Advertisement

ބްރެޒިލްގެ ކުޅުންތެރިންނާ އެކު ޗައިނާ ޓީމު ކޮލިފައިން އަށް ކޭމްޕް ޖަަހައިފި

16 މޭ 2021 - 20:06 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

އިންގްލެންޑަށް އުފަން ޔެނަރިސް (ވ) އާއި ބްރެޒިލްގެ އެލްކެސެން ޗައިނާ މެޗެއްގެ ތެރެއިން އެ ގައުމުގެ ދިދަ ހިފައިގެން.


ބްރެޒިލްގެ ކުޅުންތެރިންނާ އެކު ޗައިނާ ޓީމު ކޮލިފައިން އަށް ކޭމްޕް ޖަަހައިފި

16 މޭ 2021 - 20:06 0

މި މަހު 30 އިން އަންނަ މަހުގެ 15 އަަށް ސެންޓްރަލައިޒްކޮށް ޗައިނާގައި ކުރިއަށްދާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން މެޗުތަކަށް ޗައިނާ އިން އެ ޓީމަށް ކުޅުމުގެ ފުރުސަތު ދާދި ފަހުން ހޯދި ބްރެޒިލް ކުޅުންތެރިންނާ އެކު ކޭމްޕްކޮށްފި އެވެ.

ޗައިނާ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ދެން މި ކުޅުންތެރިންނަށް ޓީމާ ވަކިވެވޭނީ އަންނަ މަހުގެ 15 ގައި ކޮލިފައިން މެޗުތައް ނިމުމުންނެވެ.

ޗައިނާ އިއްޔެ ކޭމްޕް ކޮށްގެން ޓްރެއިނިންތައް ފެށީ 26 ކުޅުންތެރިންނާ އެކު އެވެ. އެ ކުޅުންތެރިންގެ ތެރޭގައި ޗައިނާގެ ރަށްވެހިކަން ހޯދި ފަހުން މެޗެއް ނުކުޅެ ތިބި ބްރެޒިލަށް ނިސްބަތްވާ ފެނާންޑޯ ހެންރީކޭ އާއި އެލަން ކަވާލިއޯ ވަނީ ހިމަނައިފަ އެވެ. އަދި ޗައިނާގެ ގައުމީ ފުޓްބޯޅަ ޓީމުގައި ހިމެނުނު އެ ގައުމުގެ ދަރިކޮޅަކަށް ނިސްބަތްވާ ނުވާ ފުރަތަމަ ކުޅުންތެރިޔާ ކަމަށްވާ ބްރެޒިލަށް އުފަން އެލްކެސަން ވެސް ވަނީ ޓީމުން ޖާގަ ހޯދައިފަ އެވެ. އެލްކެސަން ވަނީ ރާއްޖެ ކޮޅަށް މާލޭގައި ލަނޑު ޖަހައިފަ އެވެ.

ދެން ސްކޮޑުގައި ހިމެނޭ އަނެއް ކުޅުންތެރިންގެ ތެރޭގައި ރަށްވެހިކަން ބަދަލުކުރި އިނގިރޭސި ދެ ކުޅުންތެރިން ވެސް ހިމެނެ އެވެ. އެއީ އާސެނަލް ޔޫތު ޓީމަށް ކުރިން ކުޅުނު ނިކޯ ޔެނަރިސް އާއި އެވަޓަން އާއި ސަންޑަލެންޑަށް ކުޅުނު ޓައިއަސް ބްރައުނިން ހިމެނެ އެވެ. ބްރައުނިން ވަނީ އިންގްލެންޑްގެ 17، 16 އަދި 21 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅެފަ އެވެ.

ސްކޮޑުގައި ހިމެނޭ ޗައިނާގެ އެންމެ މުހިއްމު ފޯވާޑް ވޫ ލެއީ ޓީމާ ގުޅޭނީ ފަހުންނެވެ. އެއީ އޭނާ ކުޅެމުން އަންނަ ސްޕެއިނުގެ އެސްޕަންޔޯލަށް ސީޒަން ނިމުމުންނެވެ.

