ބ. ކަމަދޫ ކައުންސިލަރުން ހުވާ ކުރުން: ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލަރުން މިއަދު ވަނީ ހުވާކޮށްފައި-- ފޮޓޯ: ސިޓީ ކައުންސިލް
އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކާމިޔާބުކުރި ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރުން މިއަދު ހުވާކޮށް މަގާމާ ހަވާލުވެއްޖެ އެވެ.
މާލެ ސިޓީ އާއި ގިނަ ރަށްރަށުގެ ކައުންސިލަރުން ހުވާ ކުރުން ބޭއްވީ އޮންލައިންކޮށެވެ. މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، ސިޓީ ކައުންސިލްގެ ހެޑް އޮފީހުގައި ކުރީގެ މޭޔަރު ޝިފާ މުހައްމަދާ އެކު އިންނެވިއިރު އެހެން ކައުންސިލަރުން ރަސްމިއްޔާތުގައި ބައިވެރިވީ އޮންލައިން ކޮށެވެ.
ބައެއް ސިޓީ ކައުންސިލްތަކާއި ރަށްރަށުގައި ހުވާ ކުރުމަށް ރަސްމިއްޔާތު ވެސް މިއަދު ވަނީ ބާއްވައިފަ އެވެ.
ހައި ކޯޓުން ނެރެފައިވާ އަމުރާ ގުޅިގެން ބައެއް ރަށްރަށުގެ ކައުންސިލަރުން ހުވާ ކުރުން ވަނީ ފަސްކޮށްފަ އެވެ. އޭގެ ތެރޭގައި ގއ. ކޮޑޭ ކައުންސިލްގެ ރައީސާއި ހއ. ފިއްލަދޫ ކައުންސިލްގެ ރައީސާއި ލ. މާބައިދޫ ކައުންސިލްގެ ރައީސްގެ އިތުރުން ތ. ކަނޑޫދޫ ކައުންސިލް މެންބަރެއް ހިމެނެ އެވެ.
އާ ކައުންސިލަރުން މަގާމާ މިއަދު ހަވާލުވެފައިވާއިރު ލާމަރުކަޒީ ގާނޫނަށް އަލަށް ގެނައި އިސްލާހުތަކާ އެކު ކައުންސިލްތަކަށް ވަނީ ގިނަ ބާރުތަކެއް ދީފަ އެވެ. އޭގެ ތެރޭގައި މާލީ މިނިވަންކަމާއި އަމިއްލައަށް ބޮޑެތި މަޝްރޫތައް ހިންގުން ފަދަ ބާރުތައް ހިމެނެ އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ދެ އިންތިހާބެއް އެކުގައި ބޭއްވިއިރު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް 3،814 ކެންޑިޑޭޓުން ވާދަކުރި އެވެ. މީގެ ތެރެއިން ކައުންސިލްތަކަށް 982 މީހަކު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް 930 މީހުންނާ އެކު ޖުމްލަ 1912 މީހުން އިންތިހާބު ކުރަން ޖެހުނެވެ.
އެ އިންތިހާބުގައި ވެރިކަންކުރާ އެމްޑީޕީން ވަނީ 400 ގޮނޑިއާ އެކު ކައުންސިލުތަކުގެ އަގުލަބިއްޔަތު ނަގައިފަ އެވެ. އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް ކާމިޔާބުވީ 325 ގޮނޑި އެވެ.
ނަމަވެސް، މާލެ ސިޓީ ކައުންސިލްގެ އަގުލަބިއްޔަތާއި ކުރިން އެމްޑީޕީގެ ތާއީދު ބޮޑު ބައެއް ރަށްތަކުން ވެސް މުހިއްމު ގޮނޑިތަކެއް އިދިކޮޅުން ވަނީ ކާމިޔާބުކޮށްފަ އެވެ. މާލެ ފިޔަވައި އެހެން ސިޓީ ކައުންސިލްތަކުގެ މެޖޯރިޓީ ނެގީ އެމްޑީޕީންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment