Advertisement

ރިސޯޓުތަކުގެ އެކުއިޒިޝަން ކޮސްޓު ކުޑަކުރީ އިންވެސްޓަރުންގެ ޑިމާންޑު އިތުރުކުރަން

22 މޭ 2021 - 15:23 0

އަމަން ހަލީމް

އަމަން ހަލީމް

ރާއްޖޭގެ 21 ރަށެއްގައި 16 ރިސޯޓެއް ތަރައްގީކުރަން ސަރުކާރުން ވަނީ ހުޅުވާލައިފަ: ރަށްތަކަށް ބިޑު ހުށަހެޅުމުގެ މުއްދަތު އަންނަ މަހު ހަމަ ވާނެ -- އާޓްވާކް: އަބްދުﷲ ޝަފީއު (އަބޯ)/ އަދަދު


ރިސޯޓުތަކުގެ އެކުއިޒިޝަން ކޮސްޓު ކުޑަކުރީ އިންވެސްޓަރުންގެ ޑިމާންޑު އިތުރުކުރަން

22 މޭ 2021 - 15:23 0

ރިސޯޓު ތަރައްގީކުރަން އެންމެ ފަހުން ހުޅުވާލި 21 ރަށުގެ ލީޒް އެކުއިޒިޝަން ކޮސްޓް ކުޑަކުރަން ނިންމީ އިންވެސްޓަރުންގެ ޑިމާންޑް އިތުރުކުރުމުގެ މަގުސަދުގައި ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ރާއްޖޭގެ 21 ރަށެއްގައި 16 ރިސޯޓެއް ތަރައްގީކުރަން ސަރުކާރުން ހުޅުވާލީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގަ އެވެ. މި ރަށްތައް ބިޑަށް ހުޅުވާލީ އެންމެ ކުޑަ އަގެއްގެ ގޮތުގައި ހުށަހެޅޭނެ އެކުއިޒިޝަން ކޮސްޓުން ދައުލަތަށް 17.4 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭ ގޮތަށެވެ.

ނަމަވެސް މި އަގުތައް މުރާޖައާކުރަން ނިންމުމާ ގުޅިގެން މިހާރު ހުށަހަޅާފައިވާ އަގުތަކުން ދައުލަތަށް އެންމެ ކުޑަކޮށް ލިބޭނެ އާމްދަނީ ވަނީ 12.08 މިލިއަން ޑޮލަރަށް ތިރިވެފަ އެވެ. މިއީ ދިވެހި ފައިސާއިން ބަލާނަމަ ގާތްގަނޑަކަށް 82 މިލިއަން ރުފިޔާގެ ތަފާތެކެވެ.

ބަދަލު ގެނައީ އިންވެސްޓަރުންގެ ކަންބޮޑުވުންތަކާ ގުޅިގެން

ޓޫރިޒަމް މިނިސްޓްރީން މުރާޖައާ ކުރި ލީސް އެކުއިޒިޝަން ކޮސްޓަކީ ކުރިން ރަށްތަކަށް ހުށަހެޅި އަގަށް ވުރެ 30 ޕަސެންޓު ދަށް އަދަދެކެވެ.

މި ބަދަލު ގެނައި ސަބަބާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީގެ ޑިރެކްޓަރު އަލީ ޝިނާން "އަދަދު"އަށް ވިދާޅުވި ގޮތުގައި، މިއީ ކޮވިޑުގެ ހާލަތާ ގުޅިގެން އިންވެސްޓަރުންގެ ހުރި ކަންބޮޑުވުންތަކާ ގުޅިގެން ގެނައި ބަދަލެކެވެ.

ހާއްސަކޮށް، މި ދަނޑިވަޅުގައި އިންވެސްޓް ކުރަން ބޭނުން ވިޔަސް ފަންޑިން ހޯދަން ދަތިވާ މައްސަލަ މީގެ ތެރޭގައި ހިމެނެ އެވެ.

"އެލްއޭސީއާ ހަމައަށް ދިޔައިރު ބައެއް ފަރާތްތަކުން އޭގެ ހުރި ޑިފިކަލްޓީސް އެބަހުރި މިކޮޅަށް އަންގާފައި. ދުނިޔޭގެ މި ޕެންޑެމިކްއާ ގުޅިގެން ފަންޑްސްއާ މިކަހަލަ ކަންކަން ސެކިއޯ ކުރަން އުނދަގޫ ކަމާ އެކި ރީޒަންސް ފާހަގަކުރި" ޝިނާން ވިދާޅުވި އެވެ.

އާ އަގުތައް ކަނޑައެޅީ އިންވެސްޓަރުންގެ ހުރި ކަންބޮޑުވުމުންތަކުގެ އިތުރުން، ކުރިން ރިސޯޓް ތަރައްގީކުރަން ހުޅުވާލި ފުރުސަތަށް ލިބުނު ޑިމާންޑަށާއި، ސަރުކާރަށް މިކަމުގައި އެންމެ ފީސިބަލް ގޮތަކަށް ބަލައިފަ އެވެ.

އަދި މި ބަދަލުގެ ސަބަބުން، ރިސޯޓްތަކަށް އޮތް ޑިމާންޑު މިހާރަށް ވުރެ އިތުރުވާނެ ކަަމަށް ބެލެވޭ ކަމަށް ޝިނާން ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ ރިސޯޓްތައް ތަރައްގީކުރަން މިހާތަަނަށް ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކާ މި މައުލޫމާތުތައް ހިއްސާކޮށްފަ އެވެ. މިނިސްޓްރީން އުއްމީދު ކުރަނީ މިހާރު ޝައުގުވެރިކަން ފާޅުކޮށްފައި ތިބި މީހުންނަށް ވުރެ ގިނަ އިންވެސްޓަރުންގެ ތަރުހީބު ލިބޭނެ ކަމަށެވެ.

މި ރިސޯޓްތައް ތަރައްގީކުރަން ބޭނުންވާ އިންވެސްޓަރުން ބީލަށް ހުށައެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހެވެ. ޓޫރިޒަމް މިނިސްޓްރީން މިހާރު ދަނީ އިންވެސްޓަރުންނަށް ބީލަން ފޮތް ވިއްކަމުންނެވެ.