Advertisement

ޕީއެސްޖީން ހަތް އަހަރުތެރޭ ހަ ވަަނަ ފަހަރަށް ފްރެންޗް ކަޕް ކާމިޔާބުކޮށްފި

20 މޭ 2021 - 02:50 0

ފްރެންޗް ކަޕް ތަށްޓާ އެކު ޕީއެސްޖީން އުފާފާޅުކުރަނީ.-- ފޮޓޯ: ޕީއެސްޖީ


ޕީއެސްޖީން ހަތް އަހަރުތެރޭ ހަ ވަަނަ ފަހަރަށް ފްރެންޗް ކަޕް ކާމިޔާބުކޮށްފި

20 މޭ 2021 - 02:50 0

ޕެރިސް (މެއި 20) - ފްރެންޗް ކަޕް ފައިނަލުގައި މިރޭ މޮނާކޯ 2-0 އިން ބަލިކޮށް ހަތް އަހަރު ތެރޭ ހަ ވަނަ ފަހަރަށް ޕީއެސްޖީން ފްރެންޗް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ހަތް އަހަރު ތެރޭ ޕީއެސްޖީ އަށް ޗެމްޕިއަންކަން ނުލިބުނީ 2019 ވަނަ އަހަރު އެވެ. އެ ފަހަރު ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ޕީއެސްޖީ އަތުން މޮޅުވީ ރެން އެވެ. ޕީއެސްޖީ އަކީ މި މުބާރާތުގެ ތަށި އެންމެ ގިނައިން ހޯދި ޓީމެވެ. ޕީއެސްޖީން ވަނީ 14 ފަހަރު މި މުބާރާތް ކާމިޔާބުކޮށްފަ އެވެ.

މޮނާކޯ ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައި މެޗުގެ 19 ވަނަ މިނިޓްގައި ޕީއެސްޖީ އަށް ލީޑުނަގައިދިނީ މައުރޯ އިކާޑީ އެވެ. އިކާޑީ ގޯލު ޖަހަން އެ ބޯޅަ ދިނީ މިރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ކީލިއަން އެމްބާޕޭ އެވެ. މެޗު ނިމެން ނުވަ މިނިޓަށް ވެފައި ހުއްޓައި އެންހެލް ޑި މާރިއާ ދިން ބޯޅައަކުން ޕީއެސްޖީގެ ދެ ވަނަ ގޯލު ޖެހީ އެމްބާޕޭ އެވެ.

ޕީއެސްޖީގެ ދެ ވަނަ ގޯލު ޖެހުމަށް ފަހު އެމްބާޕޭ އުފާފާޅުކުރަނީ.-- ފޮޓޯ: ޕީއެސްޖީ


މޮނާކޯ އިން 11 އަހަރު ތެރޭ ފްރެންޗް ކަޕް ފައިނަލުގައި ފުރަތަމަ ފަހަރަށް ކުޅުނުއިރު، ލަނޑު ޖަހާނެ މާ ގިނަ ފުރުސަތުތަކެއް ނުހޯދުނެވެ.

މިއީ މިދިޔަ ޖެނުއަރީ މަހު ޕީއެސްޖީގެ ކޯޗުކަމާ ހަވާލުވި މައުރީސިއޯ ޕޮޗެޓީނޯ އައި ފަހުން އެ ޓީމު ހޯދި ދެ ވަނަ ތަށްޓެވެ. ޖެނުއަރީ މަހު ޕީއެސްޖީން ވަނީ ފްރެންޗް ސުޕަ ކަޕް ކާމިޔާބުކޮށްފަ އެވެ.

ދެ ކަޕްގެ ޗެމްޕިއަންކަން ޕީއެސްޖީ އަށް ލިބުނު ނަމަވެސް މި ފަހަރުގެ ލީގުގެ ފަހު މެޗަށްދާއިރު ޗެމްޕިއަންކަން ހޯދުމުގެ އަމިއްލަ ބާރު ޕީއެސްޖީ އަށް ނެތެވެ. ޕީއެސްޖީ ދެ ވަނައިގައި އޮތީ އެއް ވަނައިގައި އޮތް ލިލް އަށް ވުރެ އެއް ޕޮއިންޓް މަދުން ހޯދައިގެންނެވެ.

ލީގުގެ ފަހު މެޗުތައް އޮންނާނީ އާދިއްތަ ދުވަހު އެވެ. ޕީއެސްޖީ އަމިއްލަ ދަނޑުގައި ބްރެސްޓާ ދެކޮޅަށް ކުޅޭއިރު، ލިލް ރަށުންބޭރުގައި ބައްދަލުކުރާނީ އެންޖާސްއާ އެވެ. ލިލް އަށް މޮޅެއް ނުހޯދި ޕީއެސްޖީ ކުޅޭ މެޗު ކާމިޔާބުކޮށްފިނަމަ އެ ޓީމަށް ލީގު ލިބޭނެ އެވެ.