Advertisement

ނޭޕާލުގައި ވެސް ކޮވިޑުގެ ކާރިސާއެއް، އެދެނީ ފަރުވާ ދޭނެ ސާމާނަށް!

ނޭޕާލުގައި ކޮވިޑް ބަލި މީހަކަށް އޮކްސިޖަން ގުޅައިގެން ގެންދަނީ.-- ފޮޓޯ: ގެޓީ އިމޭޖަޒް


ނޭޕާލުގައި ވެސް ކޮވިޑުގެ ކާރިސާއެއް، އެދެނީ ފަރުވާ ދޭނެ ސާމާނަށް!

ނޭޕާލުގެ ކޮވިޑު ކޭސްތައް ކުއްލިއަކަށް އިތުރުވާން ފެށުމަށް ފަހު އެއް ދުވަހެއްގެ ތެރޭގައި ރިކޯޑު އަދަދަކަށް 255 މީހުން އިއްޔެ މަރުވެއްޖެ އެވެ.

އިއްޔެ އެކަނިވެސް 9،483 މީހުން ޕޮޒިޓިވްވެ، ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގެ ތެރޭގައި ހިމެނޭ ނޭޕާލަށް މި ވަނީ އިންޑިއާއަށް ދިމާވެފައިވާ ފަދަ ކާރިސާއެއް ކުރިމަތިވެފަ އެވެ.

އެ ގައުމުގެ ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މަރުވި މީހުންގެ ޖުމްލަ އަދަދަކީ 4،084 އެވެ. އަދި ޕޮޒިޓިވްވި މީހުންގެ ޖުމްލައަކީ 413،111 އެވެ. ނަމަވެސް ފަރުވާ ނުލިބި އަދި ބަލި ޖެހިފައިވާކަން ނޭނގި އެތައް ބަޔަކު ތިބޭނެތީ އަސްލު އަދަދު މިއަށް ވުރެ އެތައް ގުނައެއް އިތުރުވާނެ ކަމަށް ބެލެވެ އެވެ.

ކޮވިޑުގެ ދެ ވަނަ ރާޅެއް ބިންދާލާފައިވާ ނޭޕާލުގައި މިހާރު ކޮންމެ ދުވަހަކު ވެސް އެވްރެޖުކޮށް 8000 މީހުން ޕޮޒިޓިވްވެ އެވެ. މިއީ ޗައިނާ އާއި އިންޑިއާއާ ދެމެދުގައި ފަރުބަދަ މަތީގައިވާ 30 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ނޭޕާލުގެ ސިއްހީ ނިޒާމަށް ނުކަރާ ވަރުގެ އަދަދެކެވެ.

މި ހަފްތާގައި ޕާލިމެންޓުގެ އިތުބާރު ނެތް ކަމަށް ނިންމުމުން ބޮޑު ވަޒީރު ކަމުގެ މަގާމު ގެއްލިފައިވާ ކޭޕީ ޝަރުމާ އޮލީ ދަ ގާޑިއަން ނޫހުގައި ލިޔުއްވި އޮޕީނިއަން އާޓިކަލެއްގައި އެދިވަޑައިގެންނެވީ ހުރިހާ ގައުމަކުން ވެސް ނޭޕާލަށް ސިއްހީ ފަރުވާ ދޭނެ ސާމާނު ހަދިޔާ ކުރުމަށެވެ.

ނޭޕާލުގައި މީހަކު ކޮވިޑަށް ޓެސްޓު ކުރަނީ.-- ފޮޓޯ: ޔުނިސެފް


މި ތަކެތި ވީ އެންމެ އަވަހަކަށް ބޭނުންވާ ކަމަށް އޮލީ ވިދާޅުވިއިރު، ޗައިނާއިން މިހާރު ވެސް ވަނީ އެހީ ފޯރުކޮށްދީފަ އެވެ. އެގޮތުން 400 އޮކްސިޖަން ސިލިންޑަރާއި، 160 އޮކްސިޖަން ކޮންސެންޓްރޭޓަރާއި، 10 ވެންޓިލޭޓަރު އިއްޔެ އެ ގައުމަށް ފޮނުވި އެވެ.

ޗައިނާއިން ވައުދުވެފައި ވަނީ ޖުމްލަ 20،000 އޮކްސިޖަން ސިލިންޑަރާއި އިތުރު އެހީތައް ނޭޕާލަށް ދިނުމަށެވެ. އެ ތަކެތި ނޭޕާލަށް ގެންނަނީ ނޭޕާލް އެއާލައިންސްގެ ހާއްސަ ފްލައިޓެއްގަ އެވެ. ޗައިނާއިން ވައުދުވީ 780،000 އެމެރިކާ ޑޮލަރުގެ ސާމާނު ފޮނުވާށެވެ.

ނޭޕާލުގެ އިތުރުން ދެކުނު އޭޝިއާ ސަރަހައްދުގައި ހާލަތު ގޯސްވެފައިވާ އަފްގާނިސްތާނާއި، ބަންގްލަދޭޝް، ޕާކިސްތާނު އަދި ސްރީ ލަންކާއަށް ވެސް އެހީދޭނެ ކަމަށް މިދިޔަ ހަފްތާގައި ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ ވިދާޅުވި އެވެ.