2 މޭ 2021 - 23:52 0
އައްޒާމް އަލިފުޅު
ލަނޑު ޖެހުމަށް ފަހު މާޒިޔާގެ ޓަކާ އުފާފާޅުކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު
2 މޭ 2021 - 23:52 0
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބް އީގަލްސް އަތުން 4-0 އިން މޮޅުވެ، ބޮޑު ލީޑަކާ އެކު މާޒިޔާ އިން ލީގުގެ އެއް ވަނައިގައި ހަމަޖެހިލައިފި އެވެ.
މިރޭގެ މެޗަށް ފަހު ލީގުގެ ދެ ވަނަ ބުރުގެ ކުޅުން ނިމުނުއިރު، އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އެއް ވަނައިގައި އޮތީ ނުވަ ޕޮއިންޓުގެ ލީޑަކާ އެކު އެވެ. މާޒިޔާ އަށް 14 މެޗުން 34 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ވެލެންސިއާ އަށް 14 މެޗުން ލިބިފައިވަނީ 25 ޕޮއިންޓެވެ. މިރޭގެ މެޗުން މޮޅުވެގެން ތިން ވަަނަ އަށް އެރުމުގެ ފުރުސަތު އީގަލްސް އަށް އޮތެވެ. އެކަމަކު ބަލިވުމުން އެ ޓީމު އޮތީ ލީގުގެ ހަތަރެއްގަ އެވެ. އެއީ 14 މެޗުން 17 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތީ 14 މެޗުން 19 ޕޮއިންޓާ އެކު ކްލަބް ގްރީން ސްޓްރީޓްސް އެވެ.
ލީގުގެ ފަސް ވަނައިގައި އޮތީ 14 މެޗުން 16 ޕޮއިންޓާ އެކު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އެވެ. ހަ ވަނައިގައި އޮތީ 14 މެޗުން 15 ޕޮއިންޓާ އެކު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ. ހަތް ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް 14 މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު، މި ބުރު ތިން މޮޅާ އެކު ނިންމާލި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އެންމެ ފުލުގައި އޮތީ 14 މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ.
އީގަލްސް އިން މިރޭގެ މެޗަށް ނުކުތްއިރު، ސަސްޕެންޝަނުގެ ސަބަބުން އެ ޓީމުގެ ކެޕްޓަން ހުސެއިން ސިފާއު (ކުރޯ) އާއި މިސްރު ފޯވާޑް މުހައްމަދު އުސާމާ ނުކުޅެ އެވެ. މެދުކެނޑުމަކަށް ފަހު ހިސާމް ސަލީމް (ކޮކީ) އަށް އީގަލްސް ފުރަތަމަ އެގާރައިން ވަނީ ފުރުސަތު ލިބިފަ އެވެ.
ފުރަތަމަ މިނިޓުން ފެށިގެން މާޒިޔާ އިން އެޓޭކްކުރި މިރޭގެ މެޗުގައި ފުރަތަމަ 10 މިނިޓް ތެރޭ ނުރައްކާތެރި ތިން ފުރުސަތެއް އިން ތަނަވަސްކުރި އެވެ. ތިން ވަނަ މިނިޓްގައި މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) ހުސްކޮށްލާފައި ހުރަސްކޮށްލި ބޯޅައެއް ޖަހަން ކުޅުންތެރިއަކު އަރައި ނެތެވެ. އޭގެ މިނިޓެއް ފަހުން އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ދިން ބޯޅައަކުން އޭރިއާތެރެއިން ސެއިން ވިންސެންޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) ޖެހި ޝޮޓް ދިޔައީ ބޭރުންނެވެ. އަދި ނުވަ ވަނަ މިނިޓްގައި ހަމްޕު ހިލޭ ޖެހުމަކުން ނެގި ބޯޅަ އިބްރާހިމް އައިސަމް ބޮލުން ފޮނުވާލުމުން އީގަލްސްގެ ލެބަނަން ކީޕަރު މުހައްމަދު ތޯހާ ވަނީ މަތަކޮށްފަ އެވެ.
