Advertisement

ދިވެހި ލީގު ތިން ވަނަ ބުރު ނުކުޅެ ސީޒަން ކުރުކޮށްލުމުގެ ވިސްނުން

17 މޭ 2021 - 23:46 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ލީގުގައި މާޒިޔާ އާއި ޔުނައިޓެޑް ވިކްޓްރީ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


ދިވެހި ލީގު ތިން ވަނަ ބުރު ނުކުޅެ ސީޒަން ކުރުކޮށްލުމުގެ ވިސްނުން

17 މޭ 2021 - 23:46 0

ކޮވިޑް-19ގެ ހާލަތު މިހާރު ބަދަލުވަމުންދާ ގޮތަށް ބަލާއިރު ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ތިން ވަނަ ބުރު ނުކުޅެ ސީޒަން ކުރުކޮށްލުމަށް އަމިއްލަ ވިސްނުމެއް ގެންގުޅޭ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ބައްސާމް މިހެން ވިދާޅުވީ މިރޭ ރާއްޖެ ޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. ބައްސާމް ވިދާޅުވީ އޭނާގެ އަމިއްލަ ވިސްނުމުގައި ވާހަކަ ދައްކާނަމަ މިހާރު ބެލެވޭގޮތުގައި ކޮވިޑް-19 ގެ ހާލަތު ރަނގަޅުނުވެ، ދިގުލައިދާނަމަ ވިސްނުމަކީ ލީގުގެ ތިން ވަނަ ބުރު ނުކުޅެ ދެ ވަނަ ބުރާ ހަމައިން ނިންމާލައި ދެން ޕްރެޒިޑެންޓްސް ކަޕް ފަދަ މުބާރާތެއް ބޭއްވުން ކަމަށެވެ.

"ސަރުކާރާއި އެޗްޕީއޭއާ އެއްކޮށް ވަރަށް އަވަހަށް ބައްދަލުކުރަން އެބަޖެހޭ. ކޮށްފައި އަޅުގަނޑުމެންނަށް ކިހިނެއްތޯ އިތުރަށް ދެން ރޭވޭނީ. ނޫނިއްޔާ ހާލަތު އޮތީ އެ ބޭފުޅުން ޕްރިޑިކްޓްކުރާގޮތުގައި ކިހިނެއްތޯ. ގޯސްމިން އޮތީ ކިހާ ހިސާބަކުތޯ. ކިހާ ހިސާބަކަށް ދެމިގެންދާނެތޯ. ހުރިހާ ކަމަކަށް ބެލުމަށް ފަހު ނޫނީ ދެން ފައްޓާކަށް އަޅުގަނޑުމެން ބޭނުމެއް ނޫން. ފައްޓާފައި ތިން ދުވަސް ކޮށްފައި ހުއްޓާލާކަށް އެހާ ފަސޭހައެއް ނޫން،" ބައްސާމް ވިދާޅުވި އެވެ.

"އިތުރުވާ ކޮންމެ މަހަކީ ކްލަބްތަކުން ކުޅުންތެރިންނަށް މުސާރަ ދޭން ޖެހޭ މަހެއް. އެ އުނދަގޫ ކްލަބްތަކަށް އަންނާނެ. މި ވަގުތު އަޅުގަނޑުގެ އަމިއްލަ ވިސްނުމަކަށް މި އަންނަނީ ޕްރިމިއާ ލީގުގެ ދެ ބުރު ކުޅެފައި އޮތީމަ އިތުރަށް އަޅުގަނޑުމެންނަށް ކިހާ މުއްދަތެއްތޯ ބަލާފައި ނުވާކަމުގައިވާނަަމަ ޕްރިމިއާ ލީގު މިހާ ހިސާބުން ހުއްޓާލަން. އެއީ ދެ ރައުންޑުން ނިންމާލާ ގޮތަށް ހަދަން. ދެން ޕްރެޒިޑެންޓްސް ކަހަލަ ކުރު ކަޕް މުބާރާތެއް ބޭއްވޭތޯ މަސައްކަތްކުރުން،"

