Advertisement

ރައީސަށް، ހަމަ އެންމެ ޝަކުވާއެއް!

24 މޭ 2021 - 15:41 41

ސިޓީބިޓީ

ސިޓީބިޓީ


ރައީސަށް، ހަމަ އެންމެ ޝަކުވާއެއް!

24 މޭ 2021 - 15:41 41

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެވެ.

ޑިމޮކްރަސީ އަށް ދިވެހިން ކުރި ދަތުރުގައި މަނިކުފާނަކީ ވަރަށް މުހިންމު ޝަހުސިއްޔަތެކެވެ. އިސްލާހީ ހަރަކާތް އުފެދި ބޮޑުވެ އެ ހަރަކާތަށް ސިޔާސީ ހައިސިއްޔަތާއި ރައްޔިތުންގެ އިތުބާރު އުފެދުމުގައި ވެސް މަނިކުފާނުގެ ދައުރު ބޮޑެވެ. މަނިކުފާނަކީ މެދުކެނޑުމެއްނެތި އެތައް ދައުރަކު ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން ހިޔާރު ކުރި މަންދޫބެކެވެ. އެ މަޖިލީހުގައި ހުރިހާ ފިކުރެއްގެ މީހުންގެ މެދުގައި ބަސްވިކޭ މެންބަރެކެވެ. ރައްޔިތުންގެ އެންމެ ގިނަ ވޯޓުލިބިގެން އެއްބުރުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ހަމައެކަނި ރައީސްގެ ގޮތުގައި ވެރިކަމަށް ތިޔަވަޑައިގަތީ އެންމެ ރަނގަޅު ވަގުތުގައި އަދި އެންމެ ހެޔޮ އިރުވަރު ގަ އެވެ.

ދެން އަޅުގަނޑުގެ ޝަކުވާ އަޑުއައްސަވާށެވެ.

އޮތީ ހަމަ އެންމެ ޝަކުވާއެކެވެ. މަނިކުފާނުގެ ސިޔާސީ ނައު ރީތި މޫސުމުގައި ފަހި ވައިގައި ތިޔަ ކުރައްވާ ދަތުރުގައި ނަވުގެ ދުވެލި ތިޔަ މަޑު ކުރައްވަނީ ކީއްވެ ތޯ އެވެ. ހުރިހާ ރިޔަލެއްގައި ރަނގަޅަށް ވައި އަޅުވައިލައި، ފައްސިޔައަށް ހަރު ދުވެލީގައި ނިކަން ދަތުރު ކުރައްވާށެވެ. މަނިކުފާނަކީ ދިވެހި ދައުލަތުގެ އަދި ދިވެހި ސަރުކާރުގެ ވެސް އެންމެ އިސް ވެރިޔާ އެވެ. އިއްތިހާދުވި ސިޔާސީ ލީޑަރުންގެ ލީޑަރެވެ. ނަމަވެސް ލީޑާޝިޕްގައި ހުންނަވައިގެން، ލީޑު ކުރެއްވުމުގައި ވެސް ފަހަތު ފަޔަށް ބުރަވާ ކަމުގެ އަލާމާތްތައް، ދުރުން މަންޒަރު ބަލަންތިބޭ އަޅުގަނޑުމެން ފަދަ މީހުންނަށް އެބަ ފެނެ އެވެ. މަގާމުގެ ހައިސިއްޔަތުން މަނިކުފާނުގެ އެންމު އިސް ގާނޫނީ ވާޖިބަކީ ރައްޔިތުންގެ މަސްލަހަތުތައް ހިމާޔަތްކުރުން ކަމުގައި ދެކެމެވެ. އޭގެ ފަހަށް ރިޔާސީ ވައުދުތައް ފުއްދެވުމާއި ރައްޔިތުންގެ މެދުގައި އިންސާފު ގާއިމް ކުރުން ފަދަ މުހިންމު ކަންކަމެވެ. އިއްތިހާދުގެ އަހުދަށް ވަފާވެރިވުން މުހިންވާ ހިނދު، އެއަށް ވުރެ މަނިކުފާނުގެ ރިޔާސީ ވާޖިބުތައް އަދާކުރެއްވުމުގެ ޒިންމާ އިސްވާނެކަން ކަށަވަރެވެ. އަޅުގަނޑުމެން ދެކެން ބޭނުންވަނީ މަނިކުފާނުގެ އަސްލު ސިފައިގައި ސިޔާސީ ހައިބަތާއެކު ހަމައިސްކޮޅަށް ތެދުވެވަޑައިގަތުމެވެ.

