Advertisement

ހެރީގެ ފާޑުކިޔުން ބައްޕާފުޅު ޗާލްސް އާއި ޝާހީ އާއިލާއަށް

އިނގިރޭސި އަމީރު ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލް އަދި ދަރިކަލުން އާޗީ.-- ފޮޓޯ: އީޓީ އޮންލައިން


ހެރީގެ ފާޑުކިޔުން ބައްޕާފުޅު ޗާލްސް އާއި ޝާހީ އާއިލާއަށް

އިނގިރޭސި ވިލާތުގެ ޑިއުކް އޮފް ސަސެކްސް، އަމީރު ހެރީ ބޭނުންވެ ވަޑައިގަންނަވަނީ ކުޑައިރު ދިމާވި "ހިތާމަ އާއި ވޭނާ" ދުރުގައި އަމިއްލަފުޅު ދަރިން ބޮޑުކުރައްވަން ކަމަށް ވިދާޅުވެއްޖެ އެވެ.

ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލްގެ ފުރަތަމަ ދަރިކަލުން އާޗީއަށް ދެ އަހަރު ވެފައި ވާއިރު، ދެ ވަނަ ދަރިކަނބަލަކު ވަރަށް އަވަހަށް ލިބޭނެ އެވެ.

ހެރީ ވިދާޅުވީ ކުޑައިރު އަމިއްލަފުޅަށް ތަޖުރިބާ ކުރެއްވި ވޭނާއި ހިތާމަ ދަރިން ތަހައްމަލު ކުރަން ބޭނުންވެ ވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް އެއްވެސް ބަޔަކަށް "އިނގިލި ދިއްކުރުމުގެ ބޭނުމެއް ނެތް" ކަމަށް ވިދާޅުވި އެވެ.

ހެރީގެ ވާހަކަތަކާ ގުޅިގެން ބަކިންހަމް ޕެލެސް އާއި ކްލެރެންސް ހައުސްއިން ވެސް ވަކި އެއްޗެއް ބުނާކަށް ބޭނުމެއް ނުވި އެވެ.

އާމްޗެއާ އެކްސްޕާޓް ޕޮޑްކާސްޓުގެ އެޕިސޯޑެއްގައި ވާހަކަ ދައްކަވަމުން ހެރީ ވިދާޅުވީ ދިރިއުޅުއްވަން ޖެހުނީ "ދަ ޓްރޫމަން ޝޯ" ފިލްމާ އެއް ގޮތަށް ކަމަށެވެ. އެ ފިލްމުގައި މެއިން ކެރެކްޓަރު ދިރިއުޅެން ޖެހެނީ ޓީވީ ޝޯއެއްގައި ޒޫއެއް ތެރޭގަ އެވެ.

ހެރީ އަދި ބައްޕާފުޅު ޗާލްސް.-- ފޮޓޯ: ފޮކްސް ނިއުސް


ހެރީ ވިދާޅުވީ ޝާހީ އާއިލާއަށް އުފަންވެ ވަޑައިގެންނެވުމަކީ "އެއްވެސް އިހްތިޔާރެއް ނެތި ގިނަ ކަންކަން ކޮނޑުގައި އެޅޭ" ކަމެއް ކަމަށެވެ. ޝާހީ އާއިލާގެ މެމްބަރުންނާ މެދު އިނގިރޭސި މީޑިއާއިން ދެކެނީ އެއީ އެ މީހުންގެ އަމިއްލަ މުދަލުގެ ގޮތުގައި ކަމަށް ވެސް ހެރީ ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ހިޔެއް ނުވޭ އެއްވެސް މީހަކަށް ތުހުމަތުގެ އިނގިލި ދިއްކުރަން ޖެހޭނެ ހެންނެއް. އެކަމަކު ބޮޑުވަމުން އައިއިރު އަޅުގަނޑަށް ވަނީ ކޮންމެވެސް ބާވަތެއްގެ ހިތާމަ އާއި ވޭން ތަހައްމަލް ކުރަން ޖެހިފައި، އެ ވެދާނެ އަޅުގަނޑުގެ ބައްޕަ ނުވަތަ މައިންބަފައިން ބޮޑުވަމުން އައިއިރު އެ ކަންކަން ތަހައްމަލް ކުރީމަ ކަމަށް. އަޅުގަނޑު ޔަގީން ކުރާނީ އެ ވަށްބުރު ހުއްޓުމަކަށް ގެނެސް އަޅުގަނޑުގެ ދަރިންނަށް އެކަން ތަޖުރިބާ ކުރަން ނުޖެހޭނެ ކަން،" އެކްޓަރު ޑެކްސް ޝެޕާޑްގެ ޝޯގައި ހެރީ ވިދާޅުވި އެވެ.

