Advertisement

ތުލުސްދޫ، ބިލެތްފަހި އަދި މާވަށުގެ އިންތިހާބީ ޝަކުވާ ސާބިތެއް ނުވި

17 މޭ 2021 - 00:23 0

ނާޒިމް ހަސަން

ނާޒިމް ހަސަން

ހައިކޯޓު: އިންތިހާބީ ތިން ޝަކުވާއެއް ވަނީ ބޭރުކޮށްލާފައި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު


ތުލުސްދޫ، ބިލެތްފަހި އަދި މާވަށުގެ އިންތިހާބީ ޝަކުވާ ސާބިތެއް ނުވި

17 މޭ 2021 - 00:23 0

ތިން ރަށެއްގެ ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭ ގޮތުން ހައިކޯޓަށް ހުށަހަޅާފައިވާ އިންތިހާބީ ޝަކުވާތައް އެ ކޯޓުން މިރޭ ބޭރުކޮށްލައިފި އެވެ.

ކައުންސިލް އިންތިހާބާ ގުޅިގެން ހުށަހެޅި އިންތިހާބީ ޝަކުވާތަކުގެ ތެރެއިން ހަތް ޝަކުވާއެއް އެ ކޯޓުން ބަލައިގަނެ ކުރިއަށް ގެންދާއިރު ތިން މައްސަލައެއްގައި މިރޭ ހުކުމް ނެރުނެވެ.

މިރޭ ހުކުމް އިއްވާފައިވަނީ ކ. ތުލުސްދޫ، ށ. ބިލެއްފަހި އަދި ލ. މާވަށުގެ އިންތިހާބީ ޝަކުވާއާ ގުޅޭ މައްސަލާގަ އެވެ. މީގެތެރެއިން މާވަށުގެ އިންތިހާބީ ޝަކުވާއަކީ ދެވަނަ ބުރާ ގުޅޭ ޝަކުވާއެކެވެ.

މާވަށުގެ އިންތިހާބީ ޝަކުވާ ހުށަހެޅި އެމްޑީޕީގެ ކެންޑިޑޭޓް، އިންތިހާބު ބާތިލްކޮށް ދިނުމަށް އެދުނީ، އެ އިންތިހާބު ގާނޫނު އަސާސީގެ 26 ވަނަ މާއްދާ އާއި ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނާއި އިންތިހާބުތަކާ ބެހޭ އާންމު ގާނޫނާ ހިލާފު ކަމަށް ބުނެ އެވެ.

ނަމަވެސް، މައްސަލާގައި ޝަރީއަތް ހިންގުމަށްފަހު ހައިކޯޓުން މިރޭ ހުކުމް ކޮށްފައިވަނީ މާވަށުގެ އިންތިހާބު ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފު ކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށެވެ. އެހެންވެ، ކޯޓުން ވަނީ އެ މައްސަލަ ބާތިލްކޮށްފަ އެވެ.

ބިލެއްދޫ އިންތިހާބާ ގުޅިގެން ހުށަހަޅާފައިވާ އިންތިހާބީ ޝަކުވާގައި އެދިފައިވަނީ ވޯޓު ފޮށި އަލުން ކަނޑާ ޗެކްކޮށް، އަލުން އެ ވޯޓު ފޮށި ގުނައި ނަތީޖާ އިއުލާންކުރުމަށް އަމުރުކުރުމަށެވެ. ނަމަވެސް، ހައިކޯޓުން ނިންމީ އެގޮތަށް އަމުރު ކުރާނެ ތަނެއް ނެތް ކަމަށެވެ.

ތުލުސްދޫ އިންތިހާބާ ގުޅޭ ގޮތުން ޝަކުވާ ކޯޓާ ހަމައަށް ދިޔައީ އެއް ކެންޑިޑޭޓްގެ ނިޝާން ނުވަތަ ލޯގޯ ވޯޓު ކަރުދާހުގައި ނުހިމަނަން އިލެކްޝަން ކޮމިޝަނުން ނިންމިއިރު އޭނާއަށް އަންގާފައި ނެތުމުންނެވެ. ޝަކުވާގައި އެދިފައިވަނީ އިންތިހާބު ބާތިލްކޮށް އަލުން ވޯޓުލުން ކުރިއަށް ގެންދަން އަމުރުކޮށްދިނުމަށެވެ.

މައްސަލާގައި ޝަރީއަތް ހިންގުމަށްފަހު ހައިކޯޓުން އިއްވި ހުކުމްގައި ބުނީ، ލޯގޯ ނުހިމަނަން ނިންމި ނިންމުމުން އޭނާއަށް އަންގާފައި ނުވުމަކީ އިލެކްޝަން ކޮމިޝަނުން އިންތިހާބުތަކާ ބެހޭ އާންމު ގާނޫނާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށެވެ. ނަމަވެސް، އެއީ އިންތިހާބުގެ ދާއިމީ ނަތީޖާއަށް ބަދަލު އަތުވެދާނެ ކަމަކަށް ބުރަނުވެވޭތީ، އިންތިހާބު ބާތިލްކޮށް އަލުން ވޯޓުލުން ކުރިއަށް ގެންދަން އަމުރެއް ނެރޭނެ ތަނެއް ނެތް ކަމަށް ހުކުމްގައި ކަނޑައެޅި އެވެ.

އޭޕްރީލް މަހު އިންތިހާބުވި ކައުންސިލަރުން ހުވާ ކުރުން މާދަމާއަށް ހަމަޖެހިފައިވާއިރު، އިންތިހާބީ ހަތަރު ޝަކުވާއެއް އަދިވެސް ހައިކޯޓުގައި ނުނިމި އެބަ އޮތެވެ. އެ ހަތަރު މައްސަލާގައި ހައިކޯޓުން ވަނީ ހުވާ ކުރުން ފަސްކުރުމުގެ އަމުރެއް ނެރެފަ އެވެ.

ފަސްކޮށްފައިވަނީ ތ. ކަނޑޫދޫ ކައުންސިލްގެ މެންބަރުން ހުވާކުރުމާއި ގއ. ކޮނޑޭ އާއި ހއ. ފިއްލަދޫ އަދި ލ. މާބައިދޫގެ އިންތިހާބީ ރައީސުން ހުވާކުރުމެވެ.

ގާނޫނުގައިވާ ގޮތުން، އިންތިހާބީ ޝަކުވާތައް ހައިކޯޓާ ހަަމައަށް ދަނީ އެ ޝަކުވާ އިލެކްޝަން ކޮމިޝަނަށް ހުށަހެޅުމަށްފަހު، އެ ކޮމިޝަންގެ ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ އެވެ. ކައުންސިލް އިންތިހާބާ ގުޅިގެން އިލެކްޝަން ކޮމިޝަނަށް ހުށަހެޅި ގިނަ ޝަކުވާތައް އެ ކޮމިޝަނުން ބަލައިގެންފައެއް ނުވާއިރު، އިންތިހާބުގެ ރަސްމީ ނަތީޖާ މިހާރު ވަނީ އިއުލާންކޮށްފަ އެވެ.