Advertisement

ސްޕޯޓްސް ކޯޕަރޭޝަން އޮފީސް ހުސްކުރަން އަންގައިފި

16 މޭ 2021 - 14:28 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ސްޕޯޓްސް ކޯޕަރޭޝަންގެ ބައްދަލުވުމެއްގެ ތެެރެއިން.-- ފޮޓޯ: ސްޕޯޓްސް ކޯޕަރޭޝަން


ސްޕޯޓްސް ކޯޕަރޭޝަން އޮފީސް ހުސްކުރަން އަންގައިފި

16 މޭ 2021 - 14:28 0

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ އޮފީސް ހުސްކުރަން ޔޫތު މިނިސްޓްރީން އަންގައިފި އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި މީގެ ހަފްތާއެއްހާ ދުވަސްކުރިން ޔޫތު މިނިސްޓްރީން ފޮނުވި ސިޓީއެއްގައިވަނީ ގަލޮޅު ދަނޑުގައި ހުރި ސްޕޯޓްސް ކޯޕަރޭޝަންގެ އޮފީސް ޖުލައި މަހު 31 ވަނަ ދުވަހުގެ ކުރިން ހުސްކުރަން ޖެހޭކަން އަންގައިފަ އެވެ.

ރާއްޖޭގެ ކުޅިވަރަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ ވިސްނުމުގައި 2015 ވަނަ އަހަރު އަމަލުކުރަން ފެށި ކުޅިވަރު ގާނޫނުގެ ދަށުން ސްޕޯޓްސް ކޯޕަރޭޝަނަށް ވުޖޫދުވި އެވެ. މިދިޔަ ސަރުކާރާއި މި ސަރުކާރުގައި ތިބި ސްޕޯޓްސް ކޯޕަރޭޝަނުގެ ވެރިންނަށް ވެސް ދިމާވި އެއް ކަމަކީ އެ ކުންފުންޏަށް ގާނޫނުގެ ތެރެއިން ލިބެންޖެހޭ ބާރުތަށް ނުލިބި އޮތުމުގެ މައްސަލަ އެވެ. ކޮންމެ ވެސް ހިސާބަކުން އެ ބާރުތައް ދޭން ސަރުކާރުގައި ތިބޭ އެކި ފަރާތްތަކުން ފަސް ޖެހެނީ އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީގައި ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ ސަރުކާރުގެ ސްޓްރެޓީޖިކް ޕްލޭނާ އެއްގޮތަށް ކުރިއަށްދާއިރު ސްޕޯޓްސް ކޯޕަރޭޝަނަކީ އުވާލަންޖެހޭ ތަނެއް ކަމަށް ގަބޫލުކުރާ ކަމަށް ވިދާޅުވެފަ އެވެ.

އެނގިފައިވާ ގޮތުގައި އޮފީސް ހުސްކުރަން އެންގުމުން ސްޕޯޓްސް ކޯޕަރޭޝަނުގެ އޮތީ ދެ ހުށަހެޅުމެެކެވެ. އެއީ ހެންވޭރު ޔޫތު ސެންޓަރުގެ ގޮތުގައި ކުރިން ބޭނުންކުރި މުނިއުފާ ހުރި ބިން އެ ކޯޕަރޭޝަނަށް ދިނުން ނޫނީ އެހެން އޮފީހެއް ހަަމަޖައްސައިދިނުމެވެ. މީގެ ކުރިން ސްޕޯޓްސް މިނިސްޓްރީ އާއި ސްޕޯޓްސް ކޯޕަރޭޝަން މެދުގައި މުނިއުފާ ހުރި ބިން ސްޕޯޓްސް ކޯޕަރޭޝަނަށް ދިނުމަށް 2017 ވަނަ އަހަރު އެއްބަސްވުމެއް ޑްރާފްޓްކޮށް އެއް ފަރާތުން ސޮއި ވެސް ކުރި އެވެ. އެކަމަކު ފަހުން އެކަން ވެސް މަޑުޖެހުނީ އެވެ.

ކުޅިވަރުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ސްޕޯޓްސް ކޯޕަރޭޝަނުގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގައި ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ކުރިއެރުވުމާއި ސްޕޯޓްސް ޗެނަލް ތަރައްގީކުރުމާއި ކުޅިވަރު ކުޅޭ ފަރާތްތަކުގެ ގާބިލުކަން ކުރިއެރުވޭނެ ޕްރޮގްރާމްތައް ރާވައި ހިންގުމާއި ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އިތުރަށް ކުރިއަރާ ތަމްރީން ހޯދާނެ މަގު ފަހިކޮށްދިނުން ހިމެނެ އެވެ.