ޗައިނާ އިން ކޮލިފައިން ފެށީ 2006 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް އިޓަލީ އަށް ކާމިޔާބު ކޮށްދިން މަޝްހޫރު ކޯޗު މާސެލޯ ލިއްޕީގެ އިރުޝާދުގެ ދަށުންނެވެ. އެކަމަކު މިދިޔަ ނޮވެމްބަރު މަހު ސީރިއާ އަތުން ބަލިވި މެޗަށް ފަހު އެކަށީގެންވާ ނަތީޖާ ނުނެރޭ ކަމަށް ބުނެ ލިއްޕީ މަގާމުން އިސްތިއުފާ ދިނެވެ.

ޗައިނާ ކުޅުންތެރިން އިއްޔެ ކޭމްޕް ޖަހައިގެން ޕްރެކްޓިސް ފެށުމުގެ ކުރިން.


ޗައިނާ ޓީމުން އެ ގައުމަށް ނިސްބަތްނުވާ ކުޅުންތެރިންނަށް ރަށްވެހިކަން ދީގެން ކުޅުވުމަކީ ލިއްޕީގެ އިސްނެގުމުގެ މަތިން ޗައިނާ ފުޓްބޯޅަ ފެޑެރޭޝަނުން ހުއްދަ ދިން ކަމެކެވެ.

ލިއްޕީ ވަކިވުމުން ވަގުތީ ކޯޗެއްގެ ގޮތުގައި ހަމަޖެއްސި ޗައިނާ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ލީ ޓައި އަށް ދާއިމީ ކޮންޓްރެކްޓެއް ދިނީ މި އަހަރު ޖެނުއަރީ މަހުގަ އެވެ.

ތިން ފަހަރެއްގެ މަތިން މީގެ ކުރިން ބާއްވަން ޝެޑިއުލްކުރި ކޮލިފައިން މެޗުތަކަށް ޗައިނާ އިން ވަނީ އެކި ފަހަރު މަތިން ޕްރެކްޓިސް ކޭމްޕްތައް ބާއްވައިފަ އެވެ. މި ފަހަރު ޓްރެއިނިން ކޭމްޕް ފެށީ ކުޅުންތެރިންނަށް ޕާސަނަލް އަދި އިންޑިވިޖުއަލް ޓްރެއިނިންތަކެއް ކުރިއަށްގެންދަން މުއްދަތެއް ދިނުމަށް ފަހު އެވެ.

ގްރޫޕް އޭގެ އެއް ވަނައިގައި މި ވަގުތު އޮތީ ސީރިއާ އެވެ. އެއީ ފަސް މެޗުން 15 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޗައިނާ އާއި ތިން ވަނައިގައި އޮތް ފިލިޕީންސަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ޗައިނާ އިން ހަތް ޕޮއިންޓް ހަމަކުރީ ފިލިޕީންސަށް ވުރެ އެއް މެޗު މަދުން ކުޅެގެންނެވެ. ޗައިނާ އިން ކުޅުނީ ހަތަރު މެޗެވެ. ފިިލިޕީންސް ވަނީ ފަސް މެޗު ކުޅެފަ އެވެ. ހަތަރެއްގައި ރާއްޖެ އޮތީ ފަސް މެޗުން ހަ ޕޮއިންޓާ އެކު އެވެ. އެންމެ ފުލުގައި އޮތް ގުއާމަށް ފަސް މެޗު ކުޅުނު ނަަމަވެސް ޕޮއިންޓެއް ނުލިބެ އެވެ.

ކޮލިފައިން ގްރޫޕްގެ ބާކީ އޮތް އަށް މެޗު ކުޅޭނީ ޗައިނާގެ ސޫޒޯގަ އެވެ. ޗައިނާ އަށް ދެން އޮތީ މި މަހުގެ 30 ގައި ގުއާމާ ދެކޮޅަށް ކުޅޭ މެޗާއި އަންނަ މަހު ތިނެއްގައި ރާއްޖެއާ ބައްދަލުކުރާ މެޗާއި އަންނަ މަހުގެ ނުވައެއްގައި ފިލިޕީންސާ ބައްދަލުކުރާ މެޗުގެ އިތުރުން 15 ވަނަ ދުވަހު ސީރިއާއާ ދެކޮޅަށް ކުޅޭ މެޗެވެ.

ކޮލިފައިން މެޗުތަކަށް ޗައިނާ އަށް ފުރުމުގެ ކުރިން މީގެ ހަތަރު ދުވަސް ކުރިން ރާއްޖޭގެ ގައުމީ ޓީމު ވަނީ ހޮޓެލް ޖެންގައި ކޭމްްޕްކޮށްފަ އެވެ.