މެޗުގެ 23 ވަނަ މިނިޓްގައި މާޒިޔާ އިން ލީޑުނެގުމާ ގާތަށް ޖެހިލި އެވެ. އޭރިއާތެރެއިން ލިބުނު ފުރުސަތަކުން ކޯނޭ ޖެހި ޝޮޓް ގޯލު ރޮނގުމަތިން ސަލާމަތްކުރީ އީގަލްސްގެ ޒުވާން ފޯވާޑް ޒައިން ޒަފަރު އެވެ. އޭގެ ދެ މިނިޓް ފަހުން މާޒިޔާ އިން ވަނީ ގޯލެއް ޖަހައިފަ އެވެ. ކޯނަރަކުން ހަމްޕު ނަގައިދިން ބޯޅަ ޖަޕާނުގެ މިޑްފީލްޑަރު ޓަކާޝީ އޮޑަވާރާ (ޓަކާ) ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. މިއީ އޭނާ މާޒިޔާ އަށް ކާމިޔާބު ކޮށްދިން ދެ ވަަނަ ގޯލެވެ.
މާޒިޔާ އިން ލީޑުނެގި ފަހުން އީގަލްސް އިން މެޗުގެ ތެރެއަށް ވަދެ ކުޅެން ފެށި އެވެ. އެ ގޮތުން މެޗުގެ 31 ވަަނަ މިނިޓްގައި އޭރިއާ ރޮނގުކައިރިން އީގަލްސްގެ މިސްރު ޑިފެންޑަރު އެލްސައީދު މެއިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ޖެހި ޝޮޓް ދިޔައި ދަނޑިކައިރިން ބޭރުންނެވެ. އޭގެ ހަތް މިނިޓް ފަހުން އީގަލްސްގެ ހަސަން ރާއިފް އަހުމަދު (ހަންނަ) ނެގި ހުރަހެއް މާޒިޔާ ކީޕަރު ހުސެއިން ޝަރީފަށް ރަނގަޅަށް އަތްނުލެވި ބޭރުވީ ގޯލުގެ ހުރަސްދަނޑީގައި ޖެހިފަ އެވެ.
ލަނޑު ޖެހުމަށް ފަހު ފޭދޫ އިއްބެ އުފާފާޅުކުރަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު
ފުރަތަމަ ހާފުގެ އިތުރު ވަގުުތުގައި މާޒިޔާ އިން ދެ ވަނަ ލަނޑެއް ޖެހި އެވެ. މި ގޯލު ކާމިޔާބުކުރީ ފޭދޫ އިއްބެ އެވެ. މާޒިޔާ ހާފްގެ ތެރެއިން އީގަލްސްގެ ކުޅުންތެރިން އަތުން ގެއްލުނު ބޯޅައެއް އަވަސްކޮށްލައި ކައުންޓަ އެޓޭކެއްގައި އީގަލްސް އޭރިއާ ރޮނގުކައިރިން ކޯނޭ ޖެހި ޝޮޓް ބްލޮކްވެގެން އޭރިއާތެރެއިން ލިބުނީ ފޭދޫ އިއްބެ އަށެވެ. އީގަލްސްގެ ކީޕަރު ތޯހާ ނުކުމެ ހުރުމުން އޭގެ ފައިދާނަގައި ފޭދޫ އިއްބެ ވަނީ ކީޕަރު ތޯހާ ބޯމަތިން ގޯލުގެ ތެރެއަށް ބޯޅަ ވައްޓާލައިފަ އެވެ. އެ ބޯޅަ ގޯލަށް ވަނީ ހުރަސްދަނޑީގައި ޖެހިފަ އެވެ.