މީގެ އިތުރުން އެ ކުންފުނީގެ ބެލުމުގެ ދަށުފައިވާ ކުޅިވަރު ވަސީލަތްތަކުގެ ބޭނުން ކްލަބްތަކާއި އެސޯސިއޭޝަންތަކަށް އަދަލުވެރި މިންގަނޑުން ހިފޭނެ މަގުފަހިކޮށްދީ އެނޫން ފަރާތްތަކަށް އެ މުދަލުން މުއާމަލާތްކޮށް ވިޔަފާރި އުސޫލުން މަންފާ ހޯދުން ވެސް ހިމެނެ އެވެ.

އެކަމަކު މީގެ ތެރޭގައި މި ހުރި ބޮޑެތި ކަންކަން ހާސިލް ނުކުރެވި ހުރި އެންމެ ބޮޑު ސަބަބަކީ ޔޫތު މިނިސްޓްރީ އާއި ސްޕޯޓްސް ކޯޕަރޭޝަންގެ ދެމެދުގައި މަސްއޫލިއްޔަތު އަދާކުރުމުގައި ހުރި ފުށުއެރުންތަކުގެ ސަބަބުންނެވެ.

މިދިޔަ އަހަރު ކުޅިވަރާ ބެހޭ ގާނޫނަށް ކުރީގެ ސްޕޯޓްސް މިނިސްޓަރު އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ހުށަހެޅުއްވި އިސްލާހުގެ ތެރެއިން ސްޕޯޓްސް ކޯޕަރޭޝަންގެ ދައުރު އިތުރަށް ފުޅާކޮށް ކުޅިވަރު ހިންގުމުގައި ހުރި ފުށުއެރުންތައް ނައްތާލުމަށް މަގުފަހިވެގެންދާ ގޮތަށް ގިނަ ބައިތަކެއް ހިމެނި އެވެ.

ސްޕޯޓްސް ކޯޕަރޭޝަނުގެ ޗެއާމަނަކީ ވޮލީބޯލް އެސޯސިއޭޝަންގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އަދި އިންޓަނޭޝަނަލް ބީޗް ވޮލީބޯޅަ ރެފްރީ ހުސެއިން މުހައްމަދު (ވޮލީ ހުސެން) އެވެ. އަދި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ ކުރީގެ މަޝްހޫރު ގޯލްކީޕަރު އަދި ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) އެވެ.

މިހާރު އޮތް ސްޕޯޓްސް ކޯޕަރޭޝަންގެ ދައުރުގައި ރާއްޖޭގެ ކުޅިވަރުގައި އިސްކޮށް އުޅޭ ފަރާތްތަކަށް ސްޕޯޓްސް މާކެޓިންއާ ގުޅޭގޮތުން ބާސެލޯނާގެ ތަޖުރިބާކާރެއްގެ އެހީގައި ވޯކްޝޮޕެއް ބޭއްވި އެވެ. އަދި މުޅި ރާއްޖޭގެ ކުޅިވަރު ތަރައްގީއާ ބެހޭ ރިސާޗެއް ކުރުމަކީ ވެސް ސްޕޯޓްސް ކޯޕަރޭޝަންގެ ތަސައްވުރެކެވެ.

އެ ރިސާޗް ނިމުމުން ރާއްޖޭގެ ވަކި ވަކި ރަށްތަކަށް ބޭނުންވާ ވަސީލަތްތައް ކަރުދާހެއްގެ ޒަރިއްޔާ އިން އެނގޭނެވަރު ކުރެވޭނެކަމަށް ކޯޕަރޭޝަނުން ގަބޫލުކުރެ އެވެ. އަދި ވިޔަފާރި މޮޑިއުލަށް ކުޅިވަރުގެ ކަންކަން ބައްޓަން ކުރަން ޖެހޭ އެކި މަސައްކަތްތައް ކޯޕަރޭޝަނުން ވަނީ ކުރަން ފަށައި އޭގެ ކޮންޓްރެކްޓާ ހަމައަށް ދާން ޖެހޭ ތަފާތު ފަރާތްތަކާ މަޝްވަރާކޮށްފަ އެވެ.