ބައްސާމް ވިދާޅުވީ އެ ގޮތަށް ވިސްނަނީ އޭއެފްސީ ކަޕްގެ ދެ ވަނަ ޖާގަ ލިބެނީ ކަޕް މުބާރާތަކަށް ކަމަށްވެފައި އެ ވެސް ނުބޭއްވޭ ހާލަތަކަށް ގޮސްފިނަމަ މިހާރު އޮތްގޮތުން ލީގުގެ ދެ ވަަނަ ޓީމަކަށް އޭއެފްސީ ކަޕްގެ ފުރުސަތު ދޭނެ ކަމަށެވެ. އަދި މި ކަންތައްތައް ފައިނަލް ވެގެންދާނީ އެފްއޭއެމްގެ ޓެނިކަލް ޓީމާއި ލީގުގައި ވާދަކުރާ ޓީމުތަކާ މަޝްވަރާކުރުމަށް ފަހު ކަމަށް ބައްސާމް ވިދާޅުވި އެވެ.

ދެ ވަނަ ބުރުން ލީގު ނިންމާލައިފިނަމަ މާޒިޔާ އިން ލީގު ދިފާއުކުރާނެ އެވެ. އެ ޓީމު މި ވަގުތު އެއް ވަނައިގައި އޮތީ ނުވަ ޕޮއިންޓުގެ ލީޑަކާ އެކު އެވެ. މާޒިޔާ އަށް 14 މެޗުން 34 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ވެލެންސިއާ އަށް 14 މެޗުން ލިބިފައިވަނީ 25 ޕޮއިންޓެވެ. ލީގު މިހާރު އޮތް ހިސާބުން ހުއްޓާލައި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ނުބޭއްވިއްޖެނަމަ އޭއެފްސީ ކަޕް ޖާގަ ލިބޭނީ މާޒިޔާ އާއި ވެލެންސިއާ އަށެވެ.

ލީގުގެ ތިން ވަނައިގައި އޮތީ 14 މެޗުން 19 ޕޮއިންޓާ އެކު ކްލަބް ގްރީން ސްޓްރީޓްސް އެވެ. ހަތަރެއްގައި އީގަލްސް އޮތީ 14 މެޗުން 17 ޕޮއިންޓާ އެކު އެވެ. ލީގުގެ ފަސް ވަނައިގައި އޮތީ 14 މެޗުން 16 ޕޮއިންޓާ އެކު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އެވެ. ހަ ވަނައިގައި އޮތީ 14 މެޗުން 15 ޕޮއިންޓާ އެކު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ. ހަތް ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް 14 މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނަ ބުރު ތިން މޮޅާ އެކު ނިންމާލި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އެންމެ ފުލުގައި އޮތީ 14 މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ.

މިދިޔަ އަހަރު ވެސް ކޮވިޑް-19ގެ ހާލަތު ގޯސްވެ އެފްއޭއެމުން ނިންމީ ސީޒަން ކުރުކޮށްލާށެވެ. އެއީ އޭރު ކުރިއަށްދިޔަ އެފްއޭ ކަޕް ހުރި ހިސާބުން ހުއްޓާލައިފަ އެވެ. އޭރު އެފްއޭ ކަޕްގެ ސެމީ ފައިނަލަށް ޓީމުތައް އޮތީ ދަތުރުކޮށްފަ އެވެ. މިދިޔަ ދެ ސީޒަން ނިންމާލަން ޖެހުނީ ޕްރެޒިޑެންޓްސް ކަޕާއި އެފްއޭ ކަޕް ނުބާއްވައި ހަމައެކަނި ލީގު ކުޅެގެންނެވެ. އެހެންވެ އެފްއޭއެމުން މި ފަހަރުގެ ސީޒަން ފެށީ ކަލަންޑަރުގައި ރޭވިފައި އޮތް ހުރިހާ މުބާރާތެއް ބޭއްވުމަށް އަމާޒުކޮށްގެންނެވެ.

ބައްސާމް ވިދާޅުވީ މި ވަގުތަށް އެފްއޭ ކަޕް ވެސް ނުބާއްވާ ގޮތަށް ވިސްނަންޖެހޭ ސަބަބަކީ ވަރަށް ބައިވަރު އެހެން ކްލަބްތައް ތިން ވަނަ އަދި ދެ ވަނަ ޑިވިޝަނުން ބައިވެރިވެގެން ކުރިއަށްދާ މުބާރާތަކަށްވާތީ ކަމަށެވެ. މިވެސް އޭނާގެ އަމިއްލަ ވިސްނުމެއް ކަމަށާއި ހުރިހާ ކަމެއް ނިމިގެންދާނީ ވަރަށް ފުޅާކޮށް މަޝްވަރާކުރެވިގެން ކަމަށް ބައްސާމް ވިދާޅުވި އެވެ.