ދެ ވަނަ ހާފް ފަށައިގެން އީގަލްސް އިން އެޓޭކްކުރަން މަސައްކަތްކުރަމުން ދަނިކޮށް ދެން ވެސް ގޯލު ޖެހީ މާޒިޔާ އިންނެވެ. މެޗުގެ 53 ވަނަ މިނިޓްގައި މި ގޯލު ކާމިޔާބުކުރީ މި ސީޒަނުގައި ތަފާތު ފޯމެއްގައި ހުރި ހަމްޕު އެވެ. އޭރިއާބޭރުން ހަމްޕު ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ. އޭފެ ފަހުން ކޯނޭ ޖެހި ޝޮޓެއް ކީޕަރު ތޯހާ ވަނީ މަތަކޮށްފަ އެވެ.
މެޗުގެ 65 ވަނަ މިނިޓްގައި މާޒިޔާގެ ހަތަރު ވަނަ ގޯލު ޕެނަލްޓީ އަކުން ކާމިޔާބުކުރީ ކޯނޭ އެވެ. މިއީ އީގަލްސް އަހުމަދު ނޫމާން (ހެލްމެޓް) އޭރިއާތެރެއިން ފޭދޫ އިއްބެ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.
އިތުރު ގޯލެއް ޖަހަން މާޒިޔާ އިން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ. ބަދަލު ކުޅުންތެރިންގެ ގޮތުގައި ފަހުން އެރި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި ނާއިޒު ހަސަން (ދާދު) އެޓޭކްގައި ބައިވެރިވެ ގޯލު ޖަހަން ފުރުސަތު ތަނަވަސްކުރެވޭތޯ މަސައްކަތްކުރި އެވެ.
މާޒިޔާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ބުނީ މި މެޗުގެ ދެ ހާފް ދިޔައީ ދެ ގޮތަށް ކަމަށާއި ފުރަތަމަ ހާފުގައި ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފި ދިޔައިރު ދެ ވަނަ ހާފްގައި އެކަން ރަނގަޅުކުރި ކަމަށެވެ.
"މި ނުވަ ޕޮއިންޓުގެ ލީޑު ނެގެން އޮތްކަން އެނގުމުން ކުޅުންތެރިން ބުރަކޮށް މަސައްކަތް ކޮށްގެން އެކަން ހާސިލްކޮށްފި. ދެން އޮތީ އަހަރެމެންނަށް ދެން އޮތް ޗެލެންޖް. އެއީ އޭއެފްސީ ކަޕް،" ވިޑަކޮވިޗް ބުންޏެވެ.
މިއީ އީގަލްސްގެ ކޯޗުކަމާ މުހައްމަދު ޝާޒްލީ (ޝާޒް) ހަވާލުވި ފަހުން އެ ޓީމު ބަލިވި ފުރަތަމަ މެޗެވެ. މި މެޗުގެ ކުރިން ޝާޒްގެ ކޯޗުކަމުގައި އީގަލްސް ކުޅުނު ހަ މެޗުގެ ތެރެއިން ތިން މެޗުން އެ ޓީމު މޮޅުވިއިރު، އަނެއް ތިން މެޗު ނިމުނީ އެއްވަރުވެގެންނެވެ. އަނެއްކޮޅުން މިއީ މި ސީޒަނުގައި އީގަލްސް އަތުން މާޒިޔާ އަށް ލިބުނު ފުރަތަމަ މޮޅެވެ. ޗެރިޓީ ޝީލްޑް މެޗުން މާޒިޔާ އަތުން އީގަލްސް 3-2 އިން މޮޅުވިއިރު، ލީގުގެ ފުރަތަމަ ބުރުގައި މި ދެ ޓީމުގެ ކުރިމަތިލުން ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
ޝާޒް ބުނީ ބަލިވުމުން މިއީ އެއްގޮތަކަށް ވެސް ހިތްހަމަޖެހޭ ނަތީޖާ އެކޭ ނުބުނެވޭނެ ކަމަށާއި އެކަމަކު މި ނަތީޖާ މިހެން ނުކުތުމުގެ ސަބަބުތަކެއް ވެސް އެބަހުރި ކަމަށެވެ. އެ ގޮތުން މީގެ ތިން ދުވަސް ކުރިން އީގަލްސް އިން ވަރުގަދަ މެޗެއް ވެލެންސިއާއާ އެކު ކުޅެފައި ރިކަވާކޮށްގެން ނުކުންނަން ޖެހުނީ މާ ރަނގަޅަށް ރިކަވާވެފައި އޮތް ލީގުގެ އެންމެ ވަރުގަދަ ޓީމާ ދެކޮޅަށް ކަން ޝާޒް ފާހަގަކުރި އެވެ.
