Advertisement

އިމިގްރޭޝަން ކައުންޓަރުތަކަށް ބާރުބޮޑުވެ، ޓޫރިސްޓުން އެއާޕޯޓްގައި ތާށިވަނީ

3 އޮގަސްޓު 2021 - 17:06 0

އަމަން ހަލީމް

އަމަން ހަލީމް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޖެޓީ މަތީގައި ޓޫރިސްޓުންތަކެއް ފުރަން ތައްޔާރު ވަނީ: މި ދުވަސްވަރު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދުތައް އަންނަނީ އިތުރުވަމުން -- ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު


އިމިގްރޭޝަން ކައުންޓަރުތަކަށް ބާރުބޮޑުވެ، ޓޫރިސްޓުން އެއާޕޯޓްގައި ތާށިވަނީ

3 އޮގަސްޓު 2021 - 17:06 0

ރާއްޖެއަށް އަންނަ ފްލައިޓްތަކާއި ޓޫރިސްޓުން އިތުރުވެ ބައެއް ޓޫރިސްޓުން އިމިގްރޭޝަން ކައުންޓަރުގައި ހޭދަކުރަން ޖެހޭ ވަގުތު އިތުރުވާ މައްސަލަތައް އިތުރުވެފައިވާ ކަމަށް "އަދަދު"އަށް މައުލޫމާތު ލިބިއްޖެ އެވެ.

އެއާޕޯޓުގައި މަސައްކަތް ކުރާ މަތީ ފަންތީގެ ރިސޯޓެއްގެ ރެޕަކު ބުނީ، މިހާރު ބައެއް ޓޫރިސްޓުން އިމިގްރޭޝަން ކައުންޓަރުން އެތެރެވާން ގިނަ އިރުތަކެއް ހޭދަވާ ކަމަށެވެ. އަދި މީގެ ސަބަބުން އެ މީހުން ރިސޯޓަށް ދާން ހަމަޖެހިފައިވާ ޑޮމެސްޓިކް ފްލައިޓް ނުވަތަ ސީޕްލޭން ދަތުރުކުރާ ވަގުތަށް ނުދެވޭ ކަމަށް އޭނާ ބުންޏެވެ.

"އިއްޔެ އައި ގެސްޓުންނަށް އިމިގްރޭޝަން ކްލިއާ ކުރީ ފްލައިޓް ޖެއްސިތާ ތިން ގަޑިއިރު ފަހުން. އޭރު އެ މީހުން ރިސޯޓަށް ދާން އޮތް ލޯކަލް ކަނެކްޝަން ފުރައިފި." އޭނާ ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިމިގްރޭޝަން ކައުންޓަރުތަކަށް ބާރު ބޮޑުވެގެން އުޅެނީ ބައެއް ޓޫރިސްޓުން ރާއްޖެ އެތެރެވުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ މައުލޫމާތު ފުރިހަމަ ނުކޮށް އަންނާތީ އެވެ. މިހާރު އޮންނަ އުސޫލުގެ ތެރެއިން ރާއްޖެއަށް އެތެރެވުމުގެ އިމިގްރޭޝަންގެ "އިމުގަ" ޕޯޓަލްގައި ހުރިހާ ދަތުރުވެރިން ރަޖިސްޓްރީ ވާން ޖެހެ އެވެ.

މި މައްސަލަ އެންމެ ބޮޑަށް ދިމާވަނީ މެންދުރު ފަހުން ކަމަށް އެއާޕޯޓުން މައުލޫމާތު ދިން އެހެން މީހަކު ވަނީ ބުނެފަ އެވެ. އަދި އެ ގަޑީގައި ގިނަ އަދަދެއްގެ ފްލައިޓްތަކެއް ރާއްޖެ އަންނަ އިރު، ލަސްވާ މައްސަލައިގައި ގިނަ ޓޫރިސްޓުން ޝަކުވާ ކުރާ ކަމަށް ބުންޏެވެ.

"ވަރަށް މައްސަލަ ޖައްސާ އެ މީހުން. ޓްރާންސިޓު ހޮޓެލަށް އަގު ދައްކަން ޖެހޭތީ ވެސް މައްސަލަ ޖައްސާ. އަދި މި ދުވަސްކޮޅު އެތަންތަނަށް ވެސް ބާރު ބޮޑު ކަމުން ފަސޭހައެއް ނޫން ރޫމެއް ހޯދަން ވެސް," އޭނާ ބުންޏެވެ.

އިމިގްރޭޝަން ކައުންޓަރުތަކުގައި ގިނަ އިރުވާ މައްސަލައިގައި އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު އަހުމަދު (ހަނަފީ) "އަދަދު"އަށް ވިދާޅުވީ، ލަސްވަނީ ރާއްޖެ އެތެރެވަނީ ސައްހަ މައުލޫމާތު ދީގެން ކަން އިމިގްރޭޝަނުން ކަށަވަރު ކުރަން ޖެހޭތީ ކަމަށެވެ. އަދި ބައެއް މީހުން ރާއްޖެ އެތެރެވުމުގެ ކުރިން ފުރަން ޖެހޭ މައުލޫމާތުތައް ފުރިހަމަ ނުކުރާތީ އިމިގްރޭޝަންގައި ހޭދަކުރަން ޖެހޭ ވަގުތު ދިގުލައިގެން ދަނީ ކަމަށް ވިދާޅުވި އެވެ.

"ވާގޮތަކީ އަންނަ ރިކުއާމަންޓްސްތަކާ އެއްޗެހި ފުލްފިލް ނުކޮށް، މިހާރު ބަލަން ޖެހޭނެތާ. އަޅުގަނޑުމެންތާ ބަލަން ޖެހޭނީ އަންނަ ގެސްޓްހައުސްތަކާ ބުކިންއާ މި ހުރިހާ އެއްޗެއް ހަމަތޯ. ދެން ބައެއް ފަހަރު ނުގަވައިދުން އެތެރެވާން ބައެއް ފަރާތްތަކުން މަސައްކަތްކުރާތީ، އެކަހަލަ ކްރައުޑެއް ދިމާވެއްޖެއްޔާ މައްސަލަ ދިމާވޭ." ހަނަފީ ވިދާޅުވި އެވެ.

މި މައްސަލަ ހައްލުކުރަން އިމިގްރޭޝަނުން އަންނަނީ އިމުގަ ޕޯޓަލްގެ ކަންކަން ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އިމިގްރޭޝަން ކައުންޓަރާ ހަމަޔަށް އައުމުގެ ކުރިން ކޮންމެހެން ބޭނުންވާ މައުލޫމާތު އެނގޭނެ ފަދަ ގޮތަކަށް ޕޯޓަލްގެ ކަންކަން ބައްޓަން ކުރަން މަސައްކަތް ކުރަމުންދާ ކަމަށް ހަނަފީ ވިދާޅުވި އެވެ. އަދި އަމާޒަކީ ކުރިޔަށް މިއޮތް ޕީކް ސީޒަންގެ ކުރިން އެ މަސައްކަތް ނިންމާލަން ކަމަށް އޭނާ ވިދާޅުވި އެވެ.

ދަތުރުކުރުމުގައި ބޮޑެތި ލުއިތަކެއް ދިނުމާ އެކު، ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދުތައް ވަނީ އިތުރުވެފަ އެވެ. އަދި މީގެ ތެރޭގައި ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އަންނަ ފަރާތްތަކުގެ އިތުރުން ދެކުނު އޭޝިއާ ގައުމުތަކުން ކަރަންޓީނު ވާން އަންނަ މީހުންގެ އަދަދުތައް ވެސް ވަނީ އިތުރުވެފަ އެވެ.