ޕްރިންސް އޮފް ވޭލްސް އަދި ހެރީގެ ބައްޕާފުޅު ޗާލްސްއާ އެ ވާހަކަތަކާ ގުޅޭ ގޮތުން ސުވާލުކުރެއްވުމުން އެއްވެެސް ޖަވާބެއް ދެއްވާފައެއް ނުވެ އެވެ.

ހެރީ އާއި މޭގަން ޝާހީ ޒިންމާތަކާ ދުރަށް ޖެހިވަޑައިގެންނެވީ ޖެނުއަރީ 2020 ގައި.-- ފޮޓޯ: ޕީއޭ މީޑިއާ


އުމުރުން 36 އަހަރުގެ ހެރީ ވިދާޅުވީ ޝާހީ އާއިލާގެ ތެރޭގައި އުޅެން ބޭނުން ނުވާކަން އަމިއްލަފުޅަށް އެނގިވަޑައިގެންނަވަން ފެށީ އުމުރުން 20 އަހަރު ފުރުނު ފަހުން ކަމަށެވެ.

"އަޅުގަނޑު ހިތަށް އެރީ މި ވަޒީފާ ބޭނުމެއް ނޫނޭ. މި ތަނުގައި ހުންނާކަށް ބޭނުމެއް ނޫނޭ. މިކަން ކުރާކަށް ވެސް ބޭނުމެއް ނޫނޭ. ބަލާބަލާށޭ އަޅުގަނޑުގެ މަންމައަށް [ޑަޔާނާއަށް] މިކަމުގެ ތެރެއިން ދިމާވި ގޮތް."

ފަރުދާގެ އަނެއް ފަރާތް އަޅުގަނޑަށް ފެނިފައި ހުރީ، މި ވިޔަފާރި މޮޑެލް ކުރިއަށް ދާ ގޮތް އަޅުގަނޑަށް އެނގޭ. އަޅުގަނޑަށް އެނގޭ މި އޮޕަރޭޝަން ހިނގާ ގޮތާއި ކުރިއަށް ދާ ގޮތް ވެސް. މީގައި ބައިވެރިވާކަށް އަޅުގަނޑު ބޭނުމެއް ނޫން. -- ހެރީ

ގާތްގަޑަކަށް 90 މިނެޓުގެ އިންޓަވިއުގައި ހެރީ ވިދާޅުވީ އޭނާގެ އާއިލާއާ އެކު އެމެރިކާއަށް ބަދަލުވާން ކުރިން ނުވިސްނަވާ ކަމަށެވެ. ނަމަވެސް އަނބިކަނބަލުންގެ ނަފްސާނީ ދުޅަހެޔޮކަމާއި އާއިލާ އަބަދުވެސް ކުރިއަށް ނެރުއްވާނެ ކަމަށް ވިދާޅުވި އެވެ.

އެމެރިކާގެ ލޮސް އެންޖެލްސްގައި މިހާރުގެ ދިރިއުޅުއްވުމާ މެދު ހެރީ ވިދާޅުވީ ދަރިފުޅު އާޗީ ގޮވައިގެން ބައިސްކަލް ދުއްވާލަން މިހާރު ދެވޭ ކަމަށާއި ކުރިން އެ ފުރުސަތު ދުވަހަކު ވެސް ނުލިބޭނެ ކަމަށެވެ.

އިންޓަވިއުގެ ތެރޭގައި ހެރީ ވިދާޅުވީ ދިރިއުޅުއްވުމާއި ވިސްނުންފުޅު އައި ބޮޑެތި ބަދަލުތަކުގެ ފަހަތުގައި އަނބިކަނބަލުން މޭގަންގެ ދައުރެއް ވާ ކަމަށެވެ. އެގޮތުން މޭގަންއާ އެކު ދެކެވުނު ވާހަކަތަކަށް ފަހު ކުޑައިރު ދިމާވި ކަންކަމަށް ފަރުވާ ހޯދަން ތެރަޕީއަށް ދާން ނިންމެވިކަން ހާމަކުރެއްވި އެވެ.