މަނިކުފާނުގެ ސިޔާސީ ހިކުމަތުގެ މައްޗަށް މާ މޮޅު ލަފައެއް ނުވަތަ ހިޔާލެއް އެހެން ފަރާތަކުން ލިބިދާނެ ކަމުގެ ގެ އިންތިޒާރުގައި ނުހުންނަވާށެވެ. ސިޔާސީ ލީޑަރުން މަނިކުފާނުގެ ލީޑަރޝިޕްގެ ހިޔާވަހިކަމުގައި ތިއްބެވުމުގެ ހާލަތަކީ، މިއަދުގެ އެންމެ ބޮޑު ސިޔާސީ ހަގީގަތެވެ. އެ ހާލަތު ތަކުލީފަކަށް ނުވެ މަންފާއަކަށް ބަދަލުކުރުމުގެ ލަޔާގަތު މަނިކުފާނުގައި ހުރި ކަމާމެދު އަޅުގަނޑު ޝައްކެއް ނުކުރަމެވެ. ވެރިކަން ކުރެއްވުމުގެ ވާޖިބާއި ޒިންމާއަށް ހުރަސް އެޅޭ ކަންކަމާއި ހާލަތުތައް ނައްތާލުމަކީ ބުއްދީގެ ހަމަތަކުން ބެލިޔަސް ލާޒިމް ކަމެކެވެ. ސާފު އިބާރާތުން ތިލަކޮށް ބުނާނަމަ ބުނެވޭނީ ސިޔާސީ މަގާމު ތަކާއި ވަޒީފާތަކަށް މީހުން އައްޔަންކޮށް ވަކިކުރުމާއި ސިޔާސީ މުހިންމު ނިންމެވުންތައް މުއާލާތް ކެނޑެން ދެން ފަސްނުކުރައްވާށެވެ. މަނިކުފާނުގެ ވާޖިބު އަދާކުރެއްވުމުގައްޔާއި، ވެރިކަން ދެމި އޮތުގެ ޒަރޫރަތަށްޓަކައި ކޮންމެހެން ވަކިކުރައްވަން ޖެހޭ މީހަކު މަގާމުން ވަކި ކުރުމާއި އިސް ކުރަން ޖެހޭ މީހަކު އިސްކުރުމުގައި، އަދި އެފަދަ އެހެން ކަންކަމުގައިވެސް މަނިކުފާނުގެ ހިތުލަފަޔަށް ގޮތް ނިންމަވާށެވެ. އަޅުއްވާން ޖެހޭ ފިޔަވަޅެއްގައި އެއްވެސް މީހެއްގެ މޫނަކަށް ކަނދުރާއަކަށް ނުބައްލަވާށެވެ. ކޮންމެ ފިޔަވަޅެއް އެގޭ ވަގުތުގައި އެޅުއްވުމާއި، ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް އެކަމެއްގެ ވަގުތުގައި ކުރުމާއި ނުކުރުމުގެ މަންފާ އާއި ގެއްލުން ވެސް މަނިކުފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެވެ.

ލަސްކުރާ ކޮންމެ ލަސްކުރުމަކީ، ކެތްތެރިކަމާއި ހިކުމަތްތެރިކަން ކަމުގައި އަޅުގަނޑު ގަބޫލެއް ނުކުރަމެވެ. ލީޑާޝިޕްގައި އެންމެ ފިޔަވަޅެއްވެސް ފަހަތައް ނާޅުއްވާށެވެ. އިއްތިހާދުގެ ބައިވެރިންގެ މަސްލަހަތަށް ގެއްލުން ނުވާނެ ގޮތުގެމަތިން އެފަރާތްތަކުގެ ރުހުމާއި އިތުބާރާއެކު މަނިކުފާނުގެ ސިޔާސަތު ފުރިހަމައަށް ތަންފީޒު ކުރެއްވުމުގައި ހިކުމަތު ޢަމަލީގެ ބޭނުން ކުރައްވާށެވެ.