"މާޒިޔާ އަކީ ލީގުގެ އެންމެ ސްޓްރޯންގް އެއް ޓީމު. މީގެ ވިސްނާލަން ޖެހޭ ކަމަކީ އީގަލްސް ކުޅެމުން އައި ގޮތް މެޗުތައް. ކޮންމެ ގޮތެއް ވިޔަސް ދެ ވަނަ ބުރު އެންމެނަށް ނިމިގެން އައިއިރު އީގަލްސް އަށް މީނީ ބާކީ ދެ މެޗު އައިސްފައި. މިވާގޮތަކީ ވެލެންސިއާއާ ކުޅުނުއިރު ވެސް މި ކަން ދައްކާނެ ވެލެންސިއާ މެޗެއް ނުކުޅެ އައިސްފައި އީގަލްސްއާ ކުޅުނީ. ހަމައެގޮތަށް މާޒިޔާއާ އެއްކޮށް ވެސް. މާޒިޔާ މި އިންނަނީ އީގަލްސް ދެ މެޗު ކުޅުނުއިރު ވެސް ނުކުޅެ. އެހެންވީމަ އެއީ އަސްލު ޓެކްނިކަލީ އުނދަގޫ ކަމެއް. އެއީ މި ވަރުގެ ޓީމަކާ ކުޅޭއިރު އުނދަގޫ ކަމެއް އެ ފިޓްނަސް އެ ސްޓެމިނާ ބައިންދަން،" ޝާޒް ބުންޏެވެ.
"މިހެން ބުނީމަ ބުނެފާނެ ބަލިވާ ދުވަހު އެ ވާހަކަ ދައްކަނީއޭ. އެހެނެއް ނޫން. އެކަމަކު މާޒިޔާ ވެސް ކުޅެމުން އައި ނަމަ އެ ތަފާތެއް ނުދައްކާނެ"
ޝާޒްގެ އެ ވާހަކަތަކާ ބެހޭގޮތުން ވިޑަކޮވިޗް ބުނީ ޝެޑިއުލްގައި ހުންނަ އެ ކަހަލަ ކަންތައްތަކާ ބެހޭގޮތުން އޭނާ ވާހަކަ ނުދައްކާނެ ކަމަށާއި އެ ގޮތަށް ކައިރި ކައިރީގައި މާޒިޔާ ވެސް މެޗުތަކެއް ކުޅުނީ އެ ކަހަލަ ޝަކުވާއެއް ކުރުމެއް ނެތި ކަމަށެވެ.
ލީގުގެ ތިން ވަނަ ބުރު ފަށާނީ ބޮޑު ބްރޭކަކަށް ފަހު އެވެ. އެއީ މި މަހު 14-21 އަށް މާލޭގައި ކުރިއަށްދާ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕް ސްޓޭޖުގެ މެޗުތަކާއި މި މަހު 30 އިން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާގައި ކުޅޭ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން މެޗުތަކަށް ފަހު އެވެ. އެފްއޭއެމް އިން ކްލަބްތަކާ ހިއްސާކޮށްފައިވާ ޑްރާފްޓް ޝެޑިއުލްގައިވާ ގޮތުން ލީގުގެ ތިން ވަނަ ބުރު ފަށާނީ ޖޫން 21 ވަނަ ދުވަހު އެވެ.
Comment