނަމަވެސް ހާއްސަ ހުއްދަ އޮންނަ މީހުންނަށާއި ވަޒީފާއަށްދާ މީހުންނަށް ބަހުގެ ހިދުމަތް ދޭނެ ކަމަށް އެމްޕީއެލްއިން މިއަދު ބުނެފި އެވެ.

ގްރޭޓާ މާލެ ސަރަހައްދުގައި ބަހުގެ ހިދުމަތް ފޯރުކޮށްދޭ އެމްޕީއެލްގެ ޓްރާންސްޕޯޓް ލިންކުން ވަނީ މާލެ-ހުޅުމާލެ ބަސް ދަތުރުތަކުގެ އިތުރުން މާލެ-ހުޅުލެ ބަސް ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ. އަދި ބުނީ ބަހުގެ ހިދުމަތް އަލުން ފަށާނެ ތާރީހެއް ފަހުން އިއުލާންކުރާނެ ކަމަށެވެ.

ވަޒީފާއަށްދާ މީހުންނާއި ހުއްދަ އޮތް މީހުންނަށް ބަހުން ދަތުރު ކުރެވުނު ނަމަވެސް، އެމްޕީއެލްއިން ވަނީ ބަސް ދަތުރުތައް ވަރަށް ބޮޑަށް މަދުކޮށްފަ އެވެ. އަދި ބަސް ދަތުރުކުރާ ގަޑިތަކަށް ބަދަލު ގެނެސްފަ އެވެ.

މިހާރު ޓްރާންސްޕޯޓް ލިންކުގެ ބަސްތައް ދަތުރުކުރާނީ ހެނދުނު 6:30 އާއި، 7:00 އާއި، 8:00 އަދި މެންދުރު 11:00 އާއި، 14:00 އަދި 15:00 ގަ އެވެ. ހަވީރު ބަސް ދަތުރުތައް އޮންނާނީ 16:00 ގަ އެވެ. އޭގެ ފަހުން ދެން ބަސް ދަތުރެއް އޮންނާނީ ރޭގަނޑު 10:30 ގަ އެވެ. އަދި އެންމެ ފަހު ދަތުރު އޮންނާނީ ރޭގަނޑު 11:30 ގަ އެވެ.

މާލެ އާއި ރާއްޖޭގެ މީހުން ދިރިއުޅޭ ގިނަ ރަށްތަކެއްގައި ކޮވިޑް ފެތުރޭތީ މާދަމައިން ފެށިގެން ވަރުގަދަ ފިޔަވަޅުތަކެއް ތަންފީޒުކުރާނެ އެވެ. މި ފިޔަވަޅުތަކުގެ ތެރޭގައި ޒަރޫރީ ބޭނުންތަކުގައި މެނުވީ ބޭރަށް ނުކުތުން މަނަލެވެ.

ބައެއް އޮފީސްތަކުގެ މުވައްޒަފުންނަށް ވަޒީފާއަށް ނުކުމުވެނީ ވެސް އިކޮނޮމިކް މިނިސްޓްރީގެ ހުއްދަ ލިބިގެންނެވެ.