މި ހާއްސަ ހާލަތުގައި ވެސް، ތަރައްގީ ގެ މަޝްރޫއުތައް، ނުހުއްޓި ކުރިޔަށް ދާކަން ފާހަގަ ކުރަމުން ދަންނަވަން އޮތީ ނަތީޖާ ނެރުމުގެ ގާބިލުކަން އަދިވެސް އިތުރު ކުރައްވާށެވެ. ހަމަ އެހެންމެ ރައްޔިތުންނާއި ސަރުކަރާ ދެމެދު އޮންނަން ޖެހޭ ގުޅުން ވަރުގަދަ ކުރައްވާށެވެ. ހަމައެކަނި ހިދުމަތް ކުރުމަކުން ނުފުދެ އެވެ. ކުރެވޭ ހިދުމަތުގެ މިންވަރާއި ފެންވަރާއި އޭގެ ބޭނުންތެރިކަން ވެސް ރައްޔިތުންނަށް އެނގެން ޖެހެ އެވެ. މި މުހިންމު މަސްއޫލިއްޔަތު އަދާކުރުގެ ޒިންމާދާރުނުވެ އެކަމަށް އިހުމާލުވުމުގެ ނަތީޖާ ނުބައި ދިމާލަކަށް މިސްރާބު ޖަހައިފި އެވެ.

އަޅުގަނޑު މަނިކުފާނުގެ ލީޑަޝިޕާ މެދަކު ޝައްކެއް ނުކުރަމެވެ. ނަމަވެސް ކުރިޔަށް ވަޑައިގަތުމުގައި ދުވެލި މަޑުކަމުގެ ޝަކުވާ ރައްޔިތުން އެބަކުރެ އެވެ. މިކަމުގެ ސަބަބުން މަނިކުފާނުގެ ލީޑަރޝިޕާ މެދު ރައްޔިތުންގެ ތެރޭގައި ހަގީގަތާ ހިލާފު ތަސައްވުރެއް ފެތުރެން ފަށައިފި އެވެ. އަވަސް ފަރުވާ ނުދެވިއްޖެ ނަމަ އެ ފާރުގަނޑު އުމަގުވެ ކެންސަރަށް ބަދަލުވެދާނެ ކަމަށްފެނެ އެވެ. މާޔޫސްވެވަޑައިނުގެން މިހެން ހުރި ކުދިކުދި ކަންކަން ނިކަން އަވަހަށް ރަނގަޅުކޮށްދެއްވާށެވެ.

އަޅުގަނޑު މި ފާޅުކުރި ހިޔާލުތަކަކީ ސިޔާސީ މާ މޮޅު ލަފަޔަކަށް ނުވެދާނެ އެވެ. އެކަމަކު ފަހަރުގައި އޭގެތެރޭގައި ބޭނުން ހިފޭ ފަދަ އޮއްޓަރެއް އޮވެދާނެހެން ހީވެ އެވެ. އޮތް ނަމަ އޭގެ ބޭނުން ހިއްޕަވާނެ ކަމުގައި އުންމީދު ކުރަމެވެ.

އަދުހަމް އަބުދުﷲ އަލީ، މާލެ

..........

އެޑިޓަރުގެ ނޯޓް: މިއީ އަދަދުގެ ސިޓީބިޓީ ސެކްޝަނުގައި ޝާއިއުކުރުމަށް ކިޔުންތެރިއަކު ފޮނުވާފައިވާ ސިޓީ އެކެވެ. މި ސެކްޝަނުގައި ސިޓީއެއް ޝާއިއުކުރައްވަން ބޭނުންފުޅު ނަމަ "އަދަދު" ގެ އެޑިޓަރަށް އެޑްރެސްކޮށް [email protected] އަށް އީމެއިލްކޮށްލާށެވެ. އޭގެ ތެރެއިން އެޑިޓޯރިއަލް ސިޔާސަތާ ފުށު ނާރާ ސިޓީތައް ވީ އެންމެ އަވަހަށް އަދަދުގައި ޝާއިއުކުރެވޭނެ އެވެ.