މިދިޔަ ސީޒަނުގައި ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ނުބާއްވަ އެވެ. މި ފަހަރުގެ ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ވަކި ހިސާބަކަށް ކުރިއަށް ގެންގޮސްފައިވަނިކޮށް ކޮވިޑާ ހެދި ވަނީ މެދުކަނޑާލައިފަ އެވެ. ބައްސާމް މިރޭ ވިދާޅުވީ ތިން ވަނަ ޑިވިޝަން މި އަހަރު ކޮންމެ ގޮތެއް ވިޔަސް ފުރިހަމަ ކުރަން ޖެހޭ ކަމަށާއި އެކަމަކު ދެ ވަނަ ޑިވިޝަނަށް ކޮންމެ ވެސް ގޮތެއް ހެދިދާނެ ކަމަށެވެ.

"ތިން ވަނަ ޑިވިޝަން ނިންމަން މަޖުބޫރު އެބަވޭ. މަދު މެޗެއް ކަންނޭނގެ މިހާރު ވެސް އޮތީ. ތާޑް (ތިން ވަނަ) ޑިވިޝަން ނިންމާލެވޭނީ ކޮން އިރަކުތޯ ނުވަތަ ފެއްޓޭނީ ކިހާ ހިސާބަކުތޯ ބަލަން އެބަޖެހޭ. މިހާރު ފެއްޓިފައި އޮތް އެއްޗަކަށް ވެފައި. ދެ ވަނަ ޑިވިޝަނަށް ޕްރޮމޯޓްވާނެ ޓީމުތަކެއް އޭގެ ހުރުމާ އެކީގައި،" ބައްސާމް ވިދާޅުވި އެވެ.

"ދެ ވަނަ ޑިވިޝަން ފެއްޓޭނީ ތިން ވަނަ ޑިވިޝަން ނިމިގެން ޕްރޮމޯޓްވާނެ ޓީމުތައް އެނގިގެން. އެހެން ނަމަވެސް މިހާރު އަޅުގަނޑުގެ ވިސްނުމަކީ ދެ ވަނަ ޑިވިޝަން ވެސް މި އަހަރު ނުބާއްވާ ކަހަލަ ގޮތަކަށް،"

މި ވަގުތަށް ބަލާއިރު ވިސްނަނީ އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގު ފަށާއިރު ދެ ވަނަ ޑިވިޝަން ވެސް ފެށުން ކަމަށް ބައްސާމް ވިދާޅުވި އެވެ.

މި ހުރިހާ ކަމަކީ ވެސް މި ވަގުތަށް ބަލާއިރު ކޮޮވިޑް-19ގެ ހާލަތު އޮތްގޮތުން ބައްސާމްގެ އަމިއްލަ ވިސްނުން ފުޅެވެ. ބައްސާމް ވިދާޅުވީ މި ކަންތައްތަކާ މެދު ގޮތެއް ނިންމޭނީ ސަރުކާރާއި އެޗްޕީއޭއާ އެކު ބައްދަލުވުންތަކެއް ބޭއްވުމަށް ފަހު އަދި އޭގެ އިތުރުން އެފްއޭއެމްގެ ޓެކްނިކަލް ޓީމާއި ކްލަބްތަކާ ވެސް މަޝްވަރާ ކުރުމަށް ފަހު އެވެ.

ބައްސާމް ވިދާޅުވީ ސީޒަން ކުރުކޮށްލަން ނިންމައިފިނަމަ އެގޮތަށް ކުރިއަށްދާއިރު ވެސް އެފްއޭއެމުން ކްލަބްތަކަށް ފޯރުކޮށްދޭން ނިންމި މާލީ އެހީތެރިކަން ބަރާބަރަށް ފުރިހަަމަ އަށް އަދާކޮށްދޭނެ ކަމަށެވެ. އެއީ ކްލަބްތަކުން ކުޅުންތެރިންނާ އެކު ކޮންޓްރެކްޓް ހަދައި މުސާރަ ދޭން ނިންމާފައިވަނީ އެފްއޭއެމުން ދޭ އެ ފައިސާ އަށް ބަރޯސާވެގެން ކަމަށްވާތީ